އެސްޓީއޯއިން ވިއްކާ މަކިޓާ ބްރޭންޑުގެ އުފެއްދުންތައް ތަޖުރިބާ ކޮށްލުމުން އެ ބްރޭންޑަށް ހާއްސަ ގިފްޓް ޕެކެއް ހަދިޔާ ކުރަން ފަށައިފިއެވެ.
ގިފްޓް ޕެކް ހަދިޔާ ކުރަނީ ހުޅުމާލެ ސެންޓްރަލް ޕާކުގައި ކުރިއަށްދާ މޯލްޑިވްސް ލިވިން އެކްސްޕޯގައި ހުންނަ އެސްޓީއޯގެ ސްޓޯލްއަށް ޒިޔާރަތްކޮށް، މަކިޓާ ބްރޭންޑުގެ އުފެއްދުންތައް ތަޖުރިބާ ކުރާ ފަރާތްތަކަށެވެ.
މިފަހަރުގެ އެކްސްޕޯގައި އެސްޓީއޯގެ ސްޓޯލުން މަކިޓާގެ އިތުރުން ހިޓާޗީ، ނިޕޯން އަދި ކޯނޭ ބްރޭންޑުގެ އުފެއްދުންތައް ބަލައިލެވޭނެއެވެ.
އެކްސްޕޯ ކުރިއަށްދާ މުއްދަތުގައި އެސްޓީއޯގެ ސްޓޯލަށް ޒިޔާރަތް ކުރާ ފަރާތްތަކުގެ މެދުގައި ކޮންމެ ދުވަހަކު ލަކީޑްރޯއެއް ނެގުމަށް ވެސް ވަނީ ހަމަޖެހިފައެވެ.
"އެސްޓީއޯ ސްޓޯލަށް ވަދެފައި، އެކަމަށް ހާއްސަ ޓެބްލެޓްގައި ރެޖިސްޓާ ކޮށްލީމަ ބައިވެރިވެވޭނެ. ކޮންމެ ދުވަހަކު ވެސް އެކްސްޕޯ ނިމުނީމަ ލަކީޑްރޯ ނަގާނީ. މި ލަކީޑްރޯގައި ހިޓާޗީ ޓީވީއެއް ކާމިޔާބު ކުރުމުގެ ފުރުސަތު އޮންނާނެ ކޮންމެ ދުވަހަކު ވެސް އެއް ނަސީބުވެރި ފަރާތަށް." އެސްޓީއޯގެ އޮފިޝަލަކު ވިދާޅުވިއެވެ.
މީގެ އިތުރުން އެސްޓީއޯގެ ސްޓޯލަށް ޒިޔާރަތްކޮށް، ކޯނޭގެ ލިފްޓް ޑިޒައިން އެޕްލިކޭޝަން ތަޖުރިބާ ކުރުމުގެ ފުރުސަތު ވެސް ވަނީ ހުޅުވާލާފައެވެ.
އެސްޓީއޯގެ ސްޓްރެޓީޖިކް ސޭލްސް މެނޭޖަރު އަބްދުލް މަޖީދު މުހައްމަދު ވިދާޅުވީ އެކްސްޕޯގެ ތެރެއިން ކޯނޭގެ ލިފްޓު ގަންނަން ކޮންފަމޭޝަން ދޭ ފަރާތްތަކަށް؛ ލިފްޓު އިންސްޓޯލް ކޮށްދިނުމުގެ ހިދުމަތް ހިލޭ ލިބޭނެ ކަމަށެވެ.
"މިތަނަށް އައިސް ލިފްޓު ގަންނަ ބޭފުޅުންނަށް، ބޭނުން ޑިޒައިނެއް ވަގުތުން ފަރުމާ ކޮށްލެވޭނެ. އަދި ފެބްރުއަރީ މަސް ނިމުމުގެ ކުރިން ލިފްޓު ކޮންފާމް ކޮށްލީމަ އިންސްޓޮލޭޝަން ފީ ހިލޭ ކޮށްދެނީ." އޭނާ ވިދާޅުވިއެވެ.
އެސްޓީއޯއިން ކޯނޭ ލިފްޓު ގަންނަ ފަރާތްތަކަށް 3-4 މަސް ދުވަހުގެ ތެރޭގައި ލިފްޓު ޑެލިވާ ކޮށްދޭއިރު، 30 ދުވަހުގެ ތެރޭގައި އިންސްޓޯލް ކޮށްދޭނެއެވެ.
މޯލްޑިވްސް ލިވިން އެކްސްޕޯ ކުރިއަށްދާނީ މި މަހުގެ 18، 19 އަދި 20 ވަނަ ދުވަހު، ކޮންމެ ދުވަހަކު ވެސް ހަވީރު 4:00 އިން ރޭގަނޑު 10:00 އާ ހަމައަށެވެ.
ލިވިން އެކްސްޕޯއަކީ 2013 ވަނަ އަހަރުން ފަށައިގެން ރާއްޖޭގައި އަހަރަކު އެއްފަހަރު ބާއްވާ ހަމައެކަނި ރިއަލް އެސްޓޭޓް، ލިވިން އަދި ލައިފްސްޓައިލް އެކްސްޕޯއެވެ.