ޓްރާންސްޕޯޓް އޮތޯރިޓީގެ ހިދުމަތްތައް މިހާރު ލަހެއް ނޫން: މިނިސްޓަރު

ޓްރާންސްޕޯޓް މިނިސްޓަރު އައިޝަތު ނަހުލާ ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި--ފޮޓޯ/މަޖިލިސް

ޓްރާންސްޕޯޓް އޮތޯރިޓީއާ ގުޅޭ ޝަކުވާ ހުރި ކަމަށް ބުނި ނަމަވެސް ހުރީ ކޮން ޝަކުވާއެއް ކަން އަދިވެސް ނޭނގޭ ކަމަށް ޓްރާންސްޕޯޓް މިނިސްޓަރު އައިޝަތު ނަހުލާ ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ޓްރާންސްޕޯޓް އޮތޯރިޓީއާ ގުޅުންހުރި ޝަކުވާތަކާ ގުޅިގެން ދާންދޫ ދާއިރާގެ މެންބަރު ޔައުގޫބް އަބްދުﷲ ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ނަހުލާ ވިދާޅުވީ ޓްރާންސްޕޯޓް މިނިސްޓްރީގެ ހިދުމަތުގެ ލަސް ވާހަކައާއި ޝަކުވާ ހުރި ކަމުގެ ވާހަކަ މަޖިލީހުގެ އެކި މެންބަރުން، އެކި ފަހަރު މަތީން މިނިސްޓަރަށް ހުށަހަޅައިފައިވާ ކަމަށެވެ.

ހަމައެހެންމެ ޓްރާންސްޕޯޓް އޮތޯރިޓީގެ މައްސަލައިގައި މަޖިލީހުގެ ކޮމިޓީއަށް ވެސް ހާޒިރުކޮށްފައި ޝަކުވާތަކެއް ހުރި ކަމަށް ބުނި ކަމަށެވެ.

އެހެންނަމަވެސް ހުށަހެޅެނީ ކޮން ކަހަލަ ޝަކުވާއެއް ކަން މިހާތަނަށް މެންބަރުން ވެސް އަދި ކޮމިޓީން ވެސް ހިއްސާކޮށްފައިނުވާ ކަމަށް ނަހުލާ ވިދާޅުވިއެވެ.

"ޝަކުވާ ހުށަހެޅޭ ވާހަކައިގެ ސިޓީ އައުމާއެކު އަޅުގަނޑު އިއްޒަތްތެރި މަޖިލީހުގެ، އިއްޒަތްތެރި ކޮމިޓީއަށް ސިޓީއެއް ފޮނުވިން، ޝަކުވާ ހުށަހެޅެނީ ކޮން ކަމަކާތޯ، އިއްޒަތްތެރި މަޖިލީހުގެ ކޮމިޓީއަށް ހުށަހެޅިފައިވަނީ ކޮން ޝަކުވާއެއްތޯ އަޅުގަނޑަށް ހިއްސާކޮށް ދެއްވުމަށް، އަޅުގަނޑަށް އެ ޝަކުވާއަށް ފުރިހަމައަށް ޖަވާބުދާރީ ވެވޭނީ އެ ޝަކުވާ އަޅުގަނޑަށް އެނގިގެން ކަން،" ނަހުލާ ވިދާޅުވިއެވެ.

މިނިސްޓަރު އިތުރަށް ވިދާޅުވީ ކޮން ޝަކުވާއެއް ކަން ހިއްސާކުރަން އެދުމުން، ދެން ވެސް ކޮމިޓީން ފޮނުވީ ޝަކުވާ ހުރި ކަމަށް ބުނެ ސިޓީއެއް ކަމަށެވެ. ހަމައެހެންމެ ކޮމިޓީއަށް ހާޒިރުކޮށްފައި ވެސް ދެއްކީ ކޮން ޝަކުވާއެއްގެ ވާހަކަ ކަން ނޭނގޭ ކަން ނަހުލާ ފާހަގަކުރެއްވިއެވެ.

"އަނެއްކާ ވެސް އަޅުގަނޑުގެ ސުވާލު ރިޕީޓްކުރިން، އަޅުގަނޑަށް ޝަކުވާއެއް ވިދާޅުވެ ދެއްވާށޭ، ޝަކުވާ ޝަކުވާ ވިދާޅުވިޔަސް އަޅުގަނޑަކަށް ޖަވާބު ދޭކަށް ނޭނގޭނޭ ކޮންކަމަކާ ގުޅޭ ޝަކުވާއެއްތޯ ވިދާޅުވެ ނުވަނީހެއް،" ނަހުލާ ވިދާޅުވިއެވެ.

ނަހުލާ ވަނީ ޓްރާންސްޕޯޓް އޮތޯރިޓީގެ ހުރި ޝަކުވާއެއް މެންބަރުން ފާހަގަކުރައްވާނަމަ، އެއީ ސީދާ ކަނޑައެޅިގެން ކޮން ޝަކުވާއެއް ކަމާއި އެކަމުގެ ތަފްސީލް ހިއްސާކޮށްދެއްވުމަށް އެދިވަޑައިގެންފައެވެ.

މީގެ އިތުރުން ޓްރާންސްޕޯޓް އޮތޯރިޓީއާ ހަވާލުވެވަޑައިގެންނެވިއިރު، އެ އިދާރާގެ ހިދުމަތްތައް އޮތީ ވަރަށް ނިކަމެތިކޮށްކަން ފާހަގަކުރައްވައި މިނިސްޓަރު ވިދާޅުވީ މިހާރު އެތަނުގެ ހިދުމަތްތަކަށް ގިނަ ބަދަލުތަކެއް ގެނެވިފައިވާ ކަމަށެވެ. އެގޮތުން ރައްޔިތުންނަށް ފަސޭހަވާނެހެން ގިނަ ކަންކަން ތަންފީޒުކޮށް، ގިނަ ގަވައިދުތަކެއް ހެދިފައިވާ ކަން ވެސް މިނިސްޓަރު ވިދާޅުވިއެވެ.

މި ގެނެވުނު ބަދަލުތަކާއެކު އެ އޮތޯރިޓީގެ ހިދުމަތްތައް މިހާރު ކުރިއަށް ވުރެ އަވަސް ވެފައިވާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

"މިހާރު ކޮންމެވެސް ވަރަަކަށް ލަސްވާ ކަމަށް އަޅުގަނޑު ގަބޫލުކުރަން، އެހެންނަމަވެސް ކުރީން ތި ވިދާޅުވާ ގޮތަށް ހިދުމަތްތައް ލަސްވެގެން ދާ ކަމަށް އަޅުގަނޑު އެއް ގޮތަކަށް ވެސް ގަބޫލެއް ނުކުރަން،" ނަހުލާ ވިދާޅުވިއެވެ.

ހަމައެހެންމެ މާލެ ސަރަހައްދުގައި ޓްރާންސްޕޯޓް އޮތޯރިޓީގައި ހިދުމަތް ދޭން ތިބީ 21 މުވައްޒަފުންކަން ފާހަގަކޮށް، ނަހުލާ ވިދާޅުވީ ހިދުމަތް އިތުރަށް ރަނގަޅު ކުރެވެން އޮތީ ބަޖެޓާއި މުވައްޒަފުން އިތުރުކޮށްގެން ކަމަށެވެ. އަދި އެ އޮތޯރިޓީގައި ބޭނުން ކުރަމުން އަންނަ ސޮފްޓްވެއާ ވެސް މިހާރު އާ ކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަން މިނިސްޓަރު ފާހަގަކުރެއްވިއެވެ.

comment ކޮމެންޓް