އެމްއެންޔޫ އާކިޓެކްޗާ ދަރިވަރުންގެ މަސައްކަތްތައް ދައްކާލުމަށް މައުރަޒެއް ހުޅުވައިފި

މައުރަޒުގައި އާކިޓެކްޗާ ކިޔަވަމުން އަންނަ ދަރިވަރަކު ޑިޒައިން ކޮށްފައިވާ ތަނެއް --- ސަން ފޮޓޯ / މުހައްމަދު ޝާނިފް

ގައުމީ ޔުނިވާސިޓީގައި އާކިޓެކްޗާގެ ދާއިރާއިން ކިޔަވާ ދަރިވަރުންގެ މަސައްކަތްތައް ދައްކުވައިދޭ މައުރަޒެއް މިއަދު ހުޅުވައިފިއެވެ.

"ސްޓޫޑެންޓް ވޯކް އެކްޒިބިޝަން 2021"ގެ ނަމުގައި ހުޅުވި އެ މައުރަޒު ކުރިއަށްދާނީ މިއަދުން ފެށިގެން ތިން ދުވަހުގެ މުއްދަތަކަށެވެ. ކޮންމެ ދުވަހެއްގެ ހަވީރު ހަތަރަކުން ރޭގަނޑު ހަޔަކަށް އަދި ރޭގަނޑު އަށަކުން ދިހަ އަކާ ހަމައަށް ދަރިވަރުންގެ މަސައްކަތްތައް ދައްކާލުން ކުރިއަށްދާނެއެވެ.

އެމްއެންޔޫގެ ފެކަލްޓީ އޮފް އިންޖިނިއަރިން ސައިންސް އެންޑް ޓެކްނޮލޮޖީގެ ޑީން އާދަމް ޚާލިދު "ސަން"އަށް ވިދާޅުވީ މި މައުރަޒަކީ ޑިޒައިން މޮޑިއުލްގެ ދަށުން އާކިޓެކްޗާ ކިޔަވަމުން އަންނަ ދަރިވަރުންނަށް ކޮންމެ ސެމިސްޓާއެއް ނިމޭއިރު އެދަރިވަރުންގެ މަސައްކަތްތައް ދައްކާލުމަށް ކުރިއަށް ގެންދާ މައުރަޒެއް ކަމަށެވެ.

"މިމައުރަޒުގައި ދަރިވަރުންގެ މަސައްކަތްތައް ބަލާލުމަށް ރާއްޖޭގެ މަޝްހޫރު އާކިޓެކްޗަރުން އަންނާނެ. އެމީހުންގެ ކޮމެންޓް އެ ދަރިވަރުން ކޮށްފައިވާ މަސައްކަތަށް ދޭނެ. އޭރުން ދަރިވަރުންނަށް ލިބޭނެ ރަނގަޅު މައުލޫމާތު. މި މައުރަޒަކީ ބޮޑަށް ލާނިން އެކްސްޕީރިއެންސް ގޮތަށް ކުރާކަމެއް،" ހާލިދު ވިދާޅުވިއެވެ.

މައުރަޒުގައި ދަރިވަރަކު ޑިޒައިން ކޮށްފައިވާ ތަނެއް --- ސަން ފޮޓޯ / މުހައްމަދު ޝާނިފް

އާކިޓެކްޗާ އަކީ ކޮންމެ އަހަރަކުވެސް ދަރިވަރުންގެ އެންމެ ބޮޑު ތަރުހީބެއް ލިބޭ ކޯސް ކަމަށާއި ކޯސް އިއުލާން ކުރުމުން ވަރަށް ގިނަ ދަރިވަރުންތަކެއް ކޯހުގައި ބައިވެރިވާ ކަމަށް ހާލިދު ވިދާޅުވިއެވެ.

މި މައުރަޒުގައި ހުރި ތަކެތި ތައްޔާރު ކުރުމަށް ރާއްޖޭގެ އެކި ރަށް ރަށަށް ދަތުރުކޮށް ވަރަށް ބުރަ މަސައްކަތެއްކޮށް އިލްމީ އެތައް ދިރާސާތަކެއް ކޮށްފައިވާ ކަމަށް އެ ފެކަލްޓީގައި ކިޔަވަމުން އަންނަ ދަރިވަރުން ބުނެއެވެ. އެގޮތުން ދަރިވަރުން އެރަށްރަށަށް ދިއުމަށްފަހު ރަށުގެ އާބާދީ ބަލައި ރަށުގެ ޗާޓު ޑިޒައިންކޮށްފައިވެއެވެ. އަދި ރަށް އިތުރަށް ފުރިހަމަ ކުރުމަށް ކުރަން ޖެހޭ ކަންކަމުގެ މައްޗަށް ދިރާސާ ހެދުމަށްފަހު އާކިޓެކްޗާ ޕްރޮޖެކްޓްތައް ތައްޔާރުކޮށްފައިވެއެވެ.

މި މައުރަޒު ކުރިއަށް ގެންދަނީ އެކި ސެމިސްޓާގެ ދަރިވަރުންނަށެވެ. އެގޮތުން އެ ފެކަލްޓީ ހިންގާ އިމާރާތުގެ އެއްވަނަ ފަންގިފިލާއިން ފެށިގެން ހަތަރު ވަނަ ފަންގިފިލާއާ ހަމައަށް ކޮންމެ ފަންގިފިލާއަކުން ދަރިވަރުން ކޮށްފައިވާ މަސައްކަތްތައް ފެންނަން ހުއްޓެވެ.

ޑިޒައިންކުރި ގޮތް ދަރިވަރަކު "ސަން"އަށް ކިޔައިދެނީ --- ސަން ފޮޓޯ / މުހައްމަދު ޝާނިފް

އެ ކޯހުގެ ހަތަރުވަނަ ސެމިސްޓާގައި ކިޔަވަމުން އަންނަ ދަރިވަރެއް ކަމަށްވާ މަރިޔަމް ހުވައިނާ ހަސަން "ސަން"އަށް ކިޔައިދިންގޮތުގައި ފޮޓޯ އިން ފެންނަ މަސައްކަތަކީ ޖިންސީ ގޯނާ އާއި ޖިންސީ ފުރައްސާރަ ތަހައްމަލު ކުރަމުން އަންނަ ކުދިންނަށް އެންމެ ރައްކާތެރި މާހައުލު ކަމަށް ދައްކުވައިދޭ ތަނުގެ ޑިޒައިނެއް ކަމަށެވެ.

"މި ޕްރޮޖެކްޓްގެ ކޮންސެޕްޓަކީ ޝީލްޑް. މި އޭރިއާ އަކީ އާންމުންނާ ދުރުގައި ޖަންގަލި އޮންނަ ދިމާލުގައި އެހެން މީހަކަށް އެތަނާ ކައިރި ނުވެވޭނެހެން ހަދާފައިވާ އޭރިއާ އެއް. ސަބަބަކީ އެމީހުންނަކީ ޑިޕްރެޝަން ތަހައްމަލު ކުރަމުން އަންނަ ބަޔަކަށް ވުމާއެކު އެއީ އެމީހުންނަށް އެންމެ ރައްކާތެރި މާހައުލަށްވާނެތީ،" ހުވައިނާ ކިޔައިދިނެވެ.

މާލޭގެ ދަރުބާރުގެ ސަރަހައްދު ދަރިވަރުން ޑިޒައިންކޮށްފައި ---- ސަން ފޮޓޯ / މުހައްމަދު ޝާނިފް

މި ފޮޓޯ އިން ފެންނަ ތަނަކީ ދަރުބާރުގޭ ހުންނަ ސަރަހައްދުގެ އިތުރުން ދަރުބާރުގޭގެ ރީޑިޒައިން ކޮށްފައިވާ ގުރޫޕް ވޯކެކެވެ. ބްރިޖް އެޅުމާއެކު އެ ސަރަހައްދަކީ މުޅިން އެހެން ފޭސް އެއްގޮތަށް ދައްކުވައިދޭ މި ތަފާތު މަސައްކަތުން ފެނިފައިވަނީ މައިކްރޯސައިޓްގެ މޮޑެލްއެކެވެ.

ދަރިވަރުންގެ އާކިޓެކްޗާގެ ހުނަރުތައް ބަލައިލުމަށް މިއަދުވެސް ގިނަ ބަޔަކު ވަނީ އެ މައުރަޒަށް ޒިޔާރަތްކޮށްފައެވެ.

comment ކޮމެންޓް