ގާބިލް ޕްރިންސިޕަލުން ނުލިބެނީ މުސާރަ ކުޑަވުމުން: މިނިސްޓަރު

ޖެނުއަރީ 12، 2020: އެޑިއުކޭޝަން މިނިސްޓަރު އައިޝަތު އަލީއާއި ރައީސް އިބްރާހިމް މުހައްމަދު ސޯލިހް -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ސުކޫލުތަކަށް ގާބިލު ޕްރިންސިޕަލުން ލިބުމުގައި ދަތިތަކާ ކުރިމަތިވަނީ، ޕްރިންސިޕަލުންގެ މުސާރަ ކުޑަވުމުގެ ސަބަބުން ކަމަށް އެޑިއުކޭޝަން މިނިސްޓަރު އައިޝަތު އަލީ މިއަދު ވިދާޅުވެއްޖެއެވެ.

މަޑުއްވަރީ ސުކޫލަށް ޕްރިންސިޕަލެއް ނެތް މައްސަލައިގައި މިނިސްޓަރު ވަނީ މިއަދުގެ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއަށް ހާޒިރުކޮށް، ސުވާލުކޮށްފައެވެ.

މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފް ކުރެއްވި ސުވާލަށް ޖަވާބު ދެއްވަމުން މިނިސްޓަރު އައިޝަތު އަލީ ވިދާޅުވީ މަޑުއްވަރީ ސުކޫލުގެ ޕްރިންސިޕަލު އިސްތިއުފާ ދީފައިވަނީ އޮގަސްޓު މަހުގެ 15 ވަނަ ދުވަހު ކަމަށާއި އޭގެ ފަހުން ޕްރިންސިޕަލެއް ހޯދުމަށް ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށެވެ.

"އޭގެ ފަހުން އަޅުގަނޑުމެން މިދަނީ އެރަށަށް ޕްރިންސިޕަލެއް ހަމަޖެއްސުމުގެ މަސައްކަތް ކުރަމުން، އެގޮތުން 18 އޮގަސްޓުގަ އަޅުގަނޑުމެން ފުރަތަމަ އިއުލާނެއް ކުރީ ޕްރިންސިޕަލެއް ހޯދަން، މި އިއުލާނުގައި ޝަރުތު ހަމަވާ ބޭފުޅަކު އިޖާބައެއް ނުދެއްވާ،" އައިޝަތު އަލީ ވިދާޅުވިއެވެ.

ހަމައެހެންމެ އޭގެ ފަހުން ކުރި އިއުލާނަށް ވެސް އެ މައްސަލަ ދިމާވުމަށްފަހު، މިދިޔަ މަހުގެ ކުރީކޮޅު ކުރި އިއުލާނާއެކު ޝަރުތު ހަމަވާ ޕްރިންސިޕަލެއް ލިބި، ވަޒީފާ ހަމަޖެއްސުމުގެ ކަންކަން ކުރަމުން އަންނަ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު އިތުރަށް ވިދާޅުވީ ޕްރިންސިޕަލުން ލިބުމުގައި ގިނަ ދަތިތަކެއް ހުރިކަމަށާއި އެގޮތުން ޝަރުތު ހަމަވާ މީހުން ކުރިމަތިނުލުމަކީ ދިމާވާ އެންމެ ބޮޑު އެއް މައްސަލަ ކަމަށެވެ.

އިއުލާނުތަކަށް މީހުން ކުރިމަތިނުލުމުން، ސިސްޓަމް ތެރޭގައި ތިބި ޕްރިންސިޕަލުންނާއި އެ މަސައްކަތް ކުރައްވާ ހިތްވާ ބޭފުޅުންނާ މަޝްވަރާކޮށްގެން، ވަޒީފާ ހަމަޖެއްސުމަށް މަސައްކަތް ކޮށްފައިވާނޭ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

ހަމައެހެންމެ މުސާރަ ކުޑަވުމަކީ ވެސް ދިމާވާ މައްސަލައެއްގެ ގޮތުގައި މިނިސްޓަރު އައިޝަތު އަލީ ފާހަގަކުރެއްވިއެވެ.

"ފާހަގަވެފައިވަނީ ސުކޫލުތައް ހިންގަން ގާބިލު ޕްރިންސިޕަލުން މި ދުވަސްވަރު ނުލިބޭކަން، ދެން އޭގެ އެއް މައްސަލަ އެއީ ޕްރިންސިޕަލުންގެ މުސާރަ ކުޑަވުން،" މިނިސްޓަރު ވިދާޅުވިއެވެ.

ޕްރިންސިޕަލުންގެ ކޯސް ހަދައިފައި ތިބޭ ބައެއް ބޭފުޅުން މަޖިލީހުގައްޔާއި ކައުންސިލްތަކުގައި ވެސް ތިއްބަވާ ކަން ފާހަގަކުރައްވާ މިނިސްޓަރު އިތުރަށް ވިދާޅުވީ މުސާރަ ކުޑަވުމުގެ ސަބަބުން ގާބިލް ޕްރިންސިޕަލުން ސުކޫލުތަކުން ގެއްލުމުގެ ފުރުސަތު އޮންނަ ކަމަށެވެ.

މިކަން ހައްލުކުރުމުގެ ގޮތުން އަމިއްލަ ރަށް ނޫން އެހެން ރަށްރަށުގެ ޕްރިންސިޕަލް ކަން ކުރައްވާ ބޭފުޅުންނަށް އެލަވަންސް ދޭކަން ފާހަގަކުރައްވާ މިނިސްޓަރު ވިދާޅުވީ ޕްރިންސިޕަލުން ތަމްރީނު ކުރުމުގެ ޕްރޮގްރާމްތައް ރާވާ ހިންގަމުން އަންނަ ކަމަށެވެ.

comment ކޮމެންޓް