ވަރާންއަށް އޮލޭ އާއި ޒިދާންގެ ފަރާތުން ފެނުނީ އެއްގޮތް ކަންތައްތަކެއް

ރަފައެލް ވަރާން އަދި ކުރީގެ މެންޗެސްޓާ މެނޭޖަރު އޮލޭ ގުނަ ސޮލްޝެޔާ

ރެއާލް މެޑްރިޑަށް ކުރިން ކުޅުނު ރަފައެލް ވަރާން އަށް އެކުލަބުގެ ކުރީގެ ހެޑް ކޯޗު ޒައިނުއްދީން ޒިދާނާއި މެންޗެސްޓާ ޔުނައިޓެޑްގެ ކޯޗުކަން ކުރި އޮލޭ ގުނަ ސޮލްޝެޔާ ގެ ފަރާތުން އެއްގޮތް ކަންތައްތަކެއް ފެނުނު ކަމަށް އޭނާ ބުނެފިއެވެ.

މެންޗެސްޓާ ޔުނައިޓެޑުން ފަހަކަށް އައިސް ދަށް ނަތީޖާތަކެއް ނެރުމުގެ ސަބަބުން އެ ޓީމުގެ ކޯޗަކަށް ހުރި އޮލޭ ގުނަ ސޮލްޝެޔާ މަގާމުން ވަކިކޮށްފައިވަނީ މިދިޔަ ހަފްތާގައެވެ. އޮލޭ މަގާމުން ވަކިކޮށްފައިވަނީ ބޯޑު މެމްބަރުންގެ ފުރިހަމަ އަގުލަބިއްޔަތުންނެވެ. އެއަށްފަހު އެކުލަބުގެ އޯނަރުން، ގްލޭޒާއިން ވަނީ ބޯޑުގެ ނިންމުން ބަލައިގަންފައެވެ.

އޮކްޓޯބަރު މަހު ލިވަޕޫލާ ދެކޮޅަށް ކުޅެ، 5-0 އިން މެންޗެސްޓާ ބަލިވި މެޗާއި އިންޓަނޭޝަނަލް ބްރޭކްގެ ކުރިން މެންޗެސްޓާ ސިޓީއާ ދެކޮޅަށް ކުޅުނު ޑާބީ މެޗުގައި ޔުނައިޓެޑްގެ ފަރާތުން ފެނުނު ދަށް ކުޅުމުގެ ސަބަބުން ކޯޗު ސޮލްޝެއާއަށް އޮތީ ޕްރެޝަރު ބޮޑުވެފައެވެ.

މިކަމާ ގުޅިގެން އިނގިރޭސި ގަދަބާރު މެންޗެސްޓާ ޔުނައިޓެޑަށް މިހާރު ކުޅެމުން އަންނަ ޑިފެންޑަރު ރަފައެލް ވަރާން ބުނީ އޮލޭ ކޯޗަކަށް ޔުނައިޓެޑަށް ސޮއި ކުރުމުގެ ކުރިން ވެސް ވާހަކަ ދެއްކި ކަމަށާއި އޮލޭ އަކީ ވަރަށް ގާތް ގުޅުމެއް އޮތް ކޯޗެއް ކަމަށެވެ.

"އޮލޭ އަކީ ހަމްދަރުދީ ވާ ވަރަށް ރަނގަޅު ކޯޗެއް. އަހަރެން މެންޗެސްޓާގައި އުޅުނު ކުޑަ ދުވަސް ކޮޅުގެ ތެރޭގައި ވެސް ވަރަށް ބައިވަރު އެއްޗެހި ދަސްކޮށްދިން. ކުލަބުގެ ފެންވަރާއި މެންޓަލިޓީ އަހަންނަށް ކިޔައިދިން،" ވަރާން ދަ ޓައިމްސް އަށް ބުނެފައިވެއެވެ.

ވަރާން ޔުނައިޓެޑާ ގުޅުނީ މިދިޔަ އޯގަސްޓް މަހަށްވީއިރު ކޯޗު އޮލޭ އާއެކު ވަނީ ތިން މަސް ދުވަސް ވަންދެން ޔުނައިޓެޑުގައި މަސައްކަތް ކޮށްފައެވެ.

އުމުރުން 28 އަހަރުގެ ވަރާން ބުނެފައިވަނީ އޮލޭ އަކީ ކުލަބަށް ވަރަށް އިހުތިރާމް ކުރާ ކޯޗެއް ކަމަށާއި އަބަދުވެސް ކުލަބަށް ކުރި ހޯދަން ކުރެވެން ހުރި ހުރިހާ މަސައްކަތްތަކެއް ކުރަމުން އަންނަ ކޯޗެއް ކަމަށެވެ.

"ކުޅުންތެރިންނާ އޮލޭ ވާހަކަދައްކާއެރު، އަބަދުވެސް ވާހަކަދައްކަނީ ތެދުވެރިކަމާއެކު. މެނޭޖަރަކަށްވެ ހުރެ ކުޅުންތެރިންނާ ތެދު ބަހުން ވާހަކަ ދެއްކުމަކީ އެންމެ މުހިއްމު ކަންތައް. މިއީ ޒިދާން ގެ ފަރާތުން ވެސް ފެންނަ އެއްގޮތް ކަންތައް. އެއީ އަހަރެން އެދެމީހުން ދެކެ ގަޔާވާ ކަމަކީ ވެސް،" ވަރާން ބުންޏެވެ.

ރަފައެލް ވަރާން އަދި ރިއަލް މެޑްރިޑްގެ ކުރީގެ މެނޭޖަރު ޒައިނައްދީން ޒިދާން

ފްރާންސްގެ ގައުމީ ޓީމަށް ކުޅެމުން އަންނަ ވަރާން ބުނީ ބައެއްފަހަރު ކޯޗުން ކަންކަން ރަނގަޅު ކުރަން ބުނުމަކީ ބައެއް މީހުންނަށް ހީވާ ގޮތުގައި ނެގެޓިވް ކަމެއް ކަމަށާއި ހަގީގަތުގައި އެއީ ލިބޭ ކުރިއެރުމެއް ކަމަށާއި އިތުރު ބާރެއް ކަމަށެވެ.

ވަރާން ވަނީ އޭނާ ރެއާލް މެޑްރިޑަށް ކުޅުނު އިރު ލަލީގާގެ ތަށި ތިން ފަހަރަށް އުފުލާ ދުނިޔޭގެ އެންމެ ބޮޑު ލީގު ކަމަށްވާ ޗެމްޕިއަންސް ލީގުގެ ތަށި ހަތަރު ފަހަރަށް އުފުލާލައިފައެވެ.

މީގެ 10 އަހަރު ކުރިން ވަރާން، ފްރާންސްގެ ލެންސް ދޫކޮށް ރެއާލަށް ބަދަލުވިއިރު، އޭރު ޔުނައިޓެޑްގެ ކޯޗަކަށް ހުރި އަލެކްސް ފާގަސަން ވެސް ވަނީ ވަރާންގެ ސޮއިހޯދަން މަސައްކަތް ކޮށްފައެވެ. އެކަމަކު، އެ ފަހަރު ވަރާން ބަދަލުވީ ހޯސޭ މޮރީނިއޯގެ އެދުމަށް ރެއާލަށެވެ. ރެއާލުން އެ ފަހަރު ވަރާން ގަތީ 14 މިލިއަން ޑޮލަރުގެ ފީ އެއް ދައްކައިފައެވެ.

comment ކޮމެންޓް