އަރަބިއްޔާ ސުކޫލުގެ އިމާރާތުން ދަރިވަރުންނަށް ނުރައްކަލެއް ނެތް: މިނިސްޓަރު

އެޑިއުކޭޝަން މިނިސްޓަރު އައިޝަތު އަލީ-- ފޮޓޯ/ މަޖިލިސް

މިހާތަނަށް ހަދައިފައިވާ ދިރާސާއިން އަރަބިއްޔާ ސުކޫލުގެ އިމާރާތުން ދަރިވަރުންނަށް ނުރައްކަލެއް ނެތް ކަން ހާމަވެފައިވާ ކަމަށް އެޑިއުކޭޝަން މިނިސްޓަރު އައިޝަތު އަލީ ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި އަރަބިއްޔާ އިމާރާތަށް ލިބިފައިވާ ގެއްލުންތަކާ ގުޅޭ ގޮތުން މައްޗަންގޮޅި ދެކުނު ދާއިރާގެ މެމްބަރު އަހްމަދު ހައިތަމް ވަނީ ސުވާލުކުރައްވައިފައެވެ.

އެ ސުވާލަށް ޖަވާބު ދެއްވަމުން މިނިސްޓަރު ވިދާޅުވީ އަރަބިއްޔާ ސުކޫލުގެ އެ އިމާރާތަކީ 2013 ވަނަ އަހަރު ހުޅުވި އިމާރާތެއް ކަމަށާއި އެތަނަށް އެހާ ގިނަ ދުވަސްވެފައި ނުވާ ކަމަށެވެ.

"އެހެންވީމަ އަދި އެހާ ގިނަ ދުވަސްތަކެއް ނުވޭ އެ ބިލްޑިންއަކަށް، ނަމަވެސް އަޅުގަނޑުމެންނަށް ފުރަތަމަ ވެސް އަރަބިއްޔާ ސުކޫލުގަ ބޮޑެތި ރެނދުތަކެއް ހުރިކަން ފާހަގަވެފައިމިވަނީ ޑިސެންބަރު 2020 ގައި،" އައިޝާ ވިދާޅުވިއެވެ.

މިނިސްޓަރު އައިޝާ ވިދާޅުވީ ރެނދުތައް ފާހަގަވުމާއެކު އިންސްޕެކްޝަނެއް ހަދައިފައިވާނެ ކަމަށާއި ޕްލޭނިން މިނިސްޓްރީން އިންޖިނިއަރުން ގުޅިގެން ހެދި އިންސްޕެކްޝަންގައި ވިޝުއަލް އިންސްޕެކްޝަނެއް ހަދައި ރިޕޯޓެއް ހުށަހަޅައިފައިވާ ކަމަށެވެ.

މިނިސްޓަރު ވިދާޅުވީ ރިޕޯޓުގައި ދަރިވަރުންނަށް ގެއްލުމެއްވާނެ ކަމަށް ފާހަގަކޮށްފައިނުވާ ކަމަށެވެ.

"އެ ރިޕޯޓުގައި ފާހަގަކޮށްފައިވާ ގޮތުގައި އަދިއެއް ދަރިވަރުންނަކަށް ގެއްލުމެއް ނެތް، އެއީ އަޅުގަނޑުމެން ހަމަ ވަރަށް ކްލޯސްލީ މޮނިޓާ ކުރަމުން މިދަނީ، ކިރިޔާ ވެސް ދަރިވަރުންނަށް ނުރައްކާ ވާ ކަން އަޅުގަނޑުމެންނަށް އެނގޭ ހާލަތުގައި އަޅުގަނޑުމެން އެތަން ކުދިން ނެރުމުގެ މަސައްކަތް ކުރިއަށްދާނެ،" މިނިސްޓަރު ވިދާޅުވިއެވެ.

https://sun.mv/159250

އެހެންނަމަވެސް އެ ރިޕޯޓުން އެ އިމާރާތުގައި ހުރި ގެއްލުން އެންމެ ފުރިހަމައަށް އަންދާޒާ ކުރަން ނޭނގޭ ކަމަށާއި އެހެންކަމުން ސްޓްރަކްޗަރަލް އެސެސްމެންޓެއް ހެދުމަކީ މުހިންމު ކަމެއް ކަމަށް މިނިސްޓަރު ފާހަގަކުރެއްވިއެވެ. އެ މަސައްކަތް މިހާރު ފަށައިފައިވާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

ހަމައެހެންމެ ސްޓަރްކްޗަރަލް ރިޕޯޓު ނިމުމުން އިމާރާތަށް ކޮންމެހެން ގެންނަން ބޭނުންވާ މަރާމާތުތަކުގެ ތަފްސީލް ވެސް ލިބިގެންދާނެ ކަމަށް ވިދާޅުވިއެވެ.

އަރަބިއްޔާ ސުކޫލުގެ އިމާރާތުގައި ރެނދުލައި، އެތަން ވީރާނާވަމުން ދާތީ އެ ސުކޫލުގެ ބެލެނިވެރިން އަންނަނީ ނުރުހުން ފާޅު ކުރަމުންނެވެ. އަދި މީސްމީޑިއާގައި ބައެެއް ދީނީ އިލްމުވެރިން ވެސް ވަނީ މިކަމާ ނުރުހުން ފާޅުކުރައްވައިފައެވެ.

comment ކޮމެންޓް