ހިދުމަތަށް ބުރޫއެރީ ބޮޑު އަޕްގެރޭޑަކަށްފަހު، ރަނގަޅު ކުރުމަށް ދަނީ މަސައްކަތް ކުރަމުން: ބީއެމްއެލް

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)އިން ބ. މާޅޮހުގައި ކޭޝް އޭޖެންޓް ބޭންކިންގެ ހިދުމަތް ތައާރަފްކުރުމުގެ ތެރެއިން -- ފޮޓޯ/ ބީއެމްއެލް

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ އޮޕަރޭޝަން ރަނގަޅު ކުރުމަށާއި ސިސްޓަމް ތަކުގެ ސެކިއުރިޓީ ވަރުގަދަކުރުމަށް ބޮޑު އަޕްގްރޭޑިން މަސައްކަތެއް ކުރި ފަހުން, ހިދުމަތް މެދުކެނޑޭ މައްސަލަ ހައްލުކުރުމަށް މަސައްކަތް ކުރަމުންދާ ކަމަށް އެ ބޭންކުން ބުނެފިއެވެ.

ބީއެމްއެލްއިން ބުނީ, ކޯ ބޭންކިން ސިސްޓަމް އަޕްގްރޭޑް ކުރުމުގެ ބޮޑު މަސައްކަތް ނިންމާލާފައިވަނީ މި މަހުގެ 21 ވަނަ ދުވަހު ކަމަށާއި, އެއީ ވަރަށް ބޮޑު އަދި އެހާމެ އުނދަގޫ މަސައްކަތެއް ކަމަށެވެ.

އެކަމުގެ ސަބަބުން ހިދުމަތްތައް މެދުކެނޑިގެން ދިޔުމަކީ ދުނިޔޭގެ ހުރިހާ ހިސާބެއްގައި ވެސް ކުރުމަތިވެދާނެ ކަމެއްކަން ފާހަގަކޮށް ބީއެމްއެލްއިން ބުނީ, ރާއްޖޭގައި ހިދުމަތް މެދުކެނޑިގެންދާނީ ކުޑަ މިންވަރަކަށް ކަމަށް އަންދާޒާ ކުރެވޭ ކަމަށެވެ.

ސިސްޓަމަށް ދިމާވެދާނެ ކަމަކަށް ތައްޔާރުވެ ބޭންކުން ވަނީ ކުރިޔާލާ ކަސްޓަމަރުންނަށް އެކަން އަންގާފައި ކަމަށް ވަނީ ބުނެފައެވެ. ނަމަވެސް އަޕްގްރޭޑްގެ މަސައްކަތަށްފަހު ދޭތެރެދޭތެރެއިން ސިސްޓަމްތައް މެދުކެނޑުމުގެ މައްސަލަ ދިމާވަމުންދާ ކަން ބީއެމްއެލްއިން ވަނީ ފާހަގަކޮށްފައެވެ.

"ހިދުމަތަށް ބުރޫއަރައި، ކަސްޓަމަރުންނަށް ދިމާވަމުންދާ ދަތިތަކަށްޓަކައި ނިހާޔަތަށް މައާފަށް އެދެން," ބީއެމްއެލް އިން ބުންޏެވެ.

ބީއެމްއެލްއިން ދެމުން ގެންދާ ހިދުމަތްތަކުގެ ތެރެއިން އިންޓަނެޓް ބޭންކިންއަށް މައްސަލަ ދިމާވުމުން ވަރަށް ގިނަ ފަރާތްތަކަކުން އެކަމުގެ ޝަކުވާ ވަނީކޮށްފައެވެ. ހިދުމަތް މެދުކެނޑިފައި ހުރިއިރު އިންޓަނެޓް ބޭންކިން އެޕްލިކޭޝަނުން ބަލާއިރު އެކައުންޓުގައި ފައިސާ ހުރި ކަމަކަށް ނުދައްކައެވެ.

އިންޓަނެޓް ބޭންކިންގެ އިތުރުން ހިދުމަތް މެދުކެނޑިފައިވާ ވަގުތުތަކުގައި ވިޔަފާރި ކުރުމުގައި ވެސް ބީއެމްއެލް ކާޑު މެދުވެރިކޮށް ފައިސާ ނުދެއްކޭގޮތް ވެއެވެ.

comment ކޮމެންޓް