ދުޝްމަންކަން އެއްފަރާތް ކުރުމަށްފަހު ޔޫއޭއީ އާއި ތުުރުކީ ގުޅުންތައް ބަދަހިކުރަނީ

މުހައްމަދު ބިން ޒާޔިދު އާއި އެރުދުޣާން އަންކަރާގައި ބައްދަލު ކުރައްވަނީ

ތުރުކީއާމެދު ދުޝްމަންކަން ގެންގުޅެމުންގެންދިޔަ ގަލްފުގެ ކުޑަ އަރަބި ގައުމެއް ކަމަށްވާ ޔުނައިޓެޑް އަރަބް އިމަރޭޓްސް (ޔޫއޭއީ) ގެ ވަލީއުލްއަހްދު މުހައްމަދު ބިން ޒާޔިދު ތުރުކީއަށް ވަޑައިގެން ރައީސް ރަޖަބް ތައްޔިބު އެރުދުޣާން އިއްޔެވަނީ ބައްދަލުކުރައްވާފައެވެ.

ތުރުކީގެ ރިޔާސީ ގަނޑުވަރުގައި އެރުދުޣާންވަނީ މުހައްމަދު ބިން ޒާޔިދުއާ ރަސްމީގޮތުން އިސްތިގްބާލް ކުރެއްވުމަށް ވަރަށް ބޮޑު ރަސްމިއްޔާތެއް ބާއްވާފައެވެ. މިރަސްމިއްޔާތަށްފަހު ބޭއްވި ދެބޭފުޅުންގެ ރަސްމީ ވާހަކަތައް ދެގަޑީއިރަށް ދިގުދެމިގެން ދިޔައެވެ.

ރަސްމީ ވާހަކަތަކަށްފަހު އެދެބޭފުޅުންގެ ހާޒިރުގައި ތުރުކީއާއި ޔޫއޭއީ ގެ މަސްއޫލުވެރިންވަނީ އިގްތިސާދީ، ފަންނީ، ސިނާއީ އަދި ދަތުރުފަތުރާއި ޓެކްނޮލޮޖީއާއި ހަކަތައާއި އިންވެސްޓްމެންޓް ގެދާއިރާތަކުގައި ގިނަ އަދަދެއްގެ އެއްބަސްވުންތަކެއްގައި ސޮއިކުރައްވާފައެވެ. މިއެއްބަސްވުންތަކާއެކު ޔޫއޭއީ ން ތުރުކީގައި 10 ބިލިޔަން ޑޮލަރު އިންވެސްޓްކުރުމަށް މުހައްމަދު ބިން ޒާޔިދު ނިންމަވައި އެކަން އެރުދުޣާން އާ ހިއްސާ ކުރައްވާފައިވާކަމަށް ޚަބަރުތައް ބުނެއެވެ.

ޔޫއޭއީން ތުރުކީގައި 10 ބިލިޔަން ޑޮލަރު އިންވެސްޓް ކުރުމަށް ނިންމާފައި މިވަނީ އެމެރިކާގެ ދަތިކުރުމުގެ ފިޔަވަޅުތަކާ ގުޅިގެންނާ އަދި ކޮވިޑް-19 ގެ ސަބަބުން ތުރުކީގެ ފައިސާ ކަމަށްވާ ލީރާގެ އަގުވެއްޓި އިގްތިސާދީ ބޮޑުދަތިތަކެއް ތުރުކީ ތަހައްމަލް ކުރަމުން ގެންދާ ދަނޑިވަޅެއްގައެވެ.

ތުރުކީއާ މެދު ޔޫއޭއީ ދުޝްމަންކަން ގެންގުޅެން ފެށީ އިސްލާމީ ފިކުރުގެ ބޭފުޅެއްކަމަށްވާ ރައީސް ރަޖަބް ތައްޔިބު އެރުދުޣާންގެ ވެރިކަމުގައެވެ. އެއީ އެރުދުޣާން އަކީ އިސްލާމީ ސިޔާސީ ފިކުރެއް ކަމަށްވާ "މުސްލިމް ބްރަދަހޫޑް"ގެ ފިކުރަށް ނިސްބަތްވާ ބޭފުޅަކަށްވެފައި އެރުދުޣާން ގެ ޖަސްޓިސް އެންޑް ޑިވެލޮޕްމެންޓް ޕާޓީއަކީވެސް "މުސްލިމް ބްރަދަހޫޑް"ގެ ފިކުރުގެ ޕާޓީއެއްކަމަށް ވާތީ ކަމަށް ރިޕޯޓްތައް ބުނެއެވެ.

"މުސްލިމް ބްރަދަހޫޑް" ނުވަތަ "އިޚްވާނުލްމުސްލިމޫން" ގެ އިސްލާމީ ސިޔާސީ ފިކުރަކީ ޔޫއޭއީ ން ކުރަމުން ގެންދާ ޚުދުމުޚްތާރު ވިރާސީ ރަސްކަމުގެ ނިޒާމަށް އޮތް ބިރެއްކަމަށް އެގައުމުން އަބަދުވެސް ދެކެއެވެ. ދެގައުމުގެ ގުޅުންތައް އެންމެ ބޮޑަށް ގޯސްވެގެންދިޔައީ 2011 ވަނައަހަރު ބައެއް އަރަބި ގައުމުތަކުގެ ރައްޔިތުން އެގައުމުތަކުގެ ސަރުކާރުތަކާ ދެކޮޅަށް ކުރި މުޒާހަތާތަކާއި އުތުރިއެރުންތަކާއެކު މިސްރުގެ ވެރިކަމަށް ޑރ. މުހައްމަދު މުރުސީގެ ޒައާމަތުގައި "މުސްލިމް ބްރަދަހޫޑް" ޖަމާއަތް އައުމާ ގުޅިގެންނެވެ.

ޑރ. މުރުސީގެ ޑިމިކްރެޓިކް ވެރިކަން އަސްކަރީ ބަޣާވާތަކުން ވައްޓާލި ޖެނެރަލް އަބްދުލްފައްތާހް އައްސީސީ އަށް ޔޫއޭއީ އާއި އިސްރާއީލާއި ސައޫދީ އަރަބިއާ އާއި އެމެރިކާގެ އެހީތެރިކަން ލިބިގެން ދިޔައެވެ.

2015 ވަނައަހަރު އެރުދުޣާންގެ ވެރިކަމާ ދެކޮޅަށް ތުރުކީގެ އަސްކަރިއްޔާއާއި ތުުރުކީގެ ލާދީނީ ސިޔާސީ ބާރުތަކާ ގުޅިގެން ގެންނަންއުޅުނު ނާކާމިޔާބު ބަޣާވާތުގެ ފަހަތުގައިވާ އެއްގައުމަކީ ޔޫއޭއީ ކަމަށް އެދުވަސްވަރު އެރުދުޣާންގެ ސަރުކާރުން ތުހުމަތުކުރިއެވެ. ސިޔާސީ މި ދުޝްމަންކަމާއެކުވެސް ތުރުކީއާއި ޔޫއޭއީގެ އިގްތިސާދީ ގުޅުންތައް ބާރަށް ކުރިޔަށް ދިޔައެވެ.

ކުއްލި ގޮތަކަށް ތުރުކީއާ ގާތްވުމަށް ޔޫއޭއީ ނިންމިއިރު ޔޫއޭއީވަނީ އެގައުމުގެ އަވަށްޓެރި އަދި ދުޝްމަނެއްކަމަށް ދެކޭ އީރާނާއެކުވެސް ގުޅުންތައް ރަނގަނޅުކުރުމުގެ މަސައްކަތް ފަށާފައެވެ. މިގޮތުން އީރާނުގެ ޚާރިޖީ ވަޒީރުގެ ނައިބު އިއްޔެވަނީ ޔޫއޭއީ އަށް ވަޑައިގެންފައެވެ. އަދި ޔޫއޭއީގެ ރައީސާއި ވަލީއުލްއަހްދުގެ ކޮއްކޯފުޅު އަދި އެގައުމުގެ ގައުމީ ސަލާމަތާބެހޭ މުސްތަޝާރު ތަހްނޫންބިން ޒާޔިދު އަންނަ ހަފްތާގައި އީރާނަށް ޒިޔާރަތް ކުރައްވާގޮތަށްވަނީ ހަމަޖެހިފައެވެ.

ޔޫއޭއީ ދާދިފަހުންވަނީ އެގައުމުގެ ޚާރިޖީ ވަޒީރު އަބްދުﷲ ބިން ޒާޔިދު ސޫރިއާ އަށް ފޮނުއްވައިގެން ސޫރިއާއާވެސް ގުޅުންތައް ރަނގަނޅުކޮށްފައެވެ. ނަމަވެސް ސޫރިޔާގެ ހަނގުރާމަވެރި ޖަމާއަތްތަކަށް ފައިސާ ދީގެން ސޫރިޔާގެ ދާޚިލީ ހަނގުރާމައިގާ ޔޫއޭއީ ރައީސް ބައްޝާރުލްއަސަދުގެ ސަރުކާރާ ދެކޮޅަށް މަސައްކަތްކުރި ގައުމުތަކުގެ ތެރޭގައި ޔޫއޭއީ ހިމެނެއެވެ.

އަނެއްކޮޅުން އެމެރިކާއަކީ ޔޫއޭއީ ގެ އެންމެ ގާތްގައުމު ކަމަށްވިޔަސް ޔޫއޭއީ ގެންދަނީ އެމެރިކާގެ އެންމެ ބޮޑު ދުޝްމަންކަމަށްވާ ޗައިނާއާ އަސްކަރީ ސިއްރު ގުޅުންތަކެއް ބާއްވަމުންނެވެ. ދާދިފަހުންވަނީ ޗައިނާއިން ޔޫއޭއީގައި ސިއްރު އަސްކަރީ ބޭހެއް ގާއިމް ކުރަމުންގެންދާ މައްސަލަ ފަޅާއަރާފައެވެ. މިމައްސަލާގައި އެމެރިކާގެ ފާޑުކިޔުންތައް ޔޫއޭއީ އަށް އަމާޒުވިއެވެ.

ޔޫއޭއީ އަކީ ފަލަސްތީނުގެ ހައްގުތަކާއި މާތްވެގެންވާ މަސްޖިދުލްއަގްސާގެ މައްސަލަ އަށް ބެލުމެއްނެތި ވަރަށް ފަހުން އިސްރާއީލާވެސް ގުޅުންތައް ގާއިމްކޮށްގެން އުޅޭ ގައުމެކެވެ. މީގެއިތުރުން ޔަމަންގެ ހަނގުރާމައިގާވެސް ޔޫއޭއީ ދަނީ ޔަމަނަށް އަތްގަދަކުރުމުގެ އަނިޔާވެރި ދައުރެއް އަދާކުރަމުންނެވެ.

ގުޅޭ ޓެގު
comment ކޮމެންޓް