ރާއްޖޭގެ ބެޑްމިންޓަނުގެ ގިނަ ރެކޯޑްތަކެއް މުގުރަމުން އަންނަ ޒުވާން ދެބެން ކަމަށްވާ އައިމިނަތު ނަބީހާ (ނަބީ) އާއި ފާތިމަތު ނަބާހާ (ނަބާ) މިހާރު ބަންގްލަދޭޝްގައި ކުރިއަށްދާ މުބާރާތުގެ ސެމީ ފައިނަލުން ޖާގަ ހޯދައިފިއެވެ.
ބަންގްލަދޭޝްގައި ކުރިއަށްދާ އިންޓަނޭޝަނަލް ޗެލެންޖް ބެޑްމިންޓަން މުބާރާތުގެ އަންހެން ޑަބަލްސް ސެމީ ފައިނަލުން ނަބާ އާއި ނަބީ މިއަދު ޖާގައެއް ހޯދީ ކުއާާޓާ ފައިނަލުގައި ބަންގްލަދޭޝްގެ ވަރުގަދަ ޕެއާއެއް ބަލިކޮށްގެންނެވެ. މި މުހިއްމު މޮޅާއެކު ރާއްޖޭގެ ޒުވާން ޕެއާ ވެގެން ގޮސްފައިވަނީ ރާއްޖޭގެ ތާރީހުގައި ވެސް ބެޑްމިންޓަންގެ އިންޓަނޭޝަނަލް ޗެލެންޖް ލެވަލް މުބާރާތެއްގެ ސެމީ ފައިނަލުން ޖާގަ ހޯދި ފުރަތަމަ ދިވެހިންނަށެވެ.
މީގެ ކުރިން ވެސް ބެޑްމިންޓަންގެ ބައިނަލްއަގުވާމީ ގިނަ މުބާރާތްތަކަކުން ރާއްޖެއިން ކުރިއަށް ގޮސް ވަނަ ވެސް ހޯދައިފައިވާ އިރު، އެ މުބާރާތްތަކަކީ ފިއުޗާ ސީރީސް ފަދަ މުބާރާތްތަކުގަ އެވެ. ޗެލެންޖް މުބާރާތްތަކަކީ ސީރީސް މުބާރާްތްތަކަށް ވުރެ ލެވަލް މަތި މުބާރާތްތަކެކެވެ.
މިއަދު ކުޅުނު ކުއާޓާ ފައިނަލުގައި ނަބާއާއި ނަބީގެ ޕެއާ ބައްދަލު ކުރީ ބަންގްލަދޭޝްގެ ފާތިމާ ބޭގަމް އާއި ބްރިސްޓީ ކަތުންގެ ޕެއާއާ ދެކޮޅަށެވެ. ނަބީ އާއި ނަބާގެ ޕެއާ މޮޅުވީ ސީދާ ދެ ސެޓުން މެޗު ކާމިޔާބު ކޮށްގެންނެވެ. މި މެޗުގެ ސެޓްތައް ރާއްޖޭގެ ޕެއާއިން ގެންދިޔައީ 21-15 އާއި 21-17 އިންނެވެ.
މި މުބާރާތުގެ އަންހެން ޑިވިޝަންގެ ޕެއާ އިވެންޓުގެ ސެމީފައިނަލް މެޗުތައް ކުޅުމަށް ހަމަޖެހިފައި އޮތީ މިއަދު ހަވީރުއެވެ. ސެމީގައި ނަބީ އާއި ނަބާގެ ޕެއާ ވާދަކުރަން ޖެހޭނީ ކުއާޓާގައި އިންޑިއާގެ މެހްރީން ރިޒާ އާއި އަރާތީ ސާރާ ސުނިލްގެ ޕެއާ އާއި ބަންގްލަދޭޝްގެ ރަސްމާ އަކްރަތު އާއި އުރްމީ އަކްރަތު ކުޅެގެން މޮޅުވާ ޕެއާ އަކާއެވެ.
މުބާރާތުގެ ގަވާއިދުގައި އޮތް ގޮތުން ސެމީގެ ޖާގައާއެކު ނަބާއާއި ނަބީއަށް މިހާރުވެސް ވަނީ މެޑައްޔެއް ޔަގީންވެފައެވެ. ސެމީއާ ހިސާބުން ކަޓައި ޓީމުތަކަށް ބްރޯންޒް މެޑަލް ލިބޭ އިރު، ނަބީ އާއި ނަބާ ވަނީ މީގެ ކުރިން އަންހެން ޑަބަލްސް އިން ރާއްޖެ އަށް ބައިނަލްއަގުވާމީ ނުވަ މެޑަލް ހޯދައިދީފައެވެ. އެއީ ރަން މެޑަލަކާއި ހަތަރު ރިހި މެޑަލް އަދި ހަތަރު ލޯ މެޑަލްއެވެ.