އެންމެ ފަހުގެ ލީގު ޗެމްޕިއަން މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނުން 10 ދުވަހުގެ ޓްރެއިނިންގް ކޭމްޕަކަށް ނ.ކެނދިކުޅުދޫއަށް ގޮސްފިއެވެ.
ކުރިއަށް އޮތް ފުޓުބޯޅަ ސީޒަނަށް ތައްޔާރުވުމުގެ ގޮތުން އެންމެ ފުރަތަމަ ފަރިތަކުރުންތައް ފެށި ޓީމަކީ މާޒިޔާއެވެ. އައު ކޯޗު މުހައްމަދު ޝިޔާޒް (މޯހަން) ގެ އިރުޝާދާއެކު މި މަހުގެ ކުރީކޮޅު މާޒިޔާއިން ފަރިތަކުރުންތައް ފެށި އިރު، އެ ޓީމުގެ ކުޅުންތެރިން މިއަދު ވަނީ ޓްރެއިނިންގް ކޭމްޕަކަށް ކެނދިކުޅުދޫއަށް ގޮސްފައެވެ.
މިފަހުން މާޒިޔާއާ ގުޅުނު އަކްރަމް އަބްދުލް ޢަނީ (އަކޫ) އަދި ހައިޝަމް ހަސަން (ބިޑި) އަދި ނޭޕާލްގެ ގައުމީ ކީޕަރު ކިރަން ކުމާރް ސެމްޝޮން ވެސް ވަނީ ކޭމްޕްގައި ބައިވެރިވެފައެވެ.
މި ކޭމްޕް ހަމަޖެއްސުމުގައި ކެނދިކުޅުދޫ ކައުންސިލުން ދެއްވި އެއްބާރުލުމާއި، ވެދެއްވާ އެހީތެރިކަމަށް މާޒިޔާއިން ވަނީ ޝުކުރު އަދާކޮށްފައެވެ.
މާޒިޔާގެ މި ކޭމްޕްގައި 10 ދުވަސް ކެނދިކުޅުދޫގައި މަޑުކުރަން ހަމަޖެހިފައިވާ އިރު، މި ދަތުރުގައި މާޒިޔާގެ ފުޓުބޯޅަ އެކަޑަމީއެއް އެ ރަށުގައި ލޯންޗް ކުރުމަށް ވެސް ވަނީ ހަމަޖެހިފައެވެ.
އަދި އެހެންމެ މި ކޭމްޕްގައި ކެނދިކުޅުދޫގެ ފުޓުބޯޅަ ޓީމުގެ އިތުރުން މާފަރުގެ ފުޓުބޯޅަ ޓީމާއެކު މެޗުތަކެއް ކުޅުމަށް ވަނީ ހަމަޖެހިފައެވެ.
އެފްއޭއެމުން މީޑިއާ އަށް އިއުލާނުކުރި ޝެޑިއުލްގައިވާ ގޮތުން މިއަހަރުގެ ފުޓުބޯޅަ ސީޒަން ފަށަން ހަމަޖެހިފައި އޮތީ ޗެރިޓީ ޝީލްޑް މެޗުންނެވެ. އެ މެޗު ކުޅޭނީ އަންނަ މަހުގެ 15 ވަނަ ދުވަހެވެ. އެ މެޗުގައި ބައްދަލުކުރާނީ މިދިޔަ ސީޒަނުގެ ލީގު ޗެމްޕިއަން މާޒިޔާ އާއި ރަނަރަޕް ކްލަބް ވެލެންސިއާއެވެ.
ކެނދިކުޅުދޫ އަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ރިޔާސީ ވައުދުފުޅުތަކުގެ ތެރެއިން ފީފާ ސްޓޭންޑާޑުގެ ޓާފް ބޮޑު ދަނޑެއް އެންމެ ފުރަތަމަ ގާއިމު ކުރި އެއް ރަށެވެ. ރާއްޖޭގައި ބޭއްވި އެންމެ އަގުބޮޑު އެއް ފުޓުބޯޅަ މުބާރާތް، ޝިޔާމް މައުރޫފް ސޮކާ ކަޕްގެ ދެ މުބާރާތެއް ބޭއްވި އެ ރަށަކީ ފުޓުބޯޅައިގެ ރަށެކެވެ.