ރަޖިސްޓްރީ ނުވެ ރާއްޖޭގައި އުޅޭ ބިދޭސީންނަށް އެހީވުމަށް ބަންގްލަދޭޝްއިން އެދިއްޖެ

ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިސަލް ނަސީމް ބަންގްލަދޭޝްއަށް އިއްޔެ ކުރެއްވި ރަސްމީ ދަތުރުފުޅުގައި ބަންގްލަދޭޝްގެ ފޮރިން މިނިސްޓަރާ ބައްދަލުކުރެއްވުމުގެ ތެރެއިން ފޮޓޯ / ރައީސް އޮފީސް

ރާއްޖޭގައި ރަޖިސްޓްރީނުވެ އުޅޭ ބަންގްލަދޭޝްގެ މަސައްކަތްތެރިން ރަޖިސްޓްރީކޮށް, ރެގިއުލަރައިޒް ކުރުމަށް ދިވެހި ސަރުކާރުން އެހީތެރިކަން ފޯރުކޮށްދިނުމަށް ބަންގްލަދޭޝްގެ ފޮރިން މިނިސްޓަރު ޑރ. އޭ.ކޭ. އަބްދުލް މޮމެން އެދިވަޑައިގެންފިއެވެ.

މިނިސްޓަރު މޮމެން އެހެން ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިސަލް ނަސީމް ބަންގްލަދޭޝްއަށް ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގައި އެ މިނިސްޓަރާ ބައްދަލު ކުރެއްވުމުންނެވެ.

އެ ބައްދަލުކުރެއްވުމުގައި ބަންގްލަދޭޝްގެ ފޮރިން މިނިސްޓަރު ވަނީ ރާއްޖޭގައި ރަޖިސްޓާވެގެން ގިނަ އަދަދެއްގެ ބަންގްލަދޭޝް ރައްޔިތުން މަސައްކަތް ކުރަމުންދާކަން ފާހަގަކުރައްވައިފައެވެ. އަދި ރާއްޖޭގައި ރަޖިސްޓްރީނުވެ އުޅޭ ބަންގްލަދޭޝްގެ މަސައްކަތްތެރިން ރަޖިސްޓްރީކޮށް، ރެގިއުލަރައިޒް ކުރުމަށް ދިވެހި ސަރުކާރުން އެހީތެރިކަން ފޯރުކޮށްދިނުމަށް އޭނާ އެދިވަޑައިގެންނެވިއެވެ.

އެ ބައްދަލުވުމުގައި ނައިބު ރައީސް ވަނީ ކޮވިޑް-19 ގެ ބަލިމަޑުކަމުގެ ސަބަބުން ހާއްސަ ގޮތެއްގައި ލާމަރުކަޒީ އުސޫލުން ސިއްހީ ހިދުމަތް ފޯރުކޮށްދިނުމުގައި ގޮންޖެހުންތަކެއް ހުރިކަން ހާމަވެގެން ގޮސްފައިވާކަމަށާއި އެކަންކަން ބަލަން ޖެހޭކަމުގައި ވިދާޅުވެފައެވެ. އަދި ލާމަރުކަޒީ އުސޫލުން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ސިއްހީ ހިދުމަތް ފޯރުކޮށްދިނުމަށް ޓަކައި ދެ ގައުމުގެ ދެމެދުގައި އެއްބާރުލުން އިތުރުކުރުމަށް ދެ ބޭފުޅުން މަޝްވަރާކުރެއްވިއެވެ.

މީގެ އިތުރުން ދެ ބޭފުޅުން ވަނީ އެކި ދާއިރާތަކުން ރާއްޖެ އާއި ބަންގުލަދޭޝްގެ ގުޅުން ބަދަހިކުރުމުގެ ގޮތުން އެއްބަސްވުންތަކުގައި ސޮއިކުރުމާ ބެހޭ ގޮތުންވެސް މަޝްވަރާކުރައްވާފައެވެ. އެގޮތުން ފާހަގަކުރެއްވި ކަންތައްތަކުގެ ތެރޭގައި މެރިޓައިމް ދާއިރާއިން ގުޅުން ބަދަހިކުރުމާއި، ޝިޕިން އަދި ޓެކްނިކަލް ޓްރެއިނިން ދިނުން ހިމެނެއެވެ.

އެ ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ އަރިހުގައި ހެލްތު މިނިސްޓަރު އަހުމަދު ނަސީމާއި، ހަޔާ އެޑިއުކޭޝަން މިނިސްޓަރު އިބްރާހީމް ހަސަން ބައިވެރިވެވަޑައިގެންނެވިއެވެ. އަދި އެބޭފުޅުން ވަނީ އެބޭފުޅުންނާ ގުޅުން ހުރި ދާއިރާތަކުން ގުޅުން ބަދަހިކުރުމާއި ގުޅޭގޮތުން ބަންގްލަދޭޝްގެ ހާރިޖީ ވަޒީރާއެކު މަޝްވަރާކުރައްވާފައެވެ.

އިއްޔެ ހެނދުނު، ދެ ދުވަހުގެ ދަތުރުފުޅަކަށް ބަންގުލަދޭޝްއަށް ވަޑައިގެންނެވި ނައިބު ރައީސް އިއްޔެ ވަނީ އެގައުމުގެ ބަންގަބަންދު ދާރުލްއާސާރަށް ޒިޔާރަތްކުރައްވައި، އެތަން ބައްލަވާލައްވާފައެވެ. އަދި އެމަނިކުފާނު ވަނީ އެތަނަށް ޒިޔާރާތްކުރައްވާ ބޭފުޅުން ސޮއިކުރައްވާ ފޮތުގައި ސޮއިކުރައްވާފައެވެ.

އެއަށްފަހު، އެމަނިކުފާނު ވަނީ ބަންގްލަދޭޝް-ކޮރެއާ ޓެކްނިކަލް ޓްރެއިނިން ސެންޓަރު (ބީކޭޓީޓީސީ) އަށް ޒިޔާރަތް ކުރައްވާފައެވެ. އެތަނުން އެމަނިކުފާނަށް މަރުހަބާ ދެންނެވީ ބަންގްލަދޭޝްގެ މިނިސްޓާ އޮފް އެކްސްޕެޓްރިއޭޓްސް ވެލްފެއާ އެންޑް އޯވާސީސް އެމްޕްލޯއިމަންޓް، އިމްރާން އަހުމަދެވެ.

ނައިބު ރައީސް ބީކޭޓީޓީސީއަށް ކުރެއްވި ޒިޔާރަތުގައި ވަނީ ރާއްޖޭގައި ފަންނީ ގާބިލުކަން އިތުރުކުރުމަށާއި، ހާއްސަކޮށް ސިއްހީ ދާއިރާއާއި ތައުލީމީ ދާއިރާއިން ފަންނީ ގާބިލުކަން އިތުރުކުރުމަށް ދެ ގައުމު ގުޅިގެން މަސައްކަތްކުރުމާ ބެހޭގޮތުން މަޝްވަރާކުރައްވާފައެވެ.

comment ކޮމެންޓް