ރައީސް ޔާމީން މިނިވަނެއްގެ ގޮތުގައި ހުންނަން ރައްޔިތުން ބޭނުމެއް ނުވޭ: ޝިފާއު

އިހަވަންދޫ ދާއިރާގެ މެމްބަރު މުހައްމަދު ޝިފާއު ---- ފޮޓޯ/ މަޖިލިސް

ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމަށް ކްރިމިނަލް ކޯޓުން ކުރި ފަސް އަހަރުގެ ޖަލު ހުކުމް، އިއްޔެ ސުޕްރީމް ކޯޓުން ބާތިލް ކޮށް އެމަނިކުފާނު މިނިވަންކުރުމަކީ ރައްޔިތުން ބޭނުންވާ ކަމެއް ނޫން ކަމަށް އިހަވަންދޫ ދާއިރާގެ މެންބަރު މުހައްމަދު ޝިފާއު ވިދާޅުވެއްޖެއެވެ.

ރައީސް ޔާމީން އިއްޔެ މިނިވަންކުރުމާ ގުޅިގެން ޝިފާއު "ސަން"އަށް ވިދާޅުވީ އެމަނިކުފާނު މިނިވަނެއްގެ ގޮތުގައި ހުންނަން ރައްޔިތުން ބޭނުމެއް ނުވާކަމަށާއި ރައީސް ޔާމީން ދައުލަތުން ވައްކަން ކުރިކަމާދޭތެރޭ ޝައްކު އުފައްދާ ރައްޔިތަކުވެސް ނުހުންނާނެ ކަމަށެވެ.

"ރައީސް ޔާމީން ރޯމާ ދުވާލު ރާއްޖޭގެ މާލިއްޔަތުން ވައްކަން ކުރިކަމާދޭތެރޭ ޝައްކު ކުރާ ދިވެހި އެއްވެސް ރައްޔިތަކު ނެތް. ރައީސް ޔާމީން މިނިވަނެއްގެ ގޮތުގައި ހުންނާކަށް ރައްޔިތުން ބޭނުމެއް ނުވޭ. އެގޮތަށް މިނިވަންކުރުމުން ރައްޔިތުން ވަރަށް ބޮޑަށް ދެކޮޅު ހަދާ. ވަރަށް ކަންބޮޑުވޭ ރައްޔިތުން އެގޮތަށް ހުންނާތީ. އެއީ މިހާތަނަށް ދިވެހިރާއްޖޭގައި ވެރިކަން ކުރި އެއްވެސް ވެރިއަކު މާލިއްޔަތަށް އެވަރު ބޮޑު ގެއްލުމެއްދީފައެއް ނުވޭ،" ޝިފާއު ވިދާޅުވިއެވެ.

ރައީސް ޔާމީނަށް ކްރިމިނަލް ކޯޓުން ކުރި ފަސް އަހަރުގެ ޖަލު ހުކުމް، އިއްޔެ ސުޕްރީމް ކޯޓުން ބާތިލްކުރުމާ ގުޅިގެން ޝިފާއު ވިދާޅުވީ އެގޮތަށް ހުކުމް ކޮށްފައިވަނީ ޝަރީއަތަށް ބުނެދޭން ޖެހޭ ބައެއް ކަންކަން ނުބުނެދެވުމުގެ ސަބަބުން ކަމަށާއި ތަހުގީގުގެ މަރުހަލާގައި އިސްލާހުކުރަން ބައިވަރު ކަންކަން ހުރިކަމަށް ގަބޫލުކުރައްވާ ކަމަށެވެ. އެހެންނަމަވެސް ސުޕްރީމް ކޯޓުގެ ގަޒިއްޔާއަށް ތައުރީފު ކުރާ ކަމަށާއި އެގޮތަށް ހުކުމް ކުރަން ޖެހުނީ ތަހުގީގުގެ މަރުހަލާގައި މައްސަލަތަކެއް ހުރުމުން ކަމަށް ޝިފާއު ވިދާޅުވިއެވެ.

"އަޅުގަނޑަށް ފާހަގަވެގެންދިޔައީ އިއްޔެ ކުރެވުނު ހުކުމަކީ ވަރަށް އިލްމީ ހުކުމެއް ކަމަށް. އެގޮތަށް ހުކުމް ކުރަން ޖެހުނީ ޕްރޮސެކިއުޝަން އާ ތަހުގީގު މަރުހަލާގެ ސަބަބުން ކަމަށް އަޅުގަނޑު ގަބޫލުކުރަނީ. ކޮންމެގޮތެއްވިޔަސް ރައީސް ޔާމީން ދައުލަތުން ވައްކަން ނުކުރާ ކަމަށް ގަބޫލުކުރާ އެއްވެސް ރައްޔިތަކު ނުހުންނާނެ،" ޝިފާއު ވިދާޅުވިއެވެ.

ރައީސް ޔާމީނަކީ ހަގީގަތުގައި މިނިވަނެއްގެ ގޮތުގައި ހުންނަން ޖެހޭ ވަރުގެ ބޭފުޅެއް ކަމަށް ގަބޫލު ނުކުރައްވާ ކަމަށާއި އެމަނިކުފާނުގެ ވެރިކަމުގައި އެތަކެއް ދިވެހި ރައްޔިތުންނާއި ނޫސްވެރިންނާއި ސިޔާސީ ބޭފުޅުންނަށް ބޮޑެތި އަނިޔާތަކެއް ދީފައިވާ ކަމަށް ޝިފާއު ވިދާޅުވިއެވެ.

މަނީ ލޯންޑަރިންގެ ކުށް ސާބިތުވެ، ފަސް އަހަރަށް ރައީސް ޔާމީން ޖަލަށްލުމަށް އިއްވި ހުކުމް ސުޕްރީމް ކޯޓުން ބާތިލް ކުރީ މައްސަލަ ބެއްލެވި ތިން ފަނޑިޔާރުންގެ އިއްތިފާގުންނެވެ.

އެ ހުކުމުން ރައީސް ޔާމީން ސަލާމަތް ވިޔަސް އެމަނިކުފާނުގެ މައްޗަށް އުފުލާފައިވާ ހަތަރު ދައުވާއެއް ކްރިމިނަލް ކޯޓުގައި އަދި އެބައޮތެވެ.

comment ކޮމެންޓް