މިއަހަރުގެ ބާކީ ހުރި މެޗުތަކަށް ސަޕޯޓަރުން ނުވައްދާ ކުޅެން ބަޔާނުން ނިންމައިފި

މިހާރު ކުރިއަށްދާ ފުޓުބޯޅަ ސީޒަނުގައި ބަޔާން މިއުނިކުން ކުޅުނު މެޗެއްގެ ތެރެއިން --- ފޮޓޯ//އޭޕީ

ޖަރުމަނުގައި އަނެއްކާވެސް ކޮވިޑްގެ ކޭސްތައް އިތުރުވާން ފެށުމާއެކު މިއަހަރުގެ ބާކީ ހުރި މެޗުތައް ސަޕޯޓަރުން ދަނޑަށް ނުވައްދާ ކުޅެން ބަޔާން މިއުނިކުން ނިންމައިފިއެވެ.

ޖަރުމަނުގެ ބަވަރިއާއިން އިއްޔެގެ ވަގުތެއްގައި ވަނީ އެ ސަރަހައްދުގައި އަޅާފައިވާ ކޮވިޑްގެ ފިޔަވަޅުތައް ވަރުގަދަ ކޮށްފައެވެ. އެގޮތުން ގިނަ ބަޔަކު އެއްތަނަކަށް އެއްވުމާއި، ދަތުރުފަތުރު ކޮށްގެން ކުޅެން ޖެހޭ ކުޅިވަރުތައް މިއަހަރުގެ ނިޔަލަށް މަޑުޖައްސާލުމަށް ވަނީ އަންގައިފައެވެ. އަދި އެއާއެކު ބަވަރިއާގެ ބޮޑު ވަޒީރު މާކަސް ސޮޑާ ވަނީ ފުޓުބޯޅަ މެޗުތައް ކުޅުމަށް ސަޕޯޓަރުން ނުވެއްދުމަށް އިލްތިމާސްކޮށްފައެވެ.

ބަވަރިއާގެ ނިންމުންތަކާއެކު، ޖަރުމަނު ލީގުގެ އެއްވަނަ، ބަޔާނުން މި ފިޔަވަޅުތަކަށް ބޯލަނބާ، އެކުލަބުން މިއަހަރު ކުޅޭ މެޗުތަކަށް ސަޕޯޓަރުން ނުވައްދަން ނިންމައިފައެވެ.

ކޮވިޑްގެ ސަބަބުން ގިނަ ދުވަސްތަކަކަށް މިދިޔަ އަހަރުވެސް ސަޕޯޓަރުން ނުވައްދާ ކުޅުނު ބަޔާނުން، މިއަހަރުގެ ތެރޭ ސަޕޯޓަރުން އަލުން ދަނޑަށް ވައްދައިގެން ކުޅެން ފެށި އިރު، ކުރިއަށް އެ ޓީމަށް ވަރުގަދަ މެޗުތަކެއް އެބަހުއްޓެވެ. އެގޮތުން މިރޭ ޖަރުމަނު ލީގުގެ އެންމެ ބޮޑު ވާދަވެރިޔާ، ބުރޮޝިއާ ޑޮޓްމަންޑާ ދެކޮޅަށް ކުޅޭ މެޗާއި އަންނަ ހަފުތާ ޗެމްޕިއަންސް ލީގުގައި ބާސެލޯނާއާ ދެކޮޅަށް ބަޔާން ކުޅެން ޖެހޭނީ ސަޕޯޓަރުން ނުވައްދައެވެ.

މިކަމާ ގުޅިގެން ބަޔާންގެ ވައިސް ޗެއާމަން ޖެން-ކްރިސްޓިއަން ޑްރީސަން ބުނީ ބަޔާންގެ އެލަޔަންޒް އެރީނާ ސަޕޯޓަރުންނަށް އަނެއްކާވެސް ބަންދު ކުރަން ޖެހުމަކީ އެކުލަބަށް ލިބޭނެ ބޮޑު ގެއްލުމެއް ކަމަށެވެ.

"ސަޕޯޓަރުންނާ ނުލައި ފުޓުބޯޅައިގެ ރީތިކަމުގެ ދެބައިކުޅަ އެއްބައި ވެސް ނުފެންނާނެ. އަދި އެހެންމެ އެކަމުގެ ސަބަބުން މާލީ ގިނަ ގޮންޖެހުންތަކެއް ވެސް ކުރިމަތިވާނެ." ޑްރީސަން ބުންޏެވެ.

ޗެމްޕިއަންސް ލީގުގެ ދެވަނަ ބުރަށް މިހާރުވެސް ކޮލިފައިވެފައި އޮތް ބަޔާނުގެ އެންމެ ބޮޑު އަމާޒަކީ މި ސީޒަނުގައި އެ ތަށި ހޯދުމެވެ. އެ ޓީމުން އެންމެ ފަހުން އެ މުބާރާތް ކާމިޔާބު ކުރީ މީގެ ދެ ސީޒަން ކުރިންނެވެ. އެންމެ ފަހުން އެ މުބާރާތް ކާމިޔާބު ކުރީ އިނގިރޭސިވިލާތުގެ ޗެލްސީންނެވެ.

comment ކޮމެންޓް