ތުރުކީގައި ބޭންކް އިންޓްރެސްޓް ނިމުމަކަށް ގެންނާނަން: އެރުދުޣާން

ތުުރުކީގެ ރައީސް ރަޖަބް ތައްޔިބު އެރުދުޣާން

އަންކަރާ (23 ނޮވެމްބަރު) : ތުރުކީގައި ބޭންކް އިންޓްރެސްޓް ނިމުމަކަށް ގެންނާނެކަމަށާ ބޭންކް އިންޓްރަސްޓާ ދެކޮޅަށްކުރާ ހަނގުރާމަ އެންމެފަހު ވަގުތާޖެހެންދެން ކުރިޔަށްގެންދާނެކަމަށް އެގައުމުގެ ރައީސް ރަޖަބް ތައްޔިބު އެރުދުޣާން ވިދާޅުވެއްޖެއެވެ.

ޓީވީ ޚިތާބެއްގައި ވާހަކަ ދައްކަވަމުން އެރުދުޣާން ވިދާޅުވީ ހުޅަނގުގެ ބޭންކް ނިޒާމުގައި އޮންނަ އިންޓްރަސްޓުން ތުރުކީ ރައްޔިތުން ސަލާމަތްކުރަންޖެހޭ ކަމަށާ ބޭންކް އިންޓްރަސްޓް ނިމުމަކަށް ގެނައުމަށް އޭނާގެ ސަރުކާރުން ފަށާ ހަނގުރާމަ ބިނާވެފައިވަނީ ތުރުކީގެ ގައުމީ އުފެއްދުންތެރިކަން އިތުރުކޮށް އިންވެސްޓްކުރުން އިތުރުކޮށް ވަޒީފާގެ ފުރުސަތުތައްވެސް އިތުރުކުރުމުގެ މައްޗަށެވެ.

މިކަންކަން ކުރެވުމުން އެކްސްޕޯޓް އިތުރުވެ ގައުމަށް މިހާރަށްވުރެ މާބޮޑު ތަނަވަސްކަމެއް ލިބޭނެކަމަށާ ނަތީޖާއެއްގެ ގޮތުން ބޭންކް އިންޓްރަސްޓާ ނުލައި ބޭންކްގެ ނިޒާމު ކުރިޔަށްގެންދެވޭނެކަމަށް އެރުދުޣާން ވިދާޅުވިއެވެ. މިއާއެކު ބޭންކް އިންޓްރަސްޓުން ތުރުކީގެ އިގްތިސާދު މިނިވަންވެގެން ދާނެކަމަށް އޭނާ ވިދާޅުވިއެވެ. އަދި މިގޮތަށް އިގްތިސާދީ ހަރަކާތްތައް ބައްޓަންކުރުމަށް ތުރުކީގެ ކުންފުނިތަކަށާއި ބޭންކްތައްފަދަ މާލީ މުއައްސަސާތަކަށް އަންގަވާނެކަމަށްވެސް އެރުދުޣާން ވިދާޅުވިއެވެ.

އުރުދުޣާން ވިދާޅުވިގޮތުގައި ބޭންކު އިންޓްރެސްޓްގެ ސަބަބުން އިގްތިސާދީ ކަންނެތްކަމަށް މަގުފަހިވެއެވެ. ފައިސާ ގަނޑުކޮށް ހުންނަމީހުން އެމީހުންގެ ފައިސާ ބޭންކުތަކުގައި ޖަމާކުރުމަށްފަހު އެއިން ލިބޭ އިންޓްރަސްޓް ފައިސާކޮޅުގެ ބޭނުން ހިފައިގެން މަސައްކަތެއް ނުކޮށް އުޅެން އާދަވާކަމަށާ އެއީ އިގްތިސާދު ބަލިކަށިވެގެންދާނެކަމެއް ކަމަށް އޭނާ ވިދާޅުވިއެވެ.

ތުރުކީގެ އިގްތިސާދު މިނިވަންކޮށް އަމިއްލަ ފައިމައްޗަށް ތެދުވުމަށް އެރުދުޣާން އެކަށައެޅުއްވި ބޭންކް އިންޓްރަސްޓާ އިދިކޮޅު މިސިޔާސަތު އިއުލާން ކުރެއްވުމާއެކު ތުރުކީގެ މަރުކަޒީ ބޭންކުންވަނީ، އެގައުމުގެ ރަސްމީ އިންޓްރެސްޓް ރޭޓް ފަނަރައިންސައްތައަށް ދަށްކުރިކަން ހާމަކޮށްފައެވެ.

އެރުދުޣާން ވިދާޅުވިގޮތުގައި އޭނާގެ ގައުމު، ދުނިޔޭގައި އިގްތިސާދީ ގޮތުން އެންމެ ބޮޑަށް ކުރިއަރާފައިވާ ޖީ ޓުވެންޓީގެ ގައުމުތަކުގެ ލިސްޓަށްއެރީ ބޭންކް އިންޓްރަސްޓް ގެ ސަބަބަކުން ނޫނެވެ. އޭގެބަދަލުގައި ގައުމީ އުފެއްދުންތެރިކަމާއި އިންވެސްޓްކުރުން އިތުރުކޮށް ވަޒީފާގެ ފުރުސަތުތައް ގިނަކޮށް ތުރުކީގެ ތައުލީމީ ނިޒާމުގެ ތެރެއިން ފަންނީ އަދި ޓެކްނިކަލް މަސައްކަތްތަކަށް ގިނަ އަދަދަކަށް މީހުން ބިނާކޮށް އެމީހުން ލައްވައި މަސައްކަތްކޮށް އައު އީޖާދުތައް ކޮށްގެންނެވެ. މިކަމުގެ ސަބަބުން ފާއިތުވި 17 ވަރަކަށް އަހަރުތެރޭގައި ތުރުކީގެ ގައުމީ އާމްދަނީ (ޖީޑީޕީ) ވަނީ ތިންގުނަ އިތުރުވެފައެވެ.

އެރުދުޣާން ވެރިކަމަށް ވަޑައިގަތުމުގެ ކުރިން ތުރުކީގެ ޖީޑީޕީ އަކީ ގާތްގަނޑަކަށް 250 ވަރަކަށް ބިލިޔަން ޑޮލަރެވެ. ނަމަވެސް މިހާރު ތުރުކީގެ ޖީޑީޕީ ވަނީ ގާތްގަނޑަކަށް 800 ބލިޔަން ޑޮލަރަށް މައްޗަށް ގޮސްފައެވެ.

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު