ރާއްޖޭގެ ގައުމީ ޝިޕިން ކުންފުނި، މޯލްޑިވްސް ސްޓޭޓް ޝިޕިން (އެމްއެސްއެސް) ގެ އަމިއްލަ ބޯޓު "އެމްއެސްއެސް ގަލޭނާ" ފުރަތަމަ ފަހަރަށް މުދަލާއެކު ރާއްޖެ އަތުވެއްޖެއެވެ.
މިއަދު ހެނދުނު މާލޭ ކޮމާޝަލް ހާބަރަށް މި ބޯޓު ބަނދަރު ކުރުމާ ގުޅިގެން އެމްޕީއެލްގައި ވަނީ ހާއްސަ ރަސްމިއްޔާތެއް ބާއްވާފައެވެ.
މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން އެމްއެސްއެސް ގެ ޖެނެރަލް މެނޭޖަރު ކެޕްޓަން މުހައްމަދު ނާޒިމް ވިދާޅުވީ މިއީ ދިވެހި ތާރިހުގައި އެމްއެސްއެސްގެ ނަން ރަން އަކުރުން ފެވިގެން ދާނެ ތާރީހީ ދުވަހެއް ކަމަށެވެ.

އެމްއެސްއެސް ގަލޭނާ ފުރަތަމަ ފަހަރަށް ރާއްޖެ އައުން ފާހަގަ ކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން އެމްއެސްއެސް ގެ ޖެނެރަލް މެނޭޖަރު ކެޕްޓަން މުހައްމަދު ނާޒިމް ވާހަކަ ދައްކަވަނީ - ސަން ފޮޓޯ/ މުހައްމަދު ހައްޔާން
"މުޅި ދުނިޔެއަށް ކުއްލި ގޮތަކަށް ދިމާވި ކޮވިޑުގެ ބަލިމަޑުކަމުގެ ތެރޭގައި މުޅި ދުނިޔެ ބަންދުވެފައި އޮތް ވަގުތެއްގައި އެތެރެއާ ބޭރުގެ ދަތުރުފަތުރު ހުއްޓިފަ އޮތް ވަގުތެއްގައި އެމްއެސްއެސްގެ މަދު ސްޓާފުން ކޮޅަކާ އެކު މަދު ވަސީލަތްތަކަކާއެކު ފެށި ދަތުރަށް، 2020 ވަނަ އަހަރުގެ ކުރީކޮޅު ފެށި ދަތުރަށް މިއަދަކީ އުފާވެރި ތާރީހީ ދުވަހެއް،" އޭނާ ވިދާޅުވިއެވެ.
އެމްއެސްއެސްގެ މައިގަނޑު އެއް މަގްސަދަކީ ދިވެހިރާއްޖޭގެ ރައްޔިތުންނަށާއި ވިޔަފާރިވެރިންނަށް ކާބޯތަކެތި އަދި މުދާ އަގުހެޔޮ ގޮތެއްގައި ފޯރުކޮށްދިނުން ކަމަށް ނާޒިމް ވިދާޅުވިއެވެ.
"ދިވެހިރާއްޖޭގެ ޝިޕިން ސެކްޓާގައި ބޭރު މީހުންގެ ނުފޫޒު ބޮޑުވެ އަގުތައް އިންތިހާއަށް ބޮޑުވެގެން ގޮސްފައިވާ ވަގުތެއްގައި ރައްޔިތުންގެ ދަތިތަކަށް އަވަސް ހައްލެއް ހޯދުމަށް އަމިއްލަ ބޯޓެއް ގެނައުމަކީ އެޅުނު ތާރީހީ ފިޔަވަޅެއް،" ނާޒިމް ވިދާޅުވިއެވެ.
ނާޒިމް އިތުރަށް ވިދާޅުވީ މި ބޯޓަކީ 680 ކޮންޓެއިނަރު އުފުލުމުގެ ގާބިލްކަން ލިބި، 60 ޓަނުގެ ކްރޭނެއް އުފުލޭވަރުގެ ބޯޓެއް ކަމަށެވެ. އަދި މި ބޯޓު އެންމެ ފުރިހަމަ ގޮތުގައި ޝިޕިން ސެކްޓަރުގައި ބޭނުން ކުރެވޭނެ ކަމަށްވެސް އޭނާ ވަނީ ވިދާޅުވެފައެެވެ.
"އަޅުގަޑުމެން ގަސްތު ކުރަނީ ކޮންމެ އަށް ދުވަހަކުން މާލެއާ ކޮލަމްބޯއާ ދެމެދު ދަތުރެއް އެޅުމަށް. މި ޝެޑިއުލް ހުއްޓުމެއް ނެތި މެއިންޓެން ކުރުމަށް އަޅުގަނޑުމެން މަސައްކަތް ކުރާނަން،" އޭނާ ވިދާޅުވިއެވެ.
ހަމައެއާއެކު މި ބޯޓާކީ ދިވެހިރާއްޖޭގެ ދިދަ ނަގައިގެން ދިވެހި މުވައްޒަފުންނާއެކު ދަތުރު ކުރާނެ ބޯޓެއް ކަމަށްވެސް އޭނާ ވަނީ ވިދާޅުވެފައެވެ. މި ވަގުތު ބޯޓުގެ ދެ ފަޅުވެރިން ނޫނީ ދެންތިބި ހުރިހާ މުވައްޒަފުންނަކީވެސް ދިވެހިންނެވެ.
މި ރަސްމިއްޔާތުގައި މޯލްޑިވިސް ޕޯޓްސް ލިމިޓެޑްގެ ފަރާތުން މޯލްޑިވްސް ސްޓޭޓް ޝިޕިންއަށް ވަނީ ހަދާނީ ފިލައެއް އަރުވާފައެވެ.

އެމްއެސްއެސް ގަލޭނާ ފުރަތަމަ ފަހަރަށް ރާއްޖެ އައުން ފާހަގަ ކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން - ސަން ފޮޓޯ/ މުހައްމަދު ހައްޔާން
އެމްޕީއެލްގެ ފަރާތުން ވާހަކަފުޅު ދައްކަވަމުން އެމްޕީއެލްގެ ސީއީއޯ ޝާހިދު އަލީ ވިދާޅުވީ މިއީ ރާއްޖޭގެ ހުރިހާ ރައްޔިތުންނަށް ފައިދާާ ކުރާނެ ކަމެއް ކަމުގައެވެ. އަދި މިކަމުގައި އެމްއެސްއެސްއަށް ހުރިހާ ގޮތަކުން އެހީތެރިވާނެ ކަމުގެ ޔަގީންކަން އެމްޕީއެލްއިން ވަނީ ދީފައެވެ.
މީގެ އިތުރުން އެމްއެސްއެސްގެ މެނޭޖިން ޑިރެކްޓަރު ކެޕްޓަން އަބްދުﷲ ސައީދު ވިދާޅުވީ އެމްއެސްއެސް އުފެއްދީ ސަރުކާރުގެ އަމިއްލަ ޝިޕިން ލައިނެއް ރާއްޖޭގައި މަސައްކަތް ނުކުރާތާ 10 އަހަރު ފަހުން ކަމުގައެވެ.
"ދިވެހިރާއްޖޭގެ ސަރުކާރުން މިހާރު ވިސްނަވާފައިވާ ގޮތަށް މިހާރު ކުރިއަށް ގެންދެވިއްޖެނަމަ މެރިޓައިމް ސެކްޓާ އަކީ ރާއްޖޭގެ ޒުވާނުންނަށް ވަޒީފާގެ ފުރުސަތު ފަހި ވެގެން ދާނެ އާ ދާއިރާއެއް. އެގޮތުން މިއަދު ވަރަށް ފަހުރުވެރިވޭ އަޅުގަނޑުމެންގެ އަމިއްލަ ބޯޓުގައި މިއަދު ދިވެހި ކެޕްޓަނެއް ހުރީތީ،" ސައީދު ވިދާޅުވިއެވެ.

އެމްއެސްއެސް ގަލޭނާ ފުރަތަމަ ފަހަރަށް ރާއްޖެ އައުން ފާހަގަ ކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން އެމްއެސްއެސްގެ މެނޭޖިން ޑިރެކްޓަރު ކެޕްޓަން އަބްދުﷲ ސައީދު ވާހަކަދައްކަވަނީ - ސަން ފޮޓޯ/ މުހައްމަދު ހައްޔާން
އެމްއެސްއެސްއިން މިހާރު މަސައްކަތް ކުރަމުން ދަނީ މުސްތަގުބަލުގައި އިތުރުވެގެން ދާ ބޯޓުތަކަށްވެސް ދިވެހި ފަޅުވެރިން ތަމްރީނު ކުރުމަަށް ކަމަށް ވެސް ސައީދު ވިދާޅުވިއެވެ. އެގޮތުން ކުރިއަށް އޮތް އަހަރުގެ ތެރޭގައި އިންޖީނު އަދި ޑެކް ކެޑޭޓުންނަށް ސޮކޯލާޝިޕް ދިނުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.