ނަސާރާ ދީނުގެ ލަވަ ޖެހި މައްސަލަ އިސްލާމިކް މިނިސްޓްރީން ފުލުހަށް ހުށަހަޅައިފި

އިސްލާމިކް މިނިސްޓަރު ޑރ. ޒާހިރު --

ހުޅުމާލޭގައި މިދިޔަ ހުކުރު ދުވަހު ބޭއްވި ސްޕޯޓްސް ފެސްޓިވަލެއްގެ ތެރެއިން ނަސާރާ ދީނުގެ ލަވަ ޖެހި މައްސަލަ އިސްލާމިކް މިނިސްޓްރީން ފުލުހަށް ހުށަހަޅައިފިއެވެ.

ނަސާރާ ދީނަށް ހިތްވަރުދޭ ލަވައެއްގެ ބައެއް ޖަހާފައި ވަނީ ކްލިކް ކޮލެޖުން ހުޅުމާލެ ސެންޓްރަލް ޕާކުގައި ބޭއްވި ސްޕޯޓްސް ފެސްޓިވަލްގެ މާޝަލްއާޓްސް ހަރަކާތުގެ ތެރެއިންނެވެ.

އެކަމާ ގުޅިގެން ކްލިކް ކޮލެޖުން އިއްޔެ ބުނީ، ފެސްޓިވަލެއްގެ ތެރެއިން ނަސާރާ ދީނުގެ ލަވައެއް ޖެހީ ގަސްތުގައި ނޫން ކަމަށާއި އެކަމަށް ރައްޔިތުންގެ ކިބައިން މައާފަށް އެދޭކަމަށެވެ.

އެ މައްސަލައާ ގުޅިގެން އިސްލާމިކް މިނިސްޓްރީން މިއަދު ކުރި ޓުވީޓެއްގައި ބުނީ އެ މައްސަލަ ސީރިއަސް މައްސަލައެއްގެ ގޮތުގައި ބެލުމަށް ފުލުހަށް ހުށަހަޅާފައި ވާކަމަށެވެ.

"ހަރަކާތްތައް އިންތިޒާމު ކުރާއިރު މިފަދަ ކަންކަން ކުރުމަކީ ގާނޫނީގޮތުން ފިޔަވަޅު އެޅޭނެ ކަމެއް،" އިސްލާމިކް މިނިސްޓްރީން ބުންޏެވެ.

މީގެ އިތުރުން، އެކިއެކި ހަރަކާތްތައް އިންތިޒާމު ކުރާ ފަރާތްތަކުން ދީނާ ހިލާފު ކަންކަން ނުހިނގާނެގޮތަށް އިންތިޒާމު ކުރުމަށް އިސްލާމިކް މިނިސްޓްރީން ވަނީ އިލްތިމާސް ކޮށްފައެވެ.

ރާއްޖޭގައި އެހެން ދީންތައް ފެތުރުމާ ގުޅޭ އެކި އެކި މައުލޫމާތުތައް ސޯޝަލް މީޑިއާގެ އެކި ވަސީލަތްތަކުގައި ވެސް އަންނަނީ ފަތުރަމުންނެވެ. އެގޮތުން ޓީވީއެމްއިން ރޯދަ މަހު ދައްކާ މުހައްމަދު ރަސޫލުالله ޕްރޮގްރާމް އެކޭ އެއްގޮތަށް، ދިވެހި ބަހުން އަޑުއަޅާފައި ހުންނަ ނަސާރާ ދީން ފަތުރާ ވީޑިއޯތަކެއް ވެސް އިންޓަނެޓްގައި ދައުރުކުރަމުންދެއެވެ.

ރާއްޖޭގައި އެހެން ދީންތައް ފެތުރުމަށް އިންޓަނެޓްގެ ޒަރިއްޔާއިން ގެންގުޅޭ އެކި އެކި މީޑިއަމްތައް ބްލޮކް ކުރުމަށް ކްރިމިނަލް ކޯޓުން ވަނީ ދާދިފަހުން އަމުރެއްވެސް ނެރެފައެވެ.

comment ކޮމެންޓް