ދަރަވަންދޫ މެޖިސްޓްރޭޓް ކޯޓުގެ އިސް މެޖިސްޓްރޭޓް ސަސްޕެންޑްކޮށްފި

އޮކްޓޯބަރ 1، 2019: ދިވެހި ރާއްޖޭގެ ހައި ކޯޓުން މީހަކު ނިކުނަންނަނީ -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ބ. ދަރަވަންދޫ މެޖިސްޓްރޭޓް ކޯޓުގެ އިސް މެޖިސްޓްރޭޓް އަހްމަދު ލަތީފް ސަސްޕެންޑުކުރަން ޖުޑިޝަލް ސާވިސަސް ކޮމިޝަން (ޖޭއެސްސީ)އިން ނިންމައިފިއެވެ.

ޖޭއެސްސީން ނެރުނު ބަޔާނެއްގައި ބުނީ އޭނާ ސަސްޕެންޑުކޮށްފައިވަނީ ދަރަވަންދޫ މެޖިސްޓްރޭޓް ކޯޓަށް ހުށަހެޅި މައްސަލައެއްގައި ހިމެނޭ މީހަކާ އޭނާއާ ދެެމެދު ގުޅުން އޮތް ނަމަވެސް އެ މައްސަލައިގައި އޭނާ ގޮތް ނިންމާފައިވާތީކަަމަށެވެ.

"ބ. ތުޅާދޫ މެޖިސްޓްރޭޓް ކޯޓަށް ހުށަހެޅުނު ޖިނާއީ ފަސް މައްސަލައެއްގައި ހިމެނޭ ހަސްމަކާ އޮންނަ ގުޅުމަކާ ގުޅިގެން ކަމަށްބުނެ އެ މައްސަލަތައް ބެލުމުން އިސްމެޖިސްޓްރޭޓް އަހްމަދު ލަތީފު ތަނާޒުލްވެ، ހަމަ އެ ހަސްމާ ގުޅޭގޮތުން ބ. ދަރަވަންދޫ މެޖިސްޓްރޭޓް ކޯޓަށް ހުށަހެޅުނު މައްސަލައެއް ބެލުމުން އިސް މެޖިސްޓްރޭޓް އަޙްމަދު ލަތީފު ތަނާޒުލުވުމެއްނެތި، އެ މައްސަލައިގައި ހިމެނޭ ހަސްމުގެ ބަންދާމެދު ގޮތެއް ނިންމާފައިވާތީ،" އެ ބަޔާނުގައި ބުންޏެވެ.

ޖޭއެސްސީން އިތުރަށް ބުނީ އެ މައްސަލައިގައި އިސް މެޖިސްޓްރޭޓް ލަތީފު ގޮތް ނިންމިއިރު ނިންމާފައިވަނީ ވެސް ގާނޫނާ ހިލާފަށް ކަމަށެވެ. އަދި އޭނާ އަމަލުކޮށްފައިވަނީ ފަނޑިޔާރުންގެ ސުލޫކީ މިންގަނޑާ ހިލާފަށްކަަމަށް އެ ބަޔާނުގައި ބުންޏެވެ. އެއާއެކު މިއަދުން ފެށިގެން މުސާރަ ނުހިނގާ ގޮތަށް ކުރިއަށް އޮތް ދެ ހަފްތާއަށް އޭނާ ސަސްޕެންޑުކޮށްފައިވާކަމަށް ޖޭއެސްސީން ބުންޏެވެ.

ދަރަަވަންދޫ މެޖިސްޓްރޭޓް ކޯޓުގެ އިސް މެޖިސްޓްރޭޓް ސަސްޕެންޑުކުުރުމާއެކު ދެން އެ ކޯޓުގެ ކަންކަން ބަލަހައްޓާނީ އެ އަތޮޅު ކަމަދޫ މެޖިސްޓްރޭޓް ކޯޓުގެ އިސް މެޖިސްޓްރޭޓް އަހްމަދު ޝުޖާއެވެ.

comment ކޮމެންޓް