ވެލިދޫގެ ތަރައްގީއާ ގުޅޭގޮތުން ރައީސް މަޝްވަރާ ކުރައްވައިފި

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް، ނ.ވެލިދޫ ކައުންސިލާ ބައްދަލުކުރައްވަނީ -- ފޮޓޯ/ ރައީސް އޮފީސް

ނ. ވެލިދޫގެ ތަރައްގީއާ ގުޅުންހުރި އެކި ކަންކަމާ ބެހޭގޮތުން ފުޅާ ދާއިރާއެއްގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހާއެކު މަޝްވަރާކުރައްވާފައެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި މި ބައްދަލުކުރެއްވުމުގައި ކައުންސިލަރުން ވަނީ ރަށުގެ ތަރައްގީއާ ގުޅުންހުރި އެކި ކަންކަމާ ބެހޭގޮތުން ވަރަށް ފުޅާ ދާއިރާއެއްގައި ރައީސްއާއެކު މަޝްވަރާކުރައްވާފައެވެ.

ކައުންސިލުން ވަނީ މި ބައްދަލުކުރުމުގައި ރަށުގެ ތަރައްގީއަށް މިވަގުތަށް އެންމެ މުހިންމު ކަންކަމާއި ރައްޔިތުންގެ ހުރި ކަންބޮޑުވުންތައް ރައީސްއާ ހިއްސާކޮށްފައެވެ.

މިގޮތުން ކައުންސިލަރުން ފާހަގަކުރި ކަންކަމުގެ ތެރޭގައި ސިއްހީ ހިދުމަތް އިތުރަށް ތަރައްގީ ކުރުމަށް ދިމާވެފައިވާ ގޮންޖެހުންތަކާއި ބަނދަރު ހަލާކުވުމާއި ރަށް ގިރުމުގެ ސަބަބުން ކުރިމަތިވާ ދަތިތަކާއި ދިރިއުޅުމަށާއި އެހެނިހެން ބޭނުންތަކަށް ވެސް ބިން ދޫކުރުމުގައި ހުރި ދަތިކަމުގެ އިތުރުން ސުކޫލަށް އިތުރުކުރެވޭ ކްލާސްރޫމްތަކުގެ މަސައްކަތާއި ފުޓުބޯޅަ ދަނޑުގެ މަސައްކަތް ހިމެނެއެވެ.

މި ބައްދަލުކުރުމުގައި ރައީސް، ވަނީ ކައުންސިލަރުން ފާހަގަކުރި ކަންކަމުގެ އެންމެ ފަހުގެ މައުލޫމާތު ހިއްސާކުރައްވާފައެވެ. އަދި ކައުންސިލަރުން ކަންބޮޑުވުން ފާޅުކުރި ކަންކަމުގައި ސަރުކާރުގެ އިދާރާތަކާއި ކުންފުނިތަކުގެ ތެރެއިން ހައްލު ހޯދައިދެވެންހުރި ކަންކަމުގައި ސަރުކާރުން އެހީތެރިކަން ފޯރުކޮށްދެއްވާނެކަމުގެ ޔަގީންކަން ރައީސުލްޖުމްހޫރިއްޔާ ވަނީ ކައުންސިލަށް ދެއްވާފައެވެ.

މި ބައްދަލުކުރުމުގައި ރައްޔިތުންގެ މަޖިލީހުގެ ވެލިދޫ ދާއިރާގެ މެންބަރު މުހައްމަދު އަބްދުﷲ ޝަފީގް ވެސް ވަނީ ބައިވެރިވެވަޑައިގަންނަވާފައެވެ.

comment ކޮމެންޓް