މާޒިޔާއިން ކެނދިކުޅުދޫގައި ފުޓުބޯޅަ އެކަޑަމީއެއް އިފްތިތާހުކޮށްފި

މާޒިޔާއިން މިއަދު ކެނދިކުޅުދޫގައި ހުޅުވި ފުޓުބޯޅަ އެކަޑަމީގެ ތެރެއިން --- ފޮޓޯ//މާޒިޔާ

އެންމެ ފަހުގެ ލީގު ޗެމްޕިއަން، މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނާއި ނ.ކެނދިކުޅުދޫ ކައުންސިލް ގުޅިގެން އެ ރަށުގައި ފުޓުބޯޅަ އެކަޑަމީއެއް ގާއިމުކޮށްފިއެވެ.

މި އެކަޑެމީ މިއަދު ލޯންޗް ކުރީ، މާޒިޔާގެ ސީނިއާ ޓީމުން އެ ރަށުގައި ކުރަމުންދާ ކޭމްޕުގެ ތެރެއިންނެވެ. ރޮބޯމޭންގެ ފަރި ހަރަކާތްތަކާއެކު އެކަޑަމީ ލޯންޗް ކުރުމަށް ކެނދިކުޅުދޫގެ ޓާފް ދަނޑުގައި މިއަދު ވަނީ ބޮޑު ރަސްމިއްޔާތެއް ބާއްވައިފައެވެ. މި އެކެޑެމީގެ މެއިން ސްޕޮންސަރަކީ އުރީދޫ މޯލްޑިވްސްއެވެ.

މާޒިޔާއިން މިއަދު ކެނދިކުޅުދޫގައި ހުޅުވި ފުޓުބޯޅަ އެކަޑަމީގެ ތެރެއިން --- ފޮޓޯ//މާޒިޔާ

ރަށުގެ އެންމެހާ ކުދިބޮޑު އެންމެނާއެކު މާޒިޔާގެ ސީނިއާ ޕްލޭޔަރުން ވެސް ބައިވެރިވި މި އިވެންޓުގައި ވާހަކަ ދައްކަވަމުން މާޒިޔާގެ ޖެނެރަލް ސެކްރެޓަރީ އަބްދުލް ވައްހާބު ވިދާޅުވީ މާޒިޔާއަށް ކެނދިކުޅުދޫގެ ރައްޔިތުންގެ ފަރާތުން ލިބެމުން މިދާ ތަހުނިއްޔާއަށާއި، އެއްބާރުލުމަށް ޝުކުރުދަންނަވާ ކަމަށެވެ.

"މިކަމަކީ އަޅުގަނޑުމެން ކުރިއަށް ދިއުމަށް ލިބުނު ވަރަށް ބޮޑު ފުރުސަތެއް. މި ހުޅުވިގެންދާ އެކަޑަމީއަކީ ކެނދިކުޅުދޫގެ ކުޑަކުދިންނަށް އުޖާލާ މުސްތަގުބަލެއް، ދުޅަހެޔޮ ސިއްހަތެއް ހޯދައިދިނުމުގެ މަގުސަތުގައި ކުރާ ކަމެއް،" ވައްހާބް ވިދާޅުވިއެވެ.

ވައްހާބް އިތުރަށް ވިދާޅުވީ، މި އެކަޑަމީގެ ސަބަބުން ފުޓުބޯޅައިގެ ރަނގަޅު ޖީލެއް ބިނާވުމާއެކު، ދިވެހި ލީގާއި ގައުމީ ޓީމުގައި ކުޅޭނެ ޕްލޭޔަރުންތަކެއް އުފެއްދުމަކީ އެންމެ ބޮޑު އަމާޒުކަމަށެވެ.

ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އުރީދޫގެ ޗީފް ކޮމާޝަލް އޮފިސަރު ހުސެއިން ނިޔާޒް ވިދާޅުވީ ކެނދިކުޅުދޫއަކީ އޭނާއަސް ވަރަށް ގާތް ރަށެއް ކަމަށެވެ. އެގޮތުން މީގެ 16 އަހަރު ކުރިން އެ ކުންފުނީގެ މަސައްކަތުގައި ކެނދިކުޅުދޫގައި ހަރަކާތްތެރިވި ކަމަށާއި، އޭގެ ފަހުން އެ ކުންފުނިން މިހާރު ހޯދާފައިވާ ކުރިއެރުމާ އެއްގޮތަށް، މާޒިޔާއިން ފެށި އެކެޑަމީވެސް ކުރިއަރާނެކަމުގެ އުއްމީދު އެބައޮތް ކަމަށްވެސް ވިދާޅުވިއެވެ.

މާޒިޔާއިން މިއަދު ކެނދިކުޅުދޫގައި ހުޅުވި ފުޓުބޯޅަ އެކަޑަމީގެ ތެރެއިން --- ފޮޓޯ//މާޒިޔާ

މާޒިޔާއަކީ ކެނދިކުޅުދޫގައި މިވަގުތު ފެށި ދެވަނަ ފުޓުބޯޅަ އެކަޑަމީއެވެ. މިހާރު އެ ރަށުގައި ހިންގަމުން އަންނަނީ އެ ރަށުގެ ކޮމެޓްސް ސްޕޯޓްސް ކުލަބުން ހިންގާ އެކަޑަމީއެވެ.

މާޒިޔާއިން މިހާރު ކެނދިކުޅުދޫއަށް ކުރަމުންދަނީ 10 ދުވަހުގެ ކޭމްޕެކެވެ. މި ކޭމްޕްގައި ކެނދިކުޅުދޫއާއި، މާފަރު ޓީމާއެކު މާޒިޔާއިން އެކުވެރިކަމުގެ މެޗުތަކެއް ކުޅުމަށް ވަނީ ހަމަޖެހިފައެވެ.

މިފަހުން މާޒިޔާއާ ގުޅުނު އަކްރަމް އަބްދުލް ޢަނީ (އަކޫ) އަދި ހައިޝަމް ހަސަން (ބިޑި) އަދި ނޭޕާލްގެ ގައުމީ ކީޕަރު ކިރަން ކުމާރް ސެމްޝޮން ވެސް ވަނީ ކޭމްޕްގައި ބައިވެރިވެފައެވެ.

comment ކޮމެންޓް