ބްރޯޑްކާސްޓިން ދުވަހުގެ މުނާސަބަތުގައި ކުޑަކުދިންގެ ހަވީރެއް ބާއްވައިފި

ބްރޯޑްކާސްޓިން ދުވަހުގެ މުނާސަބަތުގައި ބޭއްވި ކުޑަކުދިންގެ ހަވީރުގެ ތެރެއިން- ސަން ފޮޓޯ / މުހައްމަދު ހަައްޔާން

ބްރޯޑްކާސްޓިން ކޮމިޝަނުން ބްރޯޑްކާސްޓިން ދުވަހުގެ މުނާސަބަތުގައި ކުޑަކުދިންގެ ހަވީރެއް މިއަދު ބާއްވައިފިއެވެ.

އެ ކޮމިޝަނުން ބްރޯޑްކާސްޓިން ދުވަހުގެ ގޮތުގައި ހަމަޖައްސާފައި ވަނީ އޮކްޓޯބަރު މަހުގެ ހަތަރު ވަނަ ދުވަހެވެ. ނަމަވެސް ކޮވިޑް ބަލިމަޑުކަން ފެތުރިފައިވުމާއި މޫސުން ގޯސްވުމާއި ތަން ލިބުމުގެ ދަތިކަމުގެ ސަބަބުން ކުޑަކުދިންގެ ހަވީރެއް ބޭއްވުން ލަސްވީ ކަމަށް އެ ކޮމިޝަނުން ބުންޏެވެ.

އުސްފަސްގަނޑު ސަރަހައްދުގައި މިއަދު ބޭއްވި އިވެންޓުގައި ގިނަ އަދަދެއްގެ ކުޑަކުދިން ބައިވެރިވިއެވެ. އަދި އެކުދިންނަށް "ޕެނަލްޓީ ޝޫޓް އައުޓް" އަދި "ކޭން ޓޮސް" ފަދަ ތަފާތު ކުޅިވަރުތަކުގައި ބައިވެރިވުމުގެ ފުރުސަތު އެ އިވެންޓުގައި ދީފައިވެއެވެ.

ބްރޯޑްކާސްޓިން ދުވަހާ ގުޅިގެން މިއަދު ބޭއްވި އިވެންޓާ ބެހޭ ގޮތުން އެކޮމިޝަނުގެ ރައީސާ މަރިޔަމް ވަހީދާ "ސަން"އަށް ވިދާޅުވީ އޭގެ މަގުސަދަކީ ކުޑަކުދިންނަށް އުފާވެރި މާހައުލެއް ގާއިމުކޮށް ދިނުން ކަމަށެވެ.

"މި އިވެންޓުގެ އެންމެ ބޮޑު މަގުސަދަކީ ކުޑަކުދިންނަށް އުފާވެރި މާހައުލެއް ގާއިމުކޮށްދިނުން. އާއިލާއާއެކު އައިސް ގުޅުން އިތުރަށް ބަދަހިކުރުން. އޭގެ އިތުރުން މިކޮމިޝަނާ ބައިވެރިވެ އެކުދިން މިދާއިރާއަށް ޝައުގުވެރިކަން އުފެއްދުމުގެ ގޮތުން އުފާވެރި ހަވީރެއް މި ބޭއްވީ،" މަރިޔަމް ވަހީދާ ވިދާޅުވިއެވެ.

މިއަދަކީ ވިއްސާރަ ދުވަހަކަށްވީ ނަމަވެސް ކުރިން ލަފާކުރި ވަރަށް ވުރެ އިތުރަށް ކުޑަކުދިން އެހަވީރުގައި ބައިވެރިވި ކަމަށް މަރިޔަމް ވަހީދާ ވިދާޅުވިއެވެ. އަދި އެ ހަވީރުގައި ގިނަ އަދަދެއްގެ ކުދިން ކުޅިވަރުތައް ކުޅެ، ހަދިޔާތައް ހޯދި ކަމަށާއި އެއީ ވަރަށް ކާމިޔާބު ހަވީރެއް ކަމަށް އޭނާ ވިދާޅުވިއެވެ.

މީގެ އިތުރުން އެ އިވެންޓުގައި ކުޑަކުދިން ތިބީ އެޗްޕީއޭގެ ގަވާއިދުތަކާ އެއްގޮތަށް މާސްކު އަޅައިގެންކަން އެކޮމިޝަނުން ފާހަގަކުރިއެވެ.

އެ ހަވީރު ކުރިއަށްގެންދިޔައިރު، ކުޑަކުދިންނާ ބެހޭގޮތުން ޕްރޮގްރާމްތައް ބްރޯޑްކާސްޓް ކުރުމުގައި ސަމާލުކަންދޭންވީ ކަންތައްތައް އަންގައިދިނުމަށް ސްކްރީނެއް ބަހައްޓާފައި ހުއްޓެވެ. އެގޮތުން ކުޑަކުދިންގެ ޕްރޮގްރާމެއް އުފައްދާ އިރު އެޕްރޮގްރާމެއްގައި ބައިވެރިވާ ކުދިންނަށް ހާސްކަމާއި ހިތް ނުތަނަވަސްކަން ނުލިބޭ ފަދަ ގޮތަކަށް ކަންކަން އިންތިޒާމް ކުރުމަށް އިރުޝާދު ދީފައިވެއެވެ.

ކޮންމެ އަހަރެއްގެ އޮކްޓޯބަރު މަހުގެ ހަތަރު ވަނަ ދުވަހު ބްރޯކާސްޓިން ދުވަސް ފާހަގަކުރަން ބްރޯޑްކާސްޓިން ކޮމިޝަނުން ނިންމީ 2013 ވަނަ އަހަރުގެ ފެބްރުއަރީ މަހުގައެވެ. އެއީ އެންމެ ފުރަތަމަ ރާއްޖޭގައި ބްރޯޑްކާސްޓް ސިގްނަލް ޓެސްޓު ކުރެވުނު ދުވަހާ ގުޅިގެންނެވެ.

comment ކޮމެންޓް