އެމްއެންޔޫއާއި އިންތިގާލީ އިންސާފުގެ އޮމްބަޑްސްޕާސަންގެ އޮފީހާ ދެމެދު އެއްބަސްވުމެއްގައި ސޮއިކޮށްފި

އެއްބަސްވުމެއްގައި ސޮއިކުރުމުގެ ތެރެއިން ސަން ފޮޓޯ / މުހައްމަދު ހައްޔާން

ދިވެހިރާއްޖޭގެ ގައުމީ ޔުނިވާސިޓީ (އެމްއެންޔޫ)އާއި އިންތިގާލީ އިންސާފުގެ އޮމްބަޑްސްޕާސަންގެ އޮފީހާ ދެމެދު އެއްބަސްވުމެއްގައި އިއްޔެ ސޮއިކޮށްފިއެވެ.

މިއެއްބަސްވުމުގައި ދިވެހިރާއްޖޭގެ ގައުމީ ޔުނިވާސިޓީގެ ފަރާތުން ސޮއިކުރެއްވީ ވައިސް ޗާންސެލަރު، ޑރ. މުހައްމަދު ޝަރީފްއެވެ.

އިންތިގާލީ އިންސާފުގެ އޮމްބަޑްސްޕާސަންގެ އޮފީހުގެ ފަރާތުން ސޮއިކުރެއްވީ ޗީފް އޮމްބަޑްސްޕާސަން އަލްއުސްތާޒު އަބްދުއްސަލާމް އާރިފް އެވެ.

މިކަމާ ގުޅިގެން އެމްއެންޔޫ އިން ބުނީ އެއްބަސްވުމުގެ މައިގަނޑު މަގުސަދަކީ ދިވެހިރާއްޖޭގެ ގައުމީ ޔުނިވާސިޓީއާއި އިންތިގާލީ އިންސާފުގެ އޮމްބަޑްސްޕާސަންގެ އޮފީހާ ދެމެދު އޮންނަ ގުޅުން ހަރުދަނާކޮށް ގައުމު ބިނާކުރުމަށް ހެދިފައިވާ ޕްލޭންތަކާއި އެއްހަމައެއްގައި މަސައްކަތްކުރުން ކަމަށެވެ.

އެގޮތުން، މިއެއްބަސްވުމުގެ ދަށުން، މިދެ މުއައްސަސާ ގުޅިގެން އިންތިގާލީ އިންސާފުގެ ދާއިރާއިން ދިރާސާތައް ހެދުމާއި، ދިރާސާތަކަށް ބޭނުންވާ މައުލޫމާތު ދެފަރާތުން ހޯދުމަށް އެކުގައި މަސައްކަތްކުރުމާއި ދެފަރާތަށްވެސް ފައިދާވާފަދަ ހަރަކާތްތަކާއި ޕްރޮގްރާމްތައް ހިންގުމަށް ހަމަޖެހިފައިވާ ކަމަށް އެމްއެންޔޫ އިން ފާހަގަކުރިއެވެ.

މިއެއްބަސްވުމުގެ ސަބަބުން ދެ މުއައްސަސާގެ މަސައްކަތުގެ ފެންވަރު ރަނގަޅުވެ، ކުރިއެރުމުގެ ފުރުސަތުތައް ހުޅުވިގެންދާނެ ކަމަށް އެމްއެންޔޫ އިން ބުނެފައިވެއެވެ. އަދި އޭގެ ސަބަބުން އިންތިގާލީ އިންސާފުގެ ދާއިރާއާއި ހަރަކާތްތަކަށް އެދެވޭ، ރަނގަޅު ބަދަލުތަކެއް ލިބިގެންދާނެ ކަމަށް ވެސް އެމްއެންޔޫ އިން ފާހަގަކޮށްފައިވެއެވެ.

އެރަސްމިއްޔާތުގައި އެމްއެންޔޫގެ އިސްވެރިންގެ އިތުރުން އޮމްބޮޑްސްޕާސަން އޮފީހުގެ އިސްވެރިން ބައިވެރިވެ ވަޑައިގެންނެވިއެވެ.

comment ކޮމެންޓް