ބިޒްނަސް ވިސާ ދޫކުރާ މުއްދަތު މުއްދަތު، އަހަރަކު 180 ދުވަހަށް އިތުރުކޮށްފިއެވެ.
ބިޒްނަސް ވިސާއާ ބެހޭ ގަވާއިދަށް ގެނައި އިސްލާހުގައި ބަޔާން ކޮށްފައިވާ ގޮތުގައި ބިޒްނަސް ވިސާ ދޫކުރެވޭނީ އެ ވިސާއަށް އެހި ހުށަހަޅާ ފަރާތަކަށް، މީލާދީ ކޮންމެ އަހަރެއްގައި 180 ދުވަހަށް ވުރެ އިތުރު ނުވާ ގޮތަށެވެ.
އެ ގޮތުގެ މަތިން ބިޒްނަސް ވިސާ ދޫކުރާނީ ފަހަރަކު 30 ދުވަހާއި 90 ދުވަހާ ދެމެދުގެ މުއްދަތަކަށް ކަމަށް ވެސް އެ އިސްލާހުގައި ބަޔާންކޮށްފައިވެއެވެ.
ބިޒްނަސް ވިސާ އިތުރުކޮށްދެވޭނީ ވެސް 180 ދުވަހަށް ވުރެ އިތުރު ނުވާ ގޮތަށް، ފަހަރަކު 30 ދުވަހާއި 90 ދުވަހާ ދެމެދުގެ މުއްދަތަކަށް ކަމަށް އެ އިސްލާހުގައި ވަނީ ކަނޑައަޅާފައެވެ.
މީގެ ކުރިން ބިޒްނަސް ވިސާ ދޫކުރަނީ ކޮންމެ އަހަރެއްގެ ތެރޭގައި 30 ދުވަހާއި 90 ދުވަހާ ދެމެދުގެ މުއްދަތަކަށެވެ. އަދި ވިސާ އިތުރުކޮށްދެނީ، އެއް އަހަރުގެ މުއްދަތެއްގެ ތެރޭގައި 90 ދުވަހަށް ވުރެ އިތުރު ނުވާ ގޮތަށް، ހުއްދަ ދޭ ކޮންމެ ފަހަރަކަށް 30 ދުވަހަށެވެ.
ހަމައެއާއެކު ބިޒްނަސް ވިސާ ދޫކުރާތާ ތިން މަސް ދުވަހުގެ ތެރޭގައި ރާއްޖެއަށް އެތެރެވެފައި ނުވާނަމަ ވިސާ ބާތިލު ކުރެވޭ ގޮތަށް ވެސް ވަނީ ބަދަލު ގެނެސްފައެވެ. މީގެ ކުރިން ވިސާ ބާތިލު ކުރަނީ ހަ މަސް ދުވަހުގެ ތެރޭގައި ރާއްޖެއަށް އެތެރެވެފައި ނުވާ ނަމައެވެ.
ބިޒްނަސް ވިސާއަށް އެދި ހުށަހެޅޭނީ ހަމައެކަނި އިކޮނޮމިކް މިނިސްޓްރީގެ ބިޒްނަސް ޕޯޓަލް މެދުވެރިކޮށެވެ.