ދައުލަތުން ކަރަންޓު ސަބްސިޑީއަށް ކުރާ ހޭދަ ބޮޑުވުމުގެ ކަންބޮޑުވުން ރައްޔިތުންގެ މަޖިލީހުގެ ހޯރަފުށީ ދާއިރާގެ މެންބަރު އަހުމަދު ސަލީމް (ސައްލޭ) މިއަދު ފާޅުކުރައްވައިފިއެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ޕަބްލިކް ބޭންކު އެކައުންޓުން ދައުލަތުގެ ހަރަދުތަކަށް ފައިސާ އޯވަޑުރޯ ކުރަން ނުވަތަ ފައިސާ އިތުރަށް ޗާޕް ކުރެވޭ ގޮތަށް ދީފައި އޮތް މުއްދަތު, އިތުރު ކޮށްދޭން ކޮމިޓީން ފާސްކުރި ރިޕޯޓަށް ބަހުސް ކުރައްވަމުން ސައްލޭ ވިދާޅުވީ ބަޖެޓަށް ތާއީދުކުރާ ކަމަށާއި ނަމަވެސް އާމްދަނީ އިތުރުކޮށް، ހަރަދު ކުޑަ ކުރާނެ ގޮތްތަކެއް ހޯދަން ޖެހޭ ކަމަށެވެ.
ސައްލޭ ވިދާޅުވީ ކޮވިޑް-19އަށް ފަހު އަލުން އިގްތިސާދު އެންމެ ކުރިއަށް އަރައިގަންނަ ފަސް ގައުމުގެ ތެރޭގައި ރާއްޖެ ހިމެނޭނެ ކަމަށް ވޯލްޑު ބޭންކުންނާއި އައިއެމްއެފްއިން ބުނެފައިވާ ކަމަށެވެ.
ހަމައެއާއެކު ކުރީ ސަރުކާރުގެ ދަރަނިތައް މި ސަރުކާރުން ދައްކަމުން އަންނަ ކަމަށާއި އޭގެ ރަނގަޅު ނަތީޖާ ވެސް ފެންނަމުން އަންނަ ކަމަށް ވިދާޅުވިއެވެ.
"މި ސަރުކާރަށް ވާރުތަވީ ދަރަނިތައް ވަރަށް ބޮޑު، އެ ދަރަނިތައް ދައްކަމުން މިދަނީ މި ސަރުކާރުން، އެ ދަރަނިތައް ދައްކާކަމުގެ ނަތީޖާއަކީ ރޭޓިން އޭޖެންސީތަކުން ރާއްޖެއަށް ކުރާ އިތުބާރު ބޮޑުވަމުން ދިޔުން،" ސައްލެ ވިދާޅުވިއެވެ.
ދިވެހި ސަރުކާރުން ޒިންމާދާރުކަމާއެކު ފައިސާ މެނޭޖު ކުރަމުން އަންނަކަން ފާހަގަކޮށް، ސައްލެ ވިދާޅުވީ ބަޖެޓުގައި ބައެއް ކަހަލަ ނައްސި އިންވެސްޓުމަންޓުތަކެއް އެބަހުރި ކަމަށެވެ. އެގޮތުން ކަރަންޓު ސަބްސިޑީގެ ގޮތުގައި ދިނުމަށް ހިމަނައިފައިވާ އަދަދު އޭނާ ފާހަގަކުރެއްވިއެވެ.
"ހުށަހެޅިފައިވާ 2022 ވަނަ އަހަރުގެ ބަޖެޓުގައި 28 މިލިއަން ޑޮލަރު އެބައޮތް ފިއުލް ސަބްސިޑީގެ ގޮތުގައި، ކަރަންޓާ ގުޅޭ ގޮތުންދޭ ސަބްސިޑީގެ ގޮތުގައި، އެއީ ޕީއެސްއައިޕީގެ އެންމެ ފަސް ޕަސެންޓު،" ސައްލޭ ވިދާޅުވިއެވެ.
ސައްލެ ވިދާޅުވީ ދެ ބާވަތެއްގެ ކަރަންޓު ސަބްސިޑީއެއް ހުރިއިރު، އެ ބާވަތަކީ ވެސް ކަންބޮޑުވާން ޖެހޭ ފަދަ ނައްސި އިންވެސްޓްމެންޓުތަކެއް ކަމަށެވެ.
"ދުނިޔޭގެ ތެެލުގެ ބާޒާރުގައި ތެލުގެ އަގަށް އަންނަ ބަދަލުތަކަށް ބެލުމެއް ނެތި، އެއް އަގެއްގައި ފެނަކައަށް ނުވަތަ ސްޓެލްކޯއަށް ތެޔޮ ވިއްކުމަށް ޓަކައި ސަރުކާރުން އެބަދޭ އަހަރަކު 37 ބިލިއަން ޑޮލަރު އެސްޓީއޯއަށް، ހަމައެއާއެކުގައި ކަރަންޓު އަގުހެޔޮ ކުރުމަށް ޓަކައި ސަރުކާރުން އެބަދޭ އިލެކްޓްރިކް ސަބްސިޑީއެއް،" ސައްލޭ ވިދާޅުވިއެވެ.
މީގެ އިތުރުން ސައްލޭ ވިދާޅުވީ ކުރިއަށް އޮތް ތަނުގައި ވިސްނުންތެރިކަމާއެކު ގެންގޮސްފިނަމަ، މި އަދަދުތައް ކުޑަކުރެވިދާނެ ކަމަށެވެ. އެގޮތުން އިޔާދަ ކުރަނިވި ހަކަތަ ޕްރޮމޯޓު ކުރުމަށް އެކަށީގެންވާ މަސައްކަތްތަކެއް ނުކުރެވޭތީ ސައްލެ ވަނީ ކަންބޮޑުވުން ފާޅުކުރައްވައިފައެވެ.