އިންގްލޭންޑުގެ ކޯޗު ކަމުގައި 2024 ގެ ނިޔަލަށް ސައުތުގޭޓް މަޑުކުރަނީ

އިންގްލޭންޑް ޓީމުގެ ކޯޗު ގެރީ ސައުތުގޭޓް --- ފޮޓޯ//ލައިވްސްކޯ

އިނގިރޭސިވިލާތުގެ ގައުމީ ކޯޗަކަށް މިހާރުވެސް ހުރި ގެރީ ސައުތުގޭޓް 2024 ގެ ނިޔަލަށް އެ މަގާމުގައި މަޑުކުރުމަށް އެއްބަސްވުމުގައި ސޮއިކޮށްފިއެވެ.

އިންގްލޭންޑްގެ ފުޓުބޯޅައިގެ މައި އިދާރާ، އެފްއޭއިން މިއަދު ނެރުނު ބަޔާނެއްގައި ބުނީ މިހާރުގެ ކޯޗު ސައުތުގޭޓާއި ދޭތެރޭ އެ އިދާރާއިން ކުރާ އިތުބާރު ބޮޑު ކަމަށާއި، އިތުރު ތިން އަހަރަަށް އޭނާގެ އެއްބަސްވުން ދަންމާލާފައިވާ ކަމަށެވެ. އެއާ އެކު އަންނަ އަހަރު ގަތަރުގައި އޮންނަ ވޯލްޑްކަޕާއި، 2024 ގެ ޔޫރޯ މުބާރާތުގެ ކޯޗަކަށް ހުރުމުގެ ފުރުސަތު ސައުތު ގޭޓްއަށް ވަނީ ލިބިފައެވެ.

އެންމެ ފަހުން އިންގްލޭންޑުން ކުޅުނު ބޮޑު ދެ މުބާރާތް، ޔޫރޯ 2020 އާއި 2018 ގެ ވޯލްޑްކަޕުގައި ވެސް އެ ޓީމަށް ރަނގަޅު ކާމިޔާބީއެއް ހޯދައިދިން ސައުތުގޭޓް އެ ޓީމުގެ ކޯޗުކަމާ ހަވާލުވީ 2016 ވަނަ އަހަރެވެ. އޭރު އެ ޓީމުގެ ކޯޗަކަށް ހުރި ސޭމް އެލާޑީސް އެންމެ މެޗަކަށްފަހު މަގާމުން ދުރުކުރުމާ ގުޅިގެން ސައުތުގޭޓަށް މަގާމު ދިނީ ފުރަތަމަ ވަގުތީ ކޯޗެއްގެ ގޮތުގައެވެ. އެކަމަކު ފަހުން އެއްބަސްވުން ދާއިމީ ކުރަން އެފްއޭއިން ނިންމީއެވެ.

އެފްއޭއިން ބުނީ ސައުތުގޭޓާއެކު އޭނާގެ އެސިސްޓެންޓް ސްޓީވް ހޮލެންޑްގެ އެއްބަސްވުން ވެސް އިތުރު ކޮށްފައިވާ ކަމަށެވެ.

އެއްބަސްވުން އިތުރު ކުރުމަށްފަހު ސައުތުގޭޓް ބުނީ އިނގިރޭސި އެފްއޭއިން އޭނާއާ ދޭތެރޭ ކުރާ އިތުބާރަށް ޝުކުރު އަދާކުރާ ކަމަށާއި، މި ފުރުސަތުގެ ފުރިހަމަ ބޭނުން ހިފައި ކާމިޔާބީއަށް ވާސިލްވުމަށް ބުރަ މަސައްކަތް ކުރާނެ ކަމަށެވެ.

ސައުތުގޭޓް 55، ގެ ކޯޗުކަމުގައި 2018 ވަނަ އަހަރު އިނގިރޭސިން ވަނީ ރަޝިޔާގައި އޮތް ވޯލްޑްކަޕުގެ ސެމީ ފައިނަލަށް ދަތުރުކޮށްފައެވެ. ކްރޮއޭޝިއާ އަތުން ސެމީގައި 1-2 އިން ބަލިވި އިރު، އެއީ 1990 ވަނަ އަހަރަށްފަހު ވޯލްޑް ކަޕެއްގައި އިންގްލޭންޑް އެންމެ ދުރަށް ދަތުރު ކުރި ވޯލްޑްކަޕް މުބާރާތެވެ.

އޭގެ ފަހުން މި އަހަރު ކުޅުނު ޔޫރޯ މުބާރާތުގެ ފައިނަލަށް އެ ޓީމު ދަތުރުކުރި އިރު، އެ މެޗުން އެ ޓީމު ބަލިވީ އިޓަލީގެ އަތުން ޕެނަލްޓީގައި ނާކާމިޔާބުވެގެންނެވެ.

comment ކޮމެންޓް