ޖަކާޓާ (ޑިސެންބަރު 5) : އިންޑޮނޭޝިޔާގެ ޖާވާގައި ހުންނަ އެންމެ ބޮޑު އަލިފާން ފަރުބަދަ ކަމަށްވާ ސެމެރޫ ފަރުބަދަ ގޮވުމާއެކު އަލިފާނާއެކު ނުކުތް އަޅިއާއި ދުމުގެ ސަބަބުން 13 މީހުން މަރުވެ ހާހަކަށްވުރެ ގިނަމީހުން ފިހިއްޖެއެވެ.
ޑިޒާސްޓާ މެނޭޖްމަންޓާބެހޭ އިންޑޮނީޝިއާގެ ވުޒާރާ ބުނާގޮތުން ސެމެރޫ ފަރުބަދަ ގޮވައި އެއިން ބޯދުންތަކާ އަދި އަލިފާނާއެކު އަޅި (ލާވާ) އަރަންފެށީ ކުއްލިއަކަށެވެ. މި ހާދިސާގައި މަރުވެ އަދި ޒަޚަމްވީ އެފަރުބަދަ ގޮވިއިރު އެތަނާ ކައިރީގައި ތިބި ބައެކެވެ.
ސެމެރޫ ފަރުބަދަ ގޮވުމާއެކު އަޅީގެ ބޯދުންތަކާއި އަލިފާނާއެކު ނުކުތް އަޅީގެ ސަބަބުން އެސަރަހައްދުގެ ކައިރީގައިވާ އަވަށްތަކުގެ އެއްބަޔަކުވަނީ ގެދޮރު ދޫކޮށް އަމިއްލައަށް ފިލާފައެވެ. އަދި އަވަށްތަކުގެ ބައެއް ސަރަހައްދުތައްވަނީ އަލިފާނާއެކު ނުކުތް އަޅިން (ލާވާ) އިން ފޮރުވިފައެވެ. ޑިޒާސްޓާ މެނޭޖްމަންޓާބެހޭ އިންޑޮނީޝިއާގެ ވުޒާރާ އިން ގެންދަނީ ސެމެރޫ ފަރުބަދަ އާ ކައިރީގައިވާ އަވަށްތަކުގެ މީހުން ރައްކާތެރި ތަންތަނަށް ގެންދިޔުމަށް އެހީތެރިވަމުންނެވެ.
މިހާތަނަށް ހާހަކަށްވުރެ ގިނަ މީހުން ރައްކާތެރި ތަންތަނަށް ގެންގޮސްފައިވާއިރު އިތުރުމީހުން ގެންދިޔުމުގެ މަސައްކަތްދަނީ ކުރަމުންނެވެ. މީގެއިތުރުން ސެމެރޫ ފަރުބަދަ އާ ކައިރީގައިވާ ފަރުބަދަތަކުގައި ދިރިއުޅޭ މީހުންގެ ތެރެއިން ބައެއް މީހުން ލާވާގެ ސަބަބުން ތާށިވެފައިވާކަމަށްވެސް ޚަބަރުތައް ބުނެއެވެ. އެފަދަ މީހުން ހޯދުމަށް ސިފައިން ގެންދަނީ ހެލިކޮޕްޓަރުތަކުގައި މަސައްކަތް ކުރަމުންނެވެ.
ސެމެރޫ ފަރުބަދަ ގޮވުމާއެކު ނުކުތް ބޯ ދުންތަކާއި އަލިފާނާއެކު ނުކުތް އަޅީގެ ސަބަބުން ފިހުނު ހާހެއްހާ މީހުންނަށް ފަރުވާދިނުމަށްޓަކައި ޖާވާގެ ހޮސްޕިޓަލްތަކުގައި އެމީހުން އެނދުމަތިކޮށްފައިވާ ކަމަށް އިންޑޮނީޝިއާގެ ޑިޒާސްޓާ މެނޭޖްމަންޓުން ބުނެއެވެ.