ދިވެހި ފުލުހުންނަށް މިއަދު ދީފައިވާ ހަމައެކަނި ބާރަކީ މަގުމައްޗަށް ނުކުމެ، ވެހިކަލްތަކުގައި ސްޓިކާ ޖެހުން ކަމަށް ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ވިދާޅުވެއްޖެއެވެ.
އުމަރު މިހެން ވިދާޅުވީ މަސްތުވާތަކެއްޗާ ގުޅުންހުރި ތަފާތު މައްސަލަތަކުގައި މީހުން ރަހީނު ކޮށްގެން ފައިސާ ފޭރުމާއި ވައްކަންކުރުމާއި، ބިރުދެއްކުން ފަދަ ނުރައްކާތެރި އަމަލުތައް މުޖުތަމައު ތެރޭގައި ގިނަވަމުން އަންނަ ދުވަސްވަރެއްގައެވެ.
މިފަދަ ޖަރީމާތައް ހުއްޓުވާން ފުލުހުން އެކަށީގެންވާ ގޮތެއްގައި މަސައްކަތް ނުކުރާކަމަށް ބުނެ، ގިނަ ބައެއްގެ ފާޑިކިޔުންތައް އަންނަނީ އެ މުއައްސަސާއަށް އަމާޒު ވަމުންނެވެ.
"ސަން"އަށް ދެއްވި އެކްސްކްލޫސިވް އިންޓަވިއުއެއްގައި އުމަރު ވިދާޅުވީ މިއަދުގެ ހާލަތަކީ، ރާއްޖޭގައި ތިބި ހަތަރު ހާހެއްހާ ފުލުހުންނަކީ ބާރުކެނޑިފައި ތިބި ބައެއް ކަމަށެވެ. އަދި ވިދާޅުވީ މީހަކާމެދު އެއްވެސް ފިޔަވަޅެއް ފުލުހުން އަޅައިފި ނަމަ، އެމީހުން ދަމާ ހަތަރު އިދާރާއެއް އޮންނަ ކަމަށެވެ.
"މިހާރު ހަތަރު ލޭޔަރެއް އެބައޮވޭ ފުލުހުން އަމަލުކުރީ ރަނގަޅަށްތޯ ބަލައި. ފުރަތަމަ ލޭޔަރަކީ ފުލުހުންގެ ތެރޭގަ އޮންނަ ކޮމެޓީއެއް. ދެވަނަ ލޭޔަރަކީ ޕޮލިސް އިންޓަގްރިޓީ ކޮމިޝަން. ތިން ވަނަ ލޭޔަރަކީ ހިއުމަން ރައިޓްސް ކޮމިޝަން. ހަތަރު ވަނަ ލޭޔަރަކީ މި ސަރުކާރު އައިސް އަލަށް އުފެއްދި ފުލުހުންގެ ބޯޑު ކިޔާ ބޯޑެއް. އެހެން ވުމުގެ ސަބަބުން ފުލުހުން އެ ތިބީ ވާގި ނެތިފަ. އެމީހުންގެ ބާރު ކެނޑިފަ މިއޮތީ އަސްލުގަ،" އުމަރު ވިދާޅުވިއެވެ.
އުމަރު ވިދާޅުވީ ވޭތުވެދިޔަ ފަނަރަ އަހަރުދުވަހު، މި ކުރި މަސައްކަތަކީ ފުލުހުންގެ އަތުން ބާރުތައް އަތުލުން ކަމަށެވެ. އެގޮތުން ކޮންމެ ގާނޫނަކާއި ގަވާއިދެއް ހަދާއިރުގައި ވެސް، ގެންދިޔައީ ފުލުހުންގެ އަތުން ބާރުތައް އަތުލަމުން ކަމަށެވެ.
އޭނާ ވިދާޅުވީ ފުލުހުންގެ ބާރު ކެނޑިއްޖެނަމަ ކުށްކުރާ މީހުންގެ ބާރު ގަދަވާނެ ކަމަށެވެ. އެހެންކަމުން މިއަދު މި ފެންނަނީ ކުށްކުރާ މީހުންގެ ބާރު ގަދަވެގެން އުޅޭ މަންޒަރު ކަމަށެވެ.
"އެހެންވީމަ މުޅި ގާނޫނު އެއްކޮށް އެންފޯސްމެންޓުގެ ބާރު ކެނޑިގެން މި އުޅެނީ. އެހެންވެގެން މީހުން މަގުމަތިން ދަމައިގަނެގެން ރަހީނު ކުރަނީ. މުސްކުޅިން ގައިގަ ތަޅައިގަންނަނީ. މަސްތުވާތަކެތި ބޭނުން ކުރުން ހަމައިން ނެއްޓިގެން އުޅެނީ. މި ހުރިހާ ކަމެއް ވެގެން މި އުޅެނީ އެހެންވެގެން އަސްލުގަ،" އުމަރު ވިދާޅުވިއެވެ.
އުމަރު ވިދާޅުވީ ބަލައިލި ކޮންމެ ދިމާލަކުން ވެސް މިއަދު ފެންނަނީ ގާނޫނު ވާގިނެތިފައިވާ މަންޒަރު ކަމަށެވެ.
އޭނާ ވިދާޅުވީ މި ފަދަ މައްސަލަތައް ހައްލު ކުރުމަށް އޮތް ހަމައެކަނި ހައްލަކީ ފުލުހުންނަށް އަަނބުރާ ބާރުތައް ދިނުމަށްފަހުގައި އެމީހުން އަޅަމުން އަންނަ ފިޔަވަޅުތައް ދައުލަތުން ބަލަމުން ގެންދިއުން ކަމަށެވެ. އޭގެ ތެރޭގައި ކޯޓު މަރުހަލާގެ އެންމެހާ ކަންކަން ވެސް އަވަސް ކުރުން ކަމަށެވެ.
އޭނާ ވިދާޅުވީ ރާއްޖޭގައި އަމަންއަމާންކަން ގާއިމުކުރަން ބޭނުންވާނަމަ އޮތް ހަމައެކަނި ހައްލަކީ ފުލުހުންގެ އަތަށް ބާރުތައް އަނބުރާ ދިނުން ކަމަށެވެ. އެނޫން އެހެން އެއްވެސް ގޮތެއް ނެތް ކަމަށެވެ.
އުމަރު ވިދާޅުވީ އިންޑިއާއަކީ ވެސް ބިލިއަން މީހުން ދިރުއުޅޭ ގައުމެއް ކަމަށާއި އެހެނަސް ފުލުހުންގެ އަދަދު ބޮލަކަށްޖެހޭ އަދަދު ރާއްޖެއަށްވުރެ، މަދުވާނެ ކަމަށެވެ. އަދި ވިދާޅުވީ އިންޑިއާގައި ފުލުހުންނަށް ދީފައިވާ ބާރުތަކުގެ ސަބަބުން އެމީހުން ދެކެ، ރައްޔިތުން ބިރުގަނެ ޖެހިލުންވާނެ ކަމަށެވެ.
ކުރިއަށް އޮތް 2023 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި އަމިއްލަގޮތުން ވާދަ ކުރައްވާނެކަން އިއުލާނު ކުރައްވާފައިވާ އުމަރު ވިދާޅުވީ އޭނާގެ ވެރިކަމެއްގައި ފުރަތަމަ ކަމެއްގެ ގޮތުގައި ކުރައްވާނެ ކަމަކީ ވެސް ފުލުހުންގެ އަތަށް ބާރުތައް އަނބުރާ ދިނުން ކަމަށާއި ދެވަނަ ކަމެއްގެ ގޮތުގައި މަގުމަތިވެގެން އެ އުޅޭ މީހުންގެ މައްސަލަ ހައްލު ކުރައްވާނެ ކަމަށެވެ.
"ދައުލަތުގަ އެބަހުރި ރިސޯސް މިކަން ހަމަޖައްސާނެ. އެކަމަކު ދައުލަތުގަ ނެތް އައިޑިއާއެއް. ދައުލަތުގަ ވިލް އެއް ނެތް މިކަން ހަމަޖައްސާނެ. އެހެންވީމަ ރާއްޖޭގެ އަމާންކަން ސިގްނިފިކަންޓް ޗޭންޖެއް ހަ މަސްދުވަސް ތެރޭގަ މީހުންނަށް ފެންނާނެ. ބުނާނެ އާނ މިހާރު ރާއްޖޭގެ އަމަންއަމާންކަމަށް ބަދަލު އައިސްފިއޭ،" އުމަރު ވިދާޅުވިއެވެ.
އިތުރަށް އުމަރު ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ ކަމުގައި އޭނާ ހުންނަވާތާ ހައެއްކަ މަސް ތެރޭގައި، ރާއްޖޭގެ މަޝްރަހު އެއްކޮށް ބަދަލުވެއްޖެ ކަމުގެ އުފާ ރައްޔިތުން ކުރަން ފަށާނެ ކަމަށެވެ.