ސ. އަތޮޅު މަދަރުސާގައި މަސައްކަތްކުރާ ބިދޭސީ ޓީޗަރަކު ކީރިތި ގުރުއާނަށް ފުރައްސާރަކޮށް ލާދީނީ ވާހަކަތަކެއް ދަރިވަރުން ކުރިމަތީގައި ދެއްކި މައްސަލައެއް ފެންމަތިވެއްޖެއެވެ.
މި މައްސަލަ އެޑިއުކޭޝަން މިނިސްޓްރީގެ ސަމާލުކަމަށް ގެނެސްފައިވަނީ އިއްޔެއެވެ. އެގޮތުން އެ މިނިސްޓްރީން ބުނީ މި މައްސަލަ އެ ސްކޫލުން ތަހުގީގުކުރަމުން އަންނަކަމަށް ބުނެފައިވާކަމަށެވެ. އަދި މައްސަލަ ބެލުމަށްފަހު ތަފްސީލީ ރިޕޯޓެއް މިނިސްޓްރީއަށް ފޮނުވާނެކަމަށެވެ. އަދި ފިޔަވަޅު އަޅާނީ އެ ރިޕޯޓަށް ބެލުމަށްފަހުކަމަށް މިނިސްޓްރީން ބުންޏެވެ.
ސ. އަތޮޅު މަދަރުސާގައި ބިދޭސީ ޓީޗަރަކު ގުރުއާނަށް ފުރައްސާރަކޮށް، ލާދީނީ ވާހަކަތަކެއް ދައްކައިފައިވަނީ ގްރޭޑް އަށެއްގެ ކުދިން ހިމެނޭ ކުލާހެއްގައެވެ. އެގޮތުން އެ ޓީޗަރުވަނީ ގުރުއާނަކީ ހިޔާލީ ވާހަކަތަކެއްކަމަށް ބުނެފައެވެ. އަދި ކަލަކު ވޮޑިގެން ނުވާކަމަށް ވެސް ބުނެފައިވެއެވެ. އަދި ކަލަކުވާކަމަށް ގަބޫލްކުރެވެނީ ކުޑައިރުންސުރެ އެ ކަން ވިސްނައިދީ ވިސްނުމާ ކުޅެފައިވުމުންކަމަށް ވެސް އެ ޓީޗަރު ބުނެފައިވެއެވެ.
މި މައްސަލައާ ގުޅިގެން ވާހަކަދައްކަވަމުން ސ. އަތޮޅު މަދަރުސާގެ ޕްރިންސިޕަލް އާމިނަތު ޒީނިޔާ "ސަން"އަށް ވިދާޅުވީ މިފަދަ މައްސަލައެއް ހިނގައިގެން އުޅޭކަމުގެ ޝަކުވާ އެއްވެސް ބެލެނިވެރިއެއް ސްކޫލަށް ހުށަހަޅައިފައިނުވާކަމަށެވެ. އަދި ޝަކުވާ ހުށަހަޅައި އެ ކަން ސަމާލުކަަމަށް ގެނެސްފައިވަނީ ދަރިވަރެއްކަމަށެވެ.
"އެއްވެސް ބެލެނިވެރިއެއް ނޫން މައްސަލަ ހުށަހެޅީ. ހަމަ ދަރިވަރެއް އެއީ. ދެން އަޅުގަނޑުމެން މިހާރު އިތުރަށް މި ކަން ބަލަމުން މި އަންނަނީ. މިވަގުތު އިތުރު މައުލޫމާތު މި މައްސަލައާ ގުޅިގެން ހާމަކުރެވޭކަށް ނެތް،" ޒީނިޔާ ވިދާޅުވިއެވެ.
ޒީނިޔާ ވިދާޅުވީ މި މައްސަލައިގައި ހިމެނޭ ޓީޗަރު މި މައްސަލައިގެ ތަހުގީގު ނިމެންދެން ސްކޫލަށް ހާޒިރުނުވާނެކަމަށެވެ.