އެވިޑް ކޮލެޖުގައި ފަރަންސޭސި ބަސް ކިޔަވައިދޭން ފަށަނީ

އެވިޑް ކޮލެޖުން ފަރަންސޭސިވިލާތުގެ އެލަޔަންސް ފްރަންސައިޒްއާ އެކު ފަހުމުނާމާގައި ސޮއިކުރުމުގެ ތެރެއިން--

އެވިޑް ކޮލެޖުގައި ފަރަންސޭސި ބަހުގެ ކުރު ކޯސްތަކެއް ހިންގުމަށް، ރާއްޖޭގައި ހުންނަ ފަރަންސޭސިވިލާތުގެ އެލަޔަންސް ފްރަންސައިޒްއާ އެކު ފަހުމުނާމާއެއްގައި ސޮއިކޮށްފިއެވެ.

މި ފަހުނާމާގެ ދަށުން ކުރިއަށް އޮތް ތަނުގައި އެ ކޮލެޖުގެ ފެކަލްޓީީ އޮފް އާރޓްސް އެންޑް ލިޓްރޭޗާގައި ފަރަންސޭސި ބަސް ކުރުމުއްދަތުގެ ކޯސްތަކުގެ ގޮތުގައްޔާއި އެކި ފެންވަރުގެ ސަނަދުތަކަށް ބިނާކޮށްގެން ކިޔަވައިދޭން ފެށޭނެ ކަމަށް އެ ކޮލެޖުން ބުނެއެވެ.

މި ކޯސްތަކާ ގުޅޭ ގޮތުން އެވިޑް ކޮލެޖުގެ ފެކަލްޓީީ އޮފް އާޓްސް އެންޑް ލިޓްރޭޗާގެ ޑީން އަޝްރަފް އަލީ "ސަން"އަށް ވިދާޅުވީ ފަރަންސޭސި ބަހުގެ ކޯސްތައް ފެށުމަށް ޓަކައި ވާން ޖެހޭ އިލްމީ އަދި ފަންނީ ތައްޔާރީތަކުގެ މަސައްކަތް މިހާރު ފެށިފައިވާ ކަމަށެވެ. އެގޮތުން މި ކޯސްތަކަށް ބޭނުންވާ މުގައްރަރު އެކުލަވާލުމުގެ މަސައްކަތް މިހާރު ކުރަމުން އަންނަ ކަމަށެވެ.

ފަރަންސޭސި ބަހުގެ ކޯސްތަކުގެ އިތުރުން، މި ފަހުނާމާގެ ދަށުން ދެ ގައުމުގެ ސަގާފީ ކަންކަމާއި އިލްމީ ކަންކަން ހިއްސާކުރުމަށް ބައެއް މައިދާނީ ދަތުރުތައް ވެސް ކުރުމަށް ހަމަޖެހިފައިވާ ކަމަށް އަޝްރަފް ވިދާޅުވިއެވެ.

ފަރަންސޭސި ބަސް އެވިޑުގައި ކިޔަވައިދޭން ފެށުން ވެގެން ދާނީ ފަތުރުވެރިކަމުގެ ދާއިރާގައި މަސައްކަތް ކުރާ މީހުންނަށް ވެސް ރަނުގެ ފުރުސަތަކަށް ކަން ފާހަގަކުރައްވާ އަޝްރަފް އިތުރަށް ވިދާޅުވީ މި ޕްރޮގްރާމްތަކުގެ އެއް މަގްސަދަކީ އުނގެނޭ އުނގެނުން ތަކަކީ ދެކެވޭ ވާހަކަތަކަކށް ވުރެ، އެކަމުގެ ސަބަބުން އާމްދަނީ ހޯދުމަށް ގޮތްތަކެއް ފަހިކޮށްދިނުން ކަމަށެވެ.

"މި ބަސް އުނގެނޭ ކުދިންނަށް ފަތުރުވެރިކަމުގެ ދާއިރާގައި ފުރުސަތުތައް ފަހިވާނެ ކަމަށް އަޅުގަނޑުމެން މި ބަލަނީ، އެއީ ފަރަންސޭސިވިލާތަކީ ވަރަށް ގިނަ ފަތުރުވެރިން ރާއްޖެ ޒިޔާރަތް ކުރާ ގައުމެއް، އެހެންވީމަ އެގޮތަށް ޒިޔާރަތް ކުރާ ފަރާތްތަކާ އެމީހުންގެ ބަހުން ވާހަކަ ދައްކަން ދަންނަ ބަޔަކު ތިބުމަކީ ގައުމަށް އަދި އެ ދާއިރާއަށް މިހާރަށް ވުރެ ބޮޑަށް ޝައުގުވެރިކަން އިތުރުވާނެ ކަމެއް،" އަޝްރަފް ވިދާޅުވިއެވެ.

އަޝްރަފް ވިދާޅުވީ އަންނަ ޖެނުއަރީ މަހުގެ ތެރޭގައި ކުރު މުއްދަތުގެ ކޯސްތައް ފެށޭނެ ކަމަށެވެ.

comment ކޮމެންޓް