އިސްލާމް ފޮތަކީ ނަރަކަ ފޮތް ކަމަށް ބުނެ އެއްލާލި މައްސަލައެއް

ކޮނޑޭ ސުކޫލު--

ގއ. ކޮނޑޭ ސުކޫލުގައި މަސައްކަތް ކުރާ ބިދޭސީ ޓީޗަރަކު، އިސްލާމް ފޮތަކީ "ނަރަކަ ފޮތް" ކަމަށް ބުނެ އެއްލާލި މައްސަލައެއް ފެންމަތިވެއްޖެއެވެ.

މިކަން ހިނގި ގޮތް ކިޔައިދެމުން ކޮނޑޭ ސުކޫލުގެ ދަރިވަރެއްގެ ބެލެނިވެރިއަކު "ސަން" އަށް ބުނީ މި ކަން ހިނގައިފައިވަނީ އިނގިރޭސި ގަޑީގައި ކަމަށެވެ.

ކަން ހިނގި ގޮތް އެނގޭ ބެލެނިވެރިއަކު ބުނީ އިނގިރޭސި ގަޑިއަށް އެ ދުވަހު ކުއްޖަކަށް ހާޒިރުވެވުނީ އެ މާއްދާގެ ފޮތް ނުލައި ކަމަށާއި އެ ކުއްޖާއަށް އެ ފޮތުގެ ބަދަލުގައި އޮޅިގެން ގެންދެވުނީ އިސްލާމް ފޮތް ކަމަށެވެ. އަދި ޓީޗަރު އެކަމާ ވަރަށް ނުރުހުންވެ، އެ ފޮތް އެއްލާލި ކަމަށް ކުދިން ކިޔައިދިން ކަމަށް ބެލެނިވެރިޔާ ބުންޏެވެ.

"ކުއްޖާ ބުނީ އޮޅިގެން އިސްލާމް ފޮތް ގެނެވުނު ކަމަށް، ދެން ކުދިން ބުނަނީ އެކަމާ ރުޅިގަދަވެގެން މިސް އުޅުނު ކަމަށް، ދެން ޓީޗަރު ބުނި ކަމަށް ވަނީ ކީއްކުރަންހޭ ނަރަކަ ފޮތް ގެންނަނީ، ކިޔާފަ ފޮތް އެއްލާލީ،" ބެލެނިވެރިޔާ ކިޔައިދިނެވެ.

މިކަން ހިނގިކަން އެކުއްޖާގެ ބެލެނިވެރިޔާއަށް އެނގުމުން، އެ ބެލެނިވެރިޔާ ވަނީ ޓީޗަރުންނާއެކު ތިބި ވައިބާ ގުރޫޕުގައި އެ ވާހަކަ ހިއްސާކޮށް، އެކަމާ ކަންބޮޑުވުން ފާޅުކޮށްފައެވެ.

އެރަށު ސުކޫލުގެ އިތުރު ބެލެނިވެރިއަކު ބުނި ގޮތުގައި އެ މައްސަލަ މާ ބޮޑު ކަމަކަށް ނުހަދަން ކުދިންނަށް ސުކޫލުން އެންގިއެވެ.

"ވައިބާ ގުރޫޕުގަ ބެލެނިވެރިޔާ އެ ވާހަކަ ލިޔުނީ. އޭގެ އަނެއް ދުވަހު ކުދިން ސުކޫލަށް ދިޔައިމަ ޓީޗަރު ބުނި ކަމަށް ވަނީ، އެއީ އެވަރު ކަމެއް ނޫނޭ. އިނގިރޭސި މިސް ކުޑަކޮށް ރުޅި އައިސް ހުރީމަ ވީ ގޮތެކޭ އެއީ، އެ ވާހަކަ ދެން އިތުރަށް ނުދައްކާށޭ،" ބެލެނިވެރިޔާ ކިޔައިދިނެވެ.

މި މައްސަލަ ބޮޑު މައްސަލައެއްގެ ގޮތުގައި ނުނެގުމަށް ކުދިން ގާތުން އެދުމުން ގިނަ ބެލެނިވެރިން ވަނީ އެކަމާ ކަންބޮޑުވުން ފާޅުކޮށްފައެވެ. ބެލެނިވެރިން ބުނާ ގޮތުގައި މިފަދަ ކަންކަމަކީ ސީރިއަސް ކޮށް ބަލަން ޖެހޭ ކަންކަމެވެ.

"ކިހިނެތް މިކަން ނުވާ ކަމަކަށް ހަދާނީ؟ އިސްލާމް ފޮތަށް ނަރަކަ ފޮތަށް ތުއްތުކުދިން ގާތު ގޮވުމުގެ ބޭނުމަކީ ކޮބާ؟ މިކަންކަމަކީ ސީރިއަސް ކޮށް ބަލަން ޖެހޭނެ ކަންކަން، ދީނީ ކަންކަމާ ގުޅިފައި ހުންނަ ކަންކަމަކީ ދޫކޮށްލެވޭނެ ކަންކަމެއް ނޫން އެހާ ފަސޭހައިން،" ކަންބޮޑުވުން ހިއްސާކުރި ބެލެނިވެރިއަކު ބުންޏެވެ.

ބެލެނިވެރިން ބުނީ ސުކޫލުން އެކަން ބަލަމުން އަންނަ ކަމަށް ބުނި ނަމަވެސް ހަތަރު ދުވަހަށް ވުރެ ގިނަ ދުވަސް ވެގެންދިޔައިރު އެކަމަށް ފިޔަަވަޅު ނޭޅުމުން ކަންބޮޑުވާ ކަމަށެވެ. އަދި މިކަން ހިނގައިދިޔަ ފަހުން ވެސް އެ ޓީޗަރު ގަޑިތައް ނަގައިދީފައިވާ ކަން ފާހަގަކުރިއެވެ.

ކޮނޑޭ ސުކޫލުގައި އިނގިރޭސި ކިޔަވައިދޭ ބިދޭސީ އަންހެން ޓީޗަރަކީ، އެ ސުކޫލުގައި 12 އަހަރަށް ވުރެ ގިނަ ދުވަހު މަސައްކަތްކޮށްފައިވާ ޓީޗަރެއް ކަމަށް ބެލެނިވެރިން ބުނެއެވެ.

މި މައްސަލައިގެ އިތުރުން ވެސް އެ ޓީޗަރުގެ މިފަދަ އިތުރު މައްސަލައެއް ވެސް މީގެ ދެ އަހަރެއްހާ ދުވަސް ކުރިން ފެންމަތިވިކަން "ސަން"އާ ވާހަކަ ދެއްކި ބެލެނިވެރިން ފާހަގަކުރިއެވެ.

އެހެންނަމަވެސް އެ މައްސަލަަ އެކަށީގެންވާ ގޮތެއްގައި ބަލައިފައިނުވާއިރު، އެކަމާ ގުޅިގެން ފިޔަވަޅެއް ވެސް އަޅައިފައިވާ ނުވާ ކަމަށް ބެލެނިވެރިން ބުނެއެވެ.

comment ކޮމެންޓް