ޑްރަގް ކޯޓުން ފޮނުވާ އެސެސްމެންޓުތައް ހެދުމުގެ ގާބިލްކަމެއް އެންޑީއޭއަކު ނެތް: ޕެޓިޝަން ކޮމެޓީ

ޕެޓިޝަން ކޮމެޓީގެ މުގައްރިރު، މުލަކު ދާއިރާގެ މެންބަރު އިބްރާހީމް ނަސީރު -- ސަން ފޮޓޯ/ މުހައްމަދު ހައްޔާން

ޑްރަގް ކޯޓަށް ހުށަހަޅައި، ގިނަ މައްސަލަތަކުގެ އެސެސްމެންޓު ހަދަން ނޭޝަނަލް ޑްރަގް އެޖެންސީ (އެންޑީއޭ)އަށް ފޮނުވި ނަމަވެސް އެ އެސެސްމެޓްތައް ހެދުމުގެ ގާބިލިއްޔަތުކަން އެންޑީއޭގައި ނެތްކަމަށް، މަޖިލީހުގެ ޕެޓިޝަން ކޮމެޓީން އެކުލައިލި ރިޕޯޓުގައި ބުނެފިއެވެ.

މި ރިޕޯޓަކީ މަންޗަންގޮޅި ދެކުނު ދާއިރާގެ މެމްބަރު އަހްމަދު ހައިތަމް ސްޕޮންސާ ކުރައްވައި، 1050 ފަރާތަކުން ސޮއިކޮށް، ހޭންޑްސް ޓުގެދާ ޖަމުއިއްޔާގެ ފަރާތުން ހުށަހެޅި، "ޗޭންޖު އެންޑީއޭ ޕެޓިޝަން 2020" ކޮމެޓީން ދިރާސާކޮށް ނިންމި ގޮތުގެ ރިޕޯޓެވެ.

ރިޕޯޓުން ދައްކާ ގޮތުގައި ޑްރަގް ކޯޓަށް ހުށަހަޅައި މައްސަލަތައް ގިނަވެފައި ވާތީ، އެ ހުރިހާ މައްސަލަތަކުގެ އެސެސްމެންޓު ހަދަން މުޅި އެންޑީއޭ ވަނީ ނުކުޅެދިފައެވެ.

ޑްރަގް ކޯޓުން ފޮނުވާ، ގިނަ އަދަދެއްގެ އެސެސްމެންޓުތައް ހަދަން، އެންޑީއޭގައި ތިބެނީ ފަސް ކައުންސެލަރުންކަމާއި އެހެންކަމުން އެހާ ގިނަ އަދަދެއްގެ މައްސަލަތަކުގެ އެސެސްމެންޓް ހެދުމަކީ ދަތިވާނެ ކަމެއް ކަމުގައި ފާހަގަކޮށް، ކޮންމެ މައްސަލައެއް ވެސް ނިންމަން އެއްމަސް ދުވަސް ހޭދަވާތީ، އެ މުއްދަތު އިތުރުކޮށްދިނުމަށް، ޕެޓިޝަން ކޮމެޓީން ހުށަހަޅާފައިވާ ކަމަށް ރިޕޯޓުގައި ބުނެފައިވެއެވެ.

ރިޕޯޓުގައި ބުނެފައިވަނީ 17/2011 (މަސްތުވާތަކެތީގެ ގާނޫނު)އަކީ ނިއު ސައުތު ވޭލްސްގެ ނިޒާމަށް ބަލައިގެން ހަދާފައިވާ ގާނޫނެއްކަމަށާއި އެ ނިޒާމުގައި ޑްރަގް ކޯޓުގެ މައްސަލައެއް ކުރިއަށްދާނަމަ ގާޒީއާއެކު ކައުންސެލަރަކާއި ފުލުހަކު ހުންނަންޖެހޭ ކަމަށެވެ.

ނަމަވެސް ރާއްޖޭގައި މިއީ ވަކިވަކި މުއައްސަސާތަކެއް ކަމާއި އެއް މުއައްސަސާއަކުން ކަމެއް ނިންމާފައި ފޮނުވުމުން އަނެއް މުއައްސަސާއަކަށް ދެން ވާންވީ ގޮތް ވެސް ނޭނގޭ ކަމަށް ރިޕޯޓް ބުނެއެވެ.

މީގެ އިތުރުން، މި މުއްދަތު ދިގުވުމުން މަސްތުވާތަކެތީގެ މައްސަލަ ރައްދުވާ ފަރާތް، މުއައްސަސާތަކުގެ މެދުގައި އެނބުރެން ޖެހިފައިވާ ކަމަށް ރިޕޯޓުގައި ފާހަގަ ކޮށްފައިވެއެވެ.

ޑްރަގް ކޯޓުގެ ނިޒާމުގެ ތެރެއަށް އަންނަ، ރާއްޖޭގެ އެކި ކަންކޮޅުތަކުގައިވާ ފަރާތްތައް މާލެއަށް އަންނަ ޖެހިފައިވާ ކަމާއި އަދި އެމީހުންގެ ފަރުވާ ނުފެށި މާލޭގައި ތިބެން ޖެހޭ ކަމަށާއި އެފަދަ މީހުން، އިތުރު އެހެން ކުށްތަކަށް އަރައިގަތުމަށް، މަގުފަހިވެފައިވާ ކަމަށް ވެސް ރިޕޯޓުގައިވެއެވެ.

ރިޕޯޓުގައި އިތުރަށް ބުނެފައިވަނީ ޝަރިއަތް ކުރުމުގެ ޖިނާއީ އިޖުރާތުގެ ގަވާއިދު، ސުޕްރީމް ކޯޓުން މުރާޖައާ ކޮށްފައިވާއިރު، މަސްތުވާތަކެތީގެ ކުށުގެ ތުހުމަތުގައި ހައްޔަރުކުރާ މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަކީ ޑްރަގް ކޯޓުގެ އިހްތިސާސެއް ކަމަށެވެ.

ނަމަވެސް އެކަން ސާފުކޮށް ބަޔާން ކޮށްފައި ނުވާ ކަމާއި އަދި އެކަން ކުރުމަށް އެ ކޯޓުގައި ކެޕޭސިޓީއެއް ވެސް ނެތް ކަމަށް އެ ރިޕޯޓުގައިވެއެވެ.

މަސްތުވާތަކެތީގެ ގާނޫނުގެ 45ވަނަ މާއްދާގައި ޑްރަގް ކޯޓަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުމަށް ޓަކައި ފަންނީ ކޮމެޓީއެއް އޮންނަންވާނެ ކަމުގައި ބަޔާންކޮށްފައިވީ ނަމަވެސް ފަންނީ ކޮމެޓީގެ އެއްބާރުލުން ނުލިބޭ ކަމަށާއި އެ އެހީތެރިކަން ލިބިއްޖެނަމަ މަސައްކަތް ފުރިހަމަވާނެ ކަމަށް ރިޕޯޓުގައި ފާހަގަ ކޮށްފައިވެއެވެ.

ޕެޓިޝަން ކޮމެޓީން އެކުލަވައިލި ރިޕޯޓުގައި ބުނެފައިވަނީ ފަރުވާ ފުރިހަމަ ކުރުމަށްފަހު، 2223 މީހުން ކޯޓުން ދޫކޮށްލާފައިވާ ކަމަށެވެ.

އޭގެ ތެރެއިން 200 މީހުންގެ މެދުގައި ކޯޓުން ރިހެބިލިޓޭޝަނަށް އަމުރު ކުރުމުގެ ކުރީންނާއި އަދި ފަރުވާ ފުރިހަމަ ކުރުމަށްފަހު، ކޯޓުން ދޫކޮށްލާފައިވާ ތާރީހުން ފެށިގެން ކުށުގެ ރިކޯޑަށް އައިސްފައިވާ ބަދަލުތަކުގެ މައްޗަށް ދިރާސާއެއް ހަދާފައިވާ ކަމުގައި ރިޕޯޓު ބުނެއެވެ.

މީގެ އިތުރުން، ކޯޓުން ފަރުވާ ދިނުމުގެ ކުރީން އެ ފަރާތްތަކުގެ ފާއިތުވެދިޔަ، ދެ އަހަރުގެ ކުށުގެ ރެކޯޑާއި އަދި އެއަށްފަހު، ކޯޓުން ދޫކޮށްފައިވާ ތާރީހުން ފެށިގެން ދެ އަހަރު ދުވަހުގެ ރެކޯޑް ވަނީ ބަލައިފައެވެ. އެ ބެލިބެލުމުން، ފާހަގަވެފައިވަނީ ރިބެލިޓޭޝަން އަމުރުގެ ކުރީން 114 މީހަކު އެކިއެކި ކުށްތަކަށް އަރައިގަންނަ ކަމަށާއި އަދި ފަރުވާ ނިންމައި ދެ އަހަރު ތެރޭގައި އެ އަދަދު 63އަކަށް ދަށްކުރެވުނު ކަމަށް ރިޕޯޓުގައި ފާހަގަ ކޮށްފައިވެއެވެ.

މީގެ އިތުރުން، ތަކުރާރުކޮށް ފަރުވާ ހޯދަން އަންނަ މީހުންގެ މެދުގައި ވެސް ދިރާސާއެއް ހަދާފައިވާ ކަމާއި މަސްތުވާތަކެއްޗާ ބެހޭ ގާނޫނުގައި އޮތް ގޮތުން ތަކުރާކޮށް ފަރުވާ ހޯދަން އައިސް، ފަރުވާގެ ފުރުސަތު ލިބޭ ކަމުގައިވީ ނަމަވެސް އެ ފަރާތްތައް އަނބުރާ މަސްތުވާތަކެއްޗަށް ވަންނަ ސަބަބު ދެނެގަންނަން ޖެހިފައިވާ ކަމަށް ވެސް ރިޕޯޓު ބުނެއެވެ.

ރިޕޯޓުގައި ލަފާ ދީފައިވަނީ ޑްރަގް ކޯޓާއި އެންޑީއޭ ގުޅިގެން ކުރަމުން އަންނަ މަސައްކަތުގެ ކާމިޔާބުކަން ބެލުމަށް ޓަކައި ކަނޑައެޅޭ އެހެން މުއައްސަސާއަކުން އެކަށީގެންވާ ދިރާސާއެއް ކުރުމަކީ މުހިއްމު ކަމެއް ކަމަށެވެ.

ޕެޓިޝަން ކޮމެޓީގެ މުގައްރިރު، މުލަކު ދާއިރާގެ މެންބަރު އިބްރާހީމް ނަސީރު ވިދާޅުވީ ވިދާޅުވީ މަސްތުވާތަކެތީ މި ބޮޑު މައްސަލަ ހައްލު ކުރުމަށް ޓަކައި ފާއިތުވީ ފަސް އަހަރުގެ ތެރޭގައި ދައުލަތުން އެންޑީއޭއަށް، ދޫކޮށްފައިވަނީ ވަރަށް ބޮޑެތި އަދަދުތަކެއް ކަމަށެވެ.

ނަމަވެސް މިހާތަނަށް އައިއިރު ވެސް މި މައްސަލައަށް ހައްލެއް ލިބިފައި ނުވުމަކީ ގަބޫލު ކުރައްވަން ދަތި ކަމެއް ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

ދެހާސް ސޯޅަވަނަ އަހަރުން ފެށިގެން 2020 ވަނަ އަހަރާ ހަމައަށް، އެންޑީއޭއަށް ދޫކޮށްފައިވާ ބަޖެޓުގެ ތަފުސީލް:

  • 2016 ވަނަ އަހަރު 78 މިލިއަން ދިވެހި ރުފިޔާ
  • 2017 ވަނަ އަހަރު 63 މިލިއަން
  • 2018 ވަނަ އަހަރު 60 މިލިއަން
  • 2019 ވަނަ އަހަރު 70 މިލިއަން
  • 2020 ވަނަ އަހަރު 95 މިލިއަން

އަހަރު ނިމުނުއިރު ބާކީ ވެގެން އަނބުރާ ދެއްކި އަދަދު:

  • 2016 ވަނަ އަހަރު އަށް މިލިއަން ދިވެހި ރުފިޔާ
  • 2017 ވަނަ އަހަރު ދެ މިލިއަން
  • 2018 ވަނަ އަހަރު ނުވަ ލައްކަ
  • 2019 ވަނަ އަހަރު ފަސް މިލިއަން
  • 2020 ވަނަ އަހަރު 23 މިލިއަން

ނަސީރު ވިދާޅުވީ ފަރުވާގެ އެކިއެކި ކަންކަމަށް ހޭދަ ކުރުމަށް ޓަކައި އެންޑީއޭއަށް ދައުލަތުން ދޫކޮށްފައިވާ ބޮޑެތި އަދަދުތައް ފެނުމުން ކޮމެޓީގެ މެމްބަރުން ވެސް ތިބީ ހައިރާންވެ، އަންތަރީސް ވެފައި ކަމަށެވެ.

އޭނާ ވިދާޅުވީ މިހާ ބޮޑު ހޭދައެއް ދައުލަތުން ކޮށްފައިވާއިރު އެ މަރުކަޒު ތަކުގައި ތިބި މީހުން ބޯނެ ފެންފުޅިއެއް ވެސް ލިބެން ނުހުންނަ ކަމާއި އަދި ވޮލަންޓިއާކޮށް މަސައްކަތްކުރަން އަންނަ ފަރާތްތަކަށް، އެތަނުގައި ހުންނަ ކާ އެއްޗެއް ވެސް ނުލިބޭ ކަމަށެވެ.

އޭނާ ވިދާޅުވީ އެފަދަ ބޮޑެތި އިހުމާލުތަކުގެ ފަހަތުގައި ކޮންމެ ވެސް ބަޔަކު ތިބޭނެ ކަމަށާއި އެހެންކަމުން އެ ފަރާތްތަށް ހޯދަން އެބަޖެހޭ ކަމަށެވެ.

comment ކޮމެންޓް