ހިޔާ ފްލެޓުގައި ނުރައްކަލެއް ދިމާވެއްޖެނަމަ ކަންކުރާނެ ގޮތް ދެނެގަންނަން ސާވޭއެއް ހަދަނީ

ޖޫން 28، 2021: ހުޅުމާލޭ ދެވަނަ ފިޔަވަހީގައި އިމާރާތްކޮށްފައިވާ ހިޔާ ފްލެޓްތައް -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ހިޔާ ފްލެޓުގައި ނުރައްކާތެރި ހާދިސާއެއް ހިނގައިފިނަމަ އަމަލުކުރާނެ ގޮތުގެ ސާވޭއެއް ހެދުމުގެ މަސައްކަތް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)އިން ފަށައިފިއެވެ.

އެޗްޑީސީން ބުނީ މި ސާވޭގެ ބޭނުމަކީ ނުރައްކާތެރި ހާދިސާއެއް ހިނގައިފިނަމަ ކަމާ ގުޅުންހުރި އިދާރާތަކަށް އެނގެން ޖެހޭ މުހިންމު މައުލޫމާތުތައް ހޯދުންކަމަށެވެ. އަދި ރައްކާތެރިކަމުގެ ފިޔަވަޅުތައް އަޅައި ރާވާނެ ގޮތް ހޯދުންކަމަށެވެ. މީގެ އިތުރުން ހިޔާ ފްލެޓާ ގުޅޭ ގަވާއިދުތައް ހެދުމަކީ ވެސް ސާވޭގެ ބޭނުމެއްކަމަށް އެޗްްޑީސީން ބުންޏެވެ.

ހަމައެއާއެކު ފްލެޓުތަކުގައި ދިރިއުޅޭ މީހުންގެ ހޭލުންތެރިކަން ހުރި މިންވަރު ބަލައި އެ ކުންފުނީގެ ހިދުމަތްތައް ރަނގަޅުކުރުމަކީ ވެސް ސާވޭގެ ބޭނުމެއްކަމަށް އެޗްޑީސީން ބުންޏެވެ.

އެޗްޑީސީން މި ސާވޭގެ މަސައްކަތްކުރާނީ މިއަދުން ފެށިގެން އަންނަ ހޯމަ ދުވަހުގެ ނިޔަަލަށެެވެ. ސާވޭއަށް މައުލޫމާތު ނެގުމުގެ މަސައްކަތް ކުރާނީ ހެނދުނު 9:00އަކުން ރޭގަނޑު 08:00ކާ ދެމެދެވެ.

މި ސާވޭއަށް މައުލޫމާތު އެއްކުރުމަށް ޓަކައި އެޗްްޑީސީގެ މުވައްޒަފުން ފްލެޓުތަކަށް ޒިޔާރާތްކުރާނެއެވެ. އަދި މުވައްޒަފުން ޒިޔާރަތްކުރާއިރު އެ މީހުންނަކީ ކުންފުނީގެ މުވައްޒަފުންކަން އަންގައިދޭ ކާޑު އަޅައިގެން ތިބޭނެކަމަށް އެޗްޑީސީން ބުންޏެވެ.

ފަހަކަށް އައިސް ހިޔާ ފްލެޓު ސަރަހައްދުގައި އަަންނަނީ ބައެއް ހާދިސާތައް ހިނގަމުންނެެވެ. އެގޮތުން މިދިޔަ ހުކުރު ދުވަހު ހިޔާ ފްލެޓުގައި ކުނި އެއްކުރާ ސަރަހައްދުގައި އަލިފާނުގެ ހާދިސާއެއް ހިނގައިފައިވެއެވެ.

އެޗްޑީސީން ވަނީ އެފަދަ ހާދިސާތައް ހިނގާ މިންވަރު މަދުކުރުމަށް ޓަކައި ގިނަ މަސައްކަތްތަކެއް ކުރަމުންދާ ކަމަށް ބުނެފައެވެ.

comment ކޮމެންޓް