ހައިޕާ ސޮނިކް މިސައިލް ޓެކްނޮލޮޖީއާއެކު ޗައިނާއަށް އެމެރިކާ ޗިސްކޮށްލެވިދާނެބާ!

މިދިޔަ އޮގަސްޓްމަހު ޗައިނާ އިން އަޖުމަ ބަލާފައިވަނީ އަޑަށް ވުރެ 4 ގުނަ ބާރަށް ދަތުރުކުރާ ހައިޕާ ސޮނިކް މިސައިލެއްގެ އެވެ. މި މިސައިލް އޭގެ އަމާޒަށް ވާސިލްވެފައިވަނީ ދުނިޔެ ވަށައިގެން ބުރެއް ޖެހުމަށްފަހުގައެވެ.

އެމެރިކާ ސިފައިންގެ ޖޮއިންޓް ޗީފްސް އޮފް ސްޓާފްގެ ނައިބު ޖެނެރަލް ޖޯން ހީޓެން ވިދާޅުވެފައިވާ ގޮތުގައި ޗައިނާގެ ހައިޕާ ސޮނިކް މިސައިލްގައި ހިމެނޭ ހަމަލާދޭބައި ވައްޓާލާފައިވަނީ އެބާރުމިނުގައި އެމިސައިލް ޖައްވުގައި ދަތުރުކޮށް ދުނިޔެ ވަށައިގެން ބުރެއްޖެހުމަށްފަހުގައެވެ. ހަމަލާދޭބައި ވައްޓާލާފައިވަނީ ވަރަށް އެކިއުރޭޓްކޮށް މީހުން ނޫޅޭ ޗައިނާގެ ހަނަފަސް ބިމަކަށްކަމަށްވެސް ޖެނެރަލް ހީޓެން ވިދާޅުވެފައިވެއެވެ.

ޗައިނާ މި މިސައިލް ތަޖްރިބާކުރިކަން އެމެރިކާގެ އަސްކަރިއްޔާއަށް އެނގުނު ކަމަށްވަނީ ފަޒާގެ ތިރީ އޯބިޓެއްގައި އެ މިސައިލް ދަތުރުކުރަމުން ދަނިކޮށެވެ. އޭގެކުރިން އެ މިސައިލް އުދުއްސާލިއިރު އެމެރިކާގެ ރާޑަރުތަކަށް އެމިސައިލް ގެ އަރާފައިނުވާކަމަށް "ފައިނޭންޝަލް ޓައިމްސް" އިން ބުނެފައިވެއެވެ.

ޗައިނާގެ ހައިޕާ ސޮނިކް މިސައިލާ ގުޅިގެން އެމެރިކާ ކަންބޮޑުވުން ފާޅުކުރި އެއް ސަބަބަކީ އެމިސައިލް އުދުއްސާލި ވަގުތު އެކަން ދެނެގަތުމުގައި އެމެރިކާގެ ރާޑަރުތައް ފޭލްވުމެވެ. އަނެއް ސަބަބަކީ އަޑަށްވުރެ އެތައް ގުނައެއް ބާރަށް ދަތުކުރާ މިފެންވަރުގެ ހައިޕާ ސޮނިކް މިސައިލެއް އަދި އެމެރިކާއަށް އުފެއްދިފައި ނުވާތީއެވެ. ހައިޕާ ސޮނިކް މިސައިލެއް އުފެއްދުމަށް މިހާތަނަށް އެމެރިކާ ކުރި މަސައްކަތް ވަނީ ނާކާމިޔާބުވެފައެވެ.

ޗައިނާ ތަޖްރިބާކުރި ހައިޕާސޮނިކް މިސައިލަކީ ނިއުކްލިޔާ ވޯހެޑް އުފުލުމުގެ ގާބިލްކަންވެސް ލިބިފައިވާ މިސައިލެކެވެ. އެމެރިކާގެ މިސައިލް ތަޖްރިކާރުންގެ ދެބޭފުޅަކާ ހަވާލާދީ ފަރަންސޭސި މަޖައްލާއެއްކަމަށްވާ "ލޯބްސް" ބުނެފައިވާގޮތުގައި އެމެރިކާގެ ހަގީގީ ކަންބޮޑުވުމަކީ މިފަދަ ޒަމާނީ ޓެކްނޮލޮޖީގައި އެހާ އަވަސް މިނެއްގައި ޗައިނާއާ ވާދަކުރުމަށް މުސްތަގްބަލްގައި އެމެރިކާ ނުކުޅެދިފާނެކަމުގެ ބިރު އޮތުމެވެ.

މިހާރުގެ ހާލަތަށްބަލާއިރު ޗައިނާ ތަޖްރިބާކުރި ހައިޕާ ސޮނިކް މިސައިލް ބޭނުންކޮށްގެން އެމެރިކާއަށް ނިއުކްލިޔާ ހަލަމާއެއް ދޭން ޗައިނާ ނިންމައިފިނަމަ އެމެރިކާއަތުގައި ހުރި ސްޓްރެޓީޖިކް މިސައިލްތައް ބޭނުންކޮށްގެން ޗައިނާގެ ހަމަލާއަށް އެމެރިކާއަށް ރައްދު ދެވޭނީ އެތަށް އިރެއްފަހުންނެވެ. އޭގެކުރިން ހައިޕާ ސޮނިކް މިސައިލް ބޭނުންކޮށްގެން އެމެރިކާއަށް ނިއުކްލިޔާ އެތައް އެތައް ހަމަލާތަކެއް މަދު މިނިޓު ކޮޅެއްގެ ތެރޭގައި ދީ އެމެރިކާ ޗިސްކޮށްލައި ރައްދު ނުދެވޭވަރު އެމެރިކާއަށް ކޮށްލުމުގެ ފުރުސަތު ޗައިނާއަށް އެބައޮތެވެ.

އެމެރިކާގެ އަސްކަރިއްޔާ

މާނައަކީ ޗައިނާ ފުރަތަމަ ހަމަލާދިނުމުން އޭގެ ރައްދުގައި އެމެރިކާ އަތުގައި މިހާރުހުރި ސްޓްރެޓީޖިކް މިސައިލް ބޭނުންކޮށްގެން ޗައިނާއަށް ރައްދު ނުދެވެނީސް ހައިޕާ ސޮނިކް މިސައިލް ބޭނުންކޮށްގެން އެމެރިކާއަށް ޖެހިޖެހިގެން އެތަށް ހަމަލާއެއްދީ އެމެރިކާ ޗިސްކޮށްލުމުގެ ގާބިލްކަން ޗައިނާއަށް ލިބިފައިވުމެވެ. އެމެރިކާގެ ހަގީގީ ކަންބޮޑު ވުމަކީ މިއީއެވެ.

ނިއުކްލިޔާ ހަތިޔާރުގެ އަދަދަށް ބަލާއިރު އެމެރިކާގައި މިހާރުވެސް 3،750 ނިއުކްލިއާ ވޯހެޑް އެބަހުއްޓެވެ. ޗައިނާގައި ހުރިކަމަށްވަނީ ގާތްގަނޑަކަށް 350 ނިއުކްލިޔާ ވޯހެޑް އެވެ. މައްސަލައަކީ ނިއުކްލިޔާ ހަތިޔާރުގެ އަދަދެއް ނޫނެވެ. ހަމަލާދީފައި ރައްދު ނުދެވޭފަދަ ހާލަތަކަށް ދިޔުމެވެ.

ޗައިނާގެ ހައިޕާ ސޮނިކް ރޮކެޓް ޓެކްނޮލޮޖީއާބެހޭގޮތުން އެމެރިކާގެ ޖޮއިންޓް ޗީފްސް އޮފް ސްޓާފް ގެ ނައިބު އަދި އެމެރިކާ ސިފައިންގެ ދެވަނައަށް އެންމެ އިސް އޮފްސަރު ޖެނެރަލް ޖޯން ހީޓެން ވިދާޅުވެފައިވާގޮތުގައި ޗައިނާގެ ހައިޕާ ސޮނިކް ރޮކެޓް ޓެކްނޮލޮޖީ ތަރައްގީ ކޮށްފައިވަނީ ޗައިނާ ރައްޔިތުންނަށް ހަމަލާ ދޭކަށް ނޫނެވެ. ހަނގުރާމައެއް ފެށިއްޖެނަމަ އޭނާގެ ޝިކާރައަކަށް ވެގެންދާނީ އެމެރިކާ އެވެ.

ޓެކްނޮލޮޖީއަށް ރައްދު ނުދެވޭހާ ހާލަތުގައި އެމެރިކާ އޮތުމުން ދަނޑިވަޅު ބަލާފައި ޗައިނާއިން ޓައިވާނަށް ކުއްލި ހަމަލާއެއް ދީ ޗައިނާގެ ކޮންޓްރޯލްގެ ދަށަށް ޗައިނާ ގެނަސްފާނެކަމުގެ ކަންބޮޑުވުން އެމެރިކާ ވަރަށް ބޮޑަށް އިހްސާސްކުރެއެވެ. ޓައިވާނަކީ 1949 ވަނައަހަރު އެމެރިކާގެ އެހީއާއެކު ޗައިނާއާ ވަކިވެގަނެގެން އުޅޭ ޗައިނާގެ ސަރަހައްދެކެވެ. ޗައިނާވަނީ ބާރުގެ ބޭނުންކޮށްގެންވެސް އެސަރަހައްދު ޗައިނާގެ ބާރުގެ ދަށަށް ގެންނާނެކަން އެތަށް ފަހަރަކު ހާމަކޮށްފައެވެ.

ޗައިނާގެ ސްޓްރެޓީޖިކް މިސައިލް

"ލޯބްސް" މަޖައްލާ ބުނާގޮތުން ހައިޕާ ސޮނިކް މިސައިލް ޓެކްނޮލޮޖީއާއެކު ދުނިޔޭގެ އަސްކަރީ މަސްރަހުގައި ޗައިނާގެ ބާރު އިންތިހާއަށް ގަދަވެގެންދާނެއެވެ. އަދި އެމެރިކާ ހިމެނޭގޮތަށް ދުނިޔޭގެ ބޮޑެތި ހުރިހާ ބާރުތަކެއް ޗައިނާދެކެ އިންތިހާއަށް ޖެހިލުންވެ ޗައިނާއަށް އިހްތިރާމް ކުރަން މަޖްބޫރުވާނެއެވެ. ޗައިނާ ތަޖްރިބާކުރި ހައިޕާ ސޮނިކް މިސައިލް ޓެކްނޮލޮޖީގެ މާނައަކީ ސްޓްރެޓީޖިކް ޓެކްނޮލޮޖީގައި އެމެރިކާގެ މައްޗަށް ޗައިނާ ކުރިހޯދުމެވެ.

ރަޝިޔާވެސް މިހާރުވަނީ، އަޑަށް ވުރެ ބާރަށް ދަތުރުކުރާ ސުޕާސޮނިކް މިސައިލެއް އުފައްދައި އޭގެ އަޖުމަ ބަލާފައެވެ. ނަމަވެސް ރަޝިއާ އަޖުމަ ބަލާފައިވަނީ އަޑަށްވުރެ ބާރަށް ދަތުކުރާ ސުޕާ ސޮނިކް މިސައިލެއްގެއެވެ. ޗައިނާ ތަޖްރިބާކުރިފަދަ އަޑަށްވުރެ ހަތަރުގުނަ ބާރަށް ދަތުކުރާ ހައިޕާ ސޮނިކް މިސައިލެއްގެ އެއްނޫނެވެ.

ޗައިނާއާއި ރަޝިއާގެ ހައިޕާ އަދި ސުޕާ ސޮނިކް ޓެންނޮލޮޖީއަށް ބަލާފައި އެމެރިކާ މިހާރު އެންމެ ބޮޑު އިސްކަމެއް ދީގެން ކުރަމުން އަންނަ ކަމަކީ އަޑަށް ވުރެ ބާރަށް ދަތުރުކުރާ ސުޕާސޮނިކް މިސައިލެއް އުފެއްދުމުގެ މަސައްކަތެވެ. މިމިސައިލްގެ ގެ އަޖުމަބެލުމުގެ ތަޖްރިބާ މާލަސްތަކެއް ނުވެ އެމެރިކާ ކުރާނެކަމަށްވަނީ ބެލެވިފައެވެ.

ނަމަވެސް މިވަރުން އެމެރިކާގެ ކަންބޮޑުވުން ހުއްޓުމަކަށް ނާންނާނެއެވެ. "ލޯބްސް" މަޖައްލާ ބުނާގޮތުން އެމެރިކާގެ ކަންބޮޑުވުމަކީ އެމެރިކާއަށް ވަދަކުރަން އުނދަނގޫ ޓެކްނޮލޮޖީތައް މުސްތަގްބަލްގައި ޗައިނާ ތަރައްގީ ކުރާނެތީއެވެ.

ޗައިނާ އަސްކަރީ ޓެކްނޮލޮޖީ ތަރައްގީކުރާ ގޮތާބެހޭގޮތުން އެމެރިކާގެ އަސްކަރިއްޔާގެ ދެވަނައަށް އެންމެ އިސް އޮފްސަރު ޖެނެރަލް ޖޯން ހީޓެން ވިދާޅުވެފައިވާގޮތުގައި ޗައިނާ ޒަމާނީ އަސްކަރީ ޓެކްނޮލޮޖީ ތަރައްގީ ކުރަމުންގެންދަނީ ޚުދު އެމެރިކާގެ އަސްކަރިއްޔާއަށް ހައިރާންކަންލިބޭފަދަ ގޮތަކަށެވެ. މާނައަކީ ޗައިނާ އުފައްދާ މަތީފެންވަރުގެ އަސްކަރީ ޓެކްނޮލޮޖީއާ ވާދަކުރަން ނުވަތަ ކޯޕްކުރަން އެމެރިކާއަށް ދަތިވާފަދަ ހާލަތަކަށް ދިޔުމެވެ. ނަމަވެސް އެމެރިކާގެ މަސްއޫލުވެރިޔާ ސީދާ މިއިބާރާތް ބޭނުން ކުރައްވާފައެއް ނުވެއެވެ.

comment ކޮމެންޓް