ދަރިވަރުންނާ ނުގުޅޭ، ދީނާ ހިލާފު ބައެއް ކަންކަން ސުކޫލުގައި ހިނގި ކަމަށް ބުނެ ގއ. ކޮނޑޭ ބެލެނިވެރިން ދެއްކި ވާހަކަތައް އެޑިއުކޭޝަން މިނިސްޓްރީން ދޮގުކޮށްފިއެވެ.
ކޮނޑޭ ސުކޫލުގެ ބެލެނިވެރިން ވަނީ އެ ސުކޫލުގެ ބިދޭސީ ދެ ޓީޗަރެއްގެ ކަންބޮޑުވުން ފާޅުކޮށްފައެވެ. އެގޮތުން ކްރިއޭޓިވް އާޓްސް ގަޑީގައި ދަރިވަރުން ލައްވާ ކްރިސްމަސް ގަހެއް ހެދުވި ކަމަށް ބުނާ މައްސަލައެއްގެ އިތުރުން އެ ސުކޫލުގެ އިނގިރޭސި މުދައްރިސަކު އިސްލާމް ފޮތެއް އެއްލާލައި، އެއީ ނަރަކަވަންތަ ފޮތެއް ކަމަށް ބުނި ވާހަކައާ ގުޅިގެން ވެސް ބެލެނިވެރިން އަންނަނީ ނުރުހުން ފާޅުކުރަމުންނެވެ.
މި ދެ ޓީޗަރުންނަށް ފިޔަވަޅު އެޅުމަށް ރަށު ސުކޫލުގެ ބެލެނިވެރިން އަންނަނީ ގޮވައިލަމުންނެވެ.
މި މައްސަލަތަކާ ގުޅިގެން އެޑިއުކޭޝަން މިނިސްޓްރީގެ ޕާމަނަންޓް ސެކްރެޓަރީ އަހުމަދު އަލީ މިރޭ "ސަން"އަށް ވިދާޅުވީ ބެލެނިވެރިން ދައްކަމުން އަންނަނީ އެއްވެސް ހަގީގަތެއް ނެތް ވާހަކަތަކެއް ކަމަށެވެ.
އަހުމަދު އަލީ ވިދާޅުވީ ކްރިއޭޓިވް އާޓްސް ގަޑީގައި ހަދައިފައިވަނީ ކްރިސްމަސް ގަހެއް ނޫން ކަމަށާއި އެއީ އެފަދަ ގަހެއް ކަމަށް ދަރިވަރުން ގާތުގައި ވެސް ޓީޗަރަކު ބުނެފައި ނުވާ ކަމަށެވެ.
"ކްރިސްމަސް ޓްރީއެކޭ އަޅުގަނޑުމެންނަށް ކީދާނެދޯ އަޅުގަނޑުމެން ހަދާ ކޮންމެ އެއްޗަކަށް ވެސް، އެ ދެކޭ ގޮތަކުން ބަލާ ގޮތަކުން، އެކަމަކު އެއީ ކްރިސްމަސް ޓްރީއެއް ނޫން، އަނެއްހެން ބައްލަވާލީމަ ވެސް އެނގޭނެ ކަންނޭނގެ އެކަން [ކްރިސްމަސް ގަހެއް ނޫންކަން]،" އަހުމަދު އަލީ ވިދާޅުވިއެވެ.
"ޓީޗަރެއް ވެސް ނުބުނޭ އެއީ ކްރިސްމަސް ޓްރީއެކޭ، ގައިމު ކްރިސްމަސް ޓްރީއެއް ވެސް ނޫން ހެއްދީކީ،"
އޭނާ އިތުރަށް ވިދާޅުވީ އެ ދުވަހުގެ ކްލާހުގައި އެކި ދަރިވަރުން ހަދައިފައިވަނީ އެކިއެކި ކްލިޕްއާޓުތައް ބަލައިގެން ކަމަށާއި ކްރިސްމަސް ޓްރީއެއް ކަމަށް ބުނެ ދައްކަމުން އަންނަނީ "ބެންޔަން ޓްރީ"އެއްގެ ކްލިޕްއާޓެއް ބަލައިގެން ހެދި ގަހެއް ކަމަށެވެ.
"ބެންޔަން ޓްރީއެއް ކްލިޕްއާޓެއް ގޮތަށް އިންނައިރު އިންނާނީ އެކަހަލަ ގޮތަކަށް، އެހެންވީމަ އެކުދިންނަށް ކްރިއޭޓިވް އާޓްސް ގަޑީގައި އެކިއެކި މޮޑެލްތައް ކުދިން ލައްވައި، ކަރުދާހުން ހެއްދިއިރު އެ ކުއްޖާ ހެދި އެއްޗަކީ އެއީ ދެން،" އަހުމަދު އަލީ ވިދާޅުވިއެވެ.
ކޮނޑޭ ސުކޫލުގެ އިނގިރޭސި ކިޔަވައިދޭ ބިދޭސީ މުވައްޒަފަކު އިސްލާމް ފޮތް އެއްލައިލި ކަމަށް ބުނެ ބެލެނިވެރިން ދައްކަމުން އަންނަ ވާހަކަތަކާ ގުޅިގެން އަހުމަދު އަލީ ވިދާޅުވީ ޓީޗަރު ފޮތެއް އެއްލައިލައިފައިނުވާ ކަމަށެވެ.
އެކަން ހިނގައިދިޔަ ގޮތް ބެލުމުން އެ ފޮތްތައް ބިންމައްޗަށް ވެއްޓުނީ ކަން އެނގިފައިވާ ކަމަށް ވެސް އޭނާ ފާހަގަކުރިއެވެ.
"އެއީ މޭޒުމަތީގައި އޮތް ހިސާބު ފޮތަކާއި އިސްލާމް ފޮތަކާ، އެ ފޮތްތައް އެ ގަޑީގަ ޓީޗަރު އަތުން ބިންމައްޗަށް ވެއްޓުނީ، ވެއްޓުނީ ދެން ޓީޗަރު އެ ފޮތްތައް ނަގާނެތޯ،" އޭނާ ވިދާޅުވިއެވެ.
ހަމައެހެންމެ އެޑިއުކޭޝަނުން މިހާތަނަށް ބެލިބެލުމުން އެ ޓީޗަރު އިސްލާމް ފޮތަކީ "ނަރަކަވަންތަ" ފޮތޭ ކިޔައިގެން ވާހަކަ ނުދައްކާ ކަން އެނގިފައިވާ ކަމަށް ވެސް ވިދާޅުވިއެވެ.
މި ވާހަކަތައް ދައްކަނީ ބެލެނިވެރިއަކު "ބޮޑުކޮށްގެން" ކަމަށާއި ޓީޗަރު އިސްލާމް ފޮތް އެއްލާލި ވާހަކަ ދަރިވަރު ބުނެފައިނުވާ ކަމަށް ބެލެނިވެރިޔާ ވެސް އެއްބަސްވި ކަމަށް އަހުމަދު އަލީ ވިދާޅުވިއެވެ.
އަހުމަދު އަލީ އިތުރަށް ވިދާޅުވީ މި ބާވަތުގެ ކަންކަން ސުކޫލެއްގައި ހިނގާނަމަ އެ މައްސަލައެއް މިނިސްޓްރީ އޮފް އެޑިއުކޭޝަނުން ބަލައި، ތަހުގީގުކޮށް އަޅަން ޖެހުނު ފިޔަވަޅެއް އަޅާނެ ކަމަށެވެ. އަދި މިހާތަނަށް ބަލައިފައި ހުރި މައްސަލަތަކުގައި ވެސް ފިޔަވަޅެއް އަޅަން ޖެހުނު ނަމަ އަޅައި، ރާއްޖެއިން ބޭރަށް ފޮނުވައިލަން ޖެހުނު ނަމަ އެކަން ވެސް ކޮށްފައިވާނެ ކަން ފާހަގަކުރެއްވިއެވެ.