ހުޅުމާލޭ ކޯޓުގައި ކޯޓު އޮފިސަރެއްގެ މަގާމުގައި ހުރި އަހުމަދު އިބްރާހިމް މަގާމުން ވަކިކޮށްފައިވަނީ ޝަރުއީ ދާއިރާގެ އުސޫލުތަކާއި ހަމަތަކާ ހިލާފުވުމުން ކަމަށް ޑިޕާޓްމަންޓު އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ) އިން ބުނެފިއެވެ.
"ޕޮކްމަން'ގެ ޓްވިޓާ އެކައުންޓުގައި ހިއްސާކުރި ބައެއް ޓްވީޓުތަކާ ގުޅިގެން، އަހުމަދު އިބްރާހިމް އޭނާގެ އަދާކުރަމުން އައި ވަޒީފާއިން ވަކިކުރި ކަމަށް ބުނެފައިވަނީ މި މަހުގެ 17 ވަނަ ދުވަހުއެވެ. އޭނާ ބުނީ އޭނާ ވަކިކުރި ކަމަށް ބުނެފައިވަނީ ސަރުކާރަށް ފާޑުކިޔައި ޓްވީޓު ކުރުމުގެ ސަބަބުންނެވެ.
އެހެންނަމަވެސް ޑީޖޭއޭއިން ވަނީ އޭނާގެ އިތުރު މައްސަލަތަކެއް ހުރި ކަމަށް ބުނެފައެވެ.
ޑީޖޭއޭގެ އޮފިޝަލަކު ވިދާޅުވީ ދައުލަތުން ހުށަހެޅި މަސްތުވާތަކެތި ޓްރެފިކް ކުރުމުގެ ދައުވާއެއްގެ ފޯމު ސިސްޓަމަށް އެންޓާކޮށްފައިވަނިކޮށް ކޯޓުން މައްސަލަތަކަށް ގަޒިއްޔާ ނަންބަރު ދިނުމަށް ކަނޑައަޅާފައިވާ އުސޫލާ ހިލާފަށް ކޯޓުގެ ލިޔެކިޔުންތަކުގެ މައުލޫމާތު ހަގީގަތާ ހިލާފަށް ބަދަލުކޮށް، މައްސަލަ ގެއްލުވާލުމުގެ ތުހުމަތު އަހުމަދު އިބްރާހިމަށް ކުރެވިފައިވާ ކަމަށެވެ.
އެ މައްސަލަ ބަލައިދިނުމަށް ޑީޖޭއޭއަށް ފޮނުވީ ކޯޓުން ކަން ފާހަގަކޮށް ބަޔާނުގައި އިތުރަށް ބުނީ އެ މައްސަލަ ބަލަން ފެށުމާއެކު އެ މައްސަލައިގެ ތަހްގީގް ޓީމްގައި ހިމެނޭ މެމްބަރުންނަށް ނުރައްކާ އޮތްކަން ގަބޫލުކުރެވުމާއެކު އެ މައްސަލަ ބަލައިދިނުމަށް ފުލުހުންނަށް ވެސް ހުށަހެޅި ކަމަށެވެ.
ހަމައެހެންމެ ކޯޓުގެ މުހިއްމު ލިޔެކިޔުންތަކެއް ހިމެނޭ ހާޑް ޑިސްކެއް، އޭގައި ވާ މުހިއްމު ޑޮކިޔުމެންޓްތައް ފަސޭހަ ގޮތެއްގައި އަނބުރާ ނުލިބޭ ވަރަށް ގަސްތުގައި ހަލާކުކޮށްލުމުގެ ތުހުމަތު ވެސް އަހުމަދު އިބްރާހިމްގެ މައްޗަށް ކުރެވިފައިވާ ކަން ފާހަގަކޮށް އެ މައްސަލަ ވެސް ތަހުގީގު ކުރަމުން އަންނަ ކަމަށް އޮފިޝަލް ވިދާޅުވިއެވެ.
މީގެ އިތުރުން ޝަރުޢީ ދާއިރާގެ ކޮންމެ މުވައްޒަފަކީ ދާއިރާގެ މިނިވަންކަމާއި، މުސްތަގިއްލުކަމާއި އަބުރާއި ގަދަރު ހިފެހެއްޓޭ ގޮތަށް ދިރިއުޅުމުގެ އެހެން ކަންކަމުގައި ވެސް އަމަލުތައް ބަހައްޓަންޖެހޭ ބައެއް ކަމުގައި ޝަރުއީ ދާއިރާގެ އިދާރީ މުވައްޒަފުންގެ ގަވާއިދުގައި އޮތް ނަމަވެސް، ޝަރުއީ ދާއިރާގެ މުވައްޒަފުންގެ ކޯޑް އޮފް ކޮންޑަކްޓާ ހިލާފަށް އަހުމަދު އިބްރާހިމްގެ ޓްވިޓާ ހޭންޑަލް ބޭނުން ކުރަމުން އަންނަކަން ޑީޖޭއޭއިން ފާހަގަކޮށްފައިވެއެވެ.
"ހުޅުމާލޭ މެޖިސްޓްރޭޓް ކޯޓުގެ ކޯޓް އޮފިސަރުގެ މަގާމުގައި ހުރި އަހްމަދު އިބްރާހީމްގެ އެކައުންޓުން، ސިޔާސީގޮތުން ވަކިކޮޅަކަށް ޖެހި އަދި ވަކި ބަޔަކު ދެކޮޅުވެރިވެ، ޝަރުއީ ދާއިރާގެ މިނިވަންކަމާ ބެހޭ ގޮތުން ސުވާލުއުފެދޭ ފަދަ އަދި މި ދާއިރާގެ އަގު ވެއްޓޭ ފަދަ ކޮންޓެންޓް ހިމެނޭ ސިޔާސީ އެކްޓިވިސްޓް ދަރަޖައިގެ ޓްވީޓްތައް ކުރަމުންދާ ކަމުގެ ޝަކުވާ މި ޑިޕާޓްމަންޓަށް ލިބިފައިވެއެވެ." ޑީޖޭއޭގެ ބަޔާނުގައި ބުނެފައިވެއެވެ.
ކޯޑު އޮފް ކޮންޑަކްޓާ ހިލާފުވުމުގެ ގިނަ ޝަކުވާތަކެއް ޑީޖޭއޭއަށް ލިބިފައިވާ ކަން ފާހަގަކުރައްވައި އެ އިދާރާއިން އިތުރަށް ބުނީ އެ ޝަކުވާތައް ތަހުގީގުކުރެވި، އޭނާއަށް ޖަވާބުދާރީ ވާނެ ފުރުސަތު ދީފައިވާނެ ކަމަށެވެ.
"އަދި، މިކަންކަން އިސްލާހްނުކޮށްފި ނަމަ އިތުރު ނޯޓިހެއް ދިނުމަކާ ނުލައި ވަގުތުން ވަޒީފާއިން ވަކިކުރެވިދާނޭ ކަން އޭނާ އަށް ވާނީ އަންގައި އިންޒާރުދެވިފައެވެ. އަދި އެކަންކަން ރަނަގަޅުކޮށް އިސްލާހް ކުރާނޭ ކަމަށް ވެސް އޭނާ ބުނެފައިވެއެވެ." ޑީޖޭއޭގެ އޮފިޝަލް ވިދާޅުވިއެވެ.
ހަމައެހެންމެ ޖަވާބުދާރީވާން ދިން ފުރުސަތުގައި އެ ޝަކުވާތަކަށް އޭނާ އިންކާރުކޮށްފައި ނުވާއިރު، އެކަން ރަނގަޅު ކުރުމަށް މަސައްކަތް ކޮށްފައި ނުވާ ކަމަށް ޑީޖޭއޭއިން ބުނެއެވެ.
އަހުމަދު އިބްރާހިމް "ސަން"އަށް ކިޔައިދިން ގޮތުގައި މި މައްސަލަ ޖޭއެސްސީން ބަލައި، ޝަރުއީ ދާއިރާގެ ގަވައިދާ ހިލާފު މައްސަލައެއްގެ ގޮތުގައި ނިންމައިފައިވަނީ 14 ސެޕްޓެންބަރު 2020ގައި ނަމަވެސް މައްސަލައާ ގުޅިގެން ފިޔަވަޅު އަޅައި، ވަޒީފާއިން ވަކިކޮށްފައިވަނީ އިއްޔެއެވެ.
ޑީޖޭއޭގެ މި ނިންމުމާ ގުޅިގެން، ޝަރުއީ ދާއިރާގައި 10 އަހަރު ހޭދަކޮށްފައިވާ އަހުމަދު އިބްރާހިމް ވަނީ ވަރަށް ބޮޑަށް ކަންބޮޑުވުން ފާޅުކޮށްފައެވެ. ހަމައެހެންމެ މުވައްޒަފުންގެ މިނިވަންކަމާއި ހިޔާލު ފާޅު ކުރުމަށް ވަކާލާތުކޮށް އައި ސަރުކާރެއްގެ ބައިވެރިއަކު މިފަދަ ކަންކަން ހިންގަމުން ދާތީ ހިތާމަ ކުރާ ކަމަށް އޭނާ ބުންޏެވެ.