އެންމެ ފާހަގަކޮށްލެވޭ މަސައްކަތްތައް ކުރާ ކުންފުނިތަކަށް ކޯޕަރޭޓް މޯލްޑިވްސް އިން ދޭ "ގޯލްޑް 100" އެވޯޑް ހައުސިން ޑިވަލޮޕްމެންޓް ކޯޕަރޭޝަން(އެޗްޑީސީ) އިން ވިދިވިދިގެން ފަސްވަނަ ފަހަރަށް ހޯދައިފިއެވެ.
އެ އެވޯޑާ އެޗްޑީސީގެ ފަރާތުން ހަވާލުވެވަޑައިގަތީ އެކުންފުނީގެ މެނޭޖިން ޑިރެކްޓަރު ސުހައިލް އަހުމަދެވެ.
މި އެވޯޑް ލިބުމާ ގުޅިގެން ސުހައިލް ވިދާޅުވީ ގޯލްްޑް 100 އެވޯޑް ފަސް ފަހަރަށް އެޗްޑީސީން ކާމިޔާބު ކުރުމަކީ އެ ކުންފުންޏަށް ލިބުނު ވަރަށް ބޮޑު ކުރިއެރުމެއް ކަމަށެވެ.
"އެޗްޑީސީގެ ފަރާތުން ކޯޕަރޭޓް މޯލްޑިވްސް އިން ދޭ ގޯލްޑް 100 އެވޯޑް ލިބިގަތުމަކީ އަޅުގަނޑަށާއި ކުންފުންޏަށް ލިބުނު ވަރަށް ބޮޑު ފަހުރެއް. މިއީ ރާއްޖޭގައި އެންމެ ފުންނާބު އުސް ކުންފުނިތަކަށް ދޭ އެވޯޑަށް ވާއިރު އެޗްޑީސީން ފަސް އަހަރު މަތިން މި އެވޯޑް ހާސިލު ކުރުމަކީ މި ކުންފުންޏަށް ލިބިގެންދިޔަ ވަރަށް ބޮޑު ކާމިޔާބީއެއް ކަމަށް އަޅުގަނޑު ގަބޫލުކުރަން،" ސުހައިލް ވިދާޅުވިއެވެ.
ރޭ ކްރޮސްރޯޑުގައި ބޭއްވި އެ ރަސްމިއްޔާތުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އާއި ބައެއް ވަޒީރުންނާއި ސަރުކާރުގެ ބައެއް ވިޔވއިސްވެރިން ބައިވެރިވެ ވަޑައިގެންނެވިއެވެ.
ގޯލްޑް 100 އަކީ ރާއްޖޭގެ ވިޔަފާރީގެ ދާއިރާގައި މަސައްކަތްކުރާ ކުންފުނިތަކުގެ ތެރެއިން އެންމެ ކުރިއަރާފައިވާ ކުންފުނިތައް ހޮވުމަށް އަހަރަކު އެއްފަހަރު ބާއްވާ އިވެންޓެކެވެ. ރޭގެ ހަފްލާގައި އެވޯޑު ދިނުމުގެ އިތުރުން ގޯލްޑް 100 މެގަޒިން ލޯންޗްކޮށްފައިވެއެވެ.
އެ ލިސްޓަށް ކުންފުނިތައް ހޮވަނީ ހާއްސަ ކޮންސަލްޓަންޓް ކޮމިޓީއަކުން ބެލުމަށްފަހުގައެވެ. އަދި އެ ލިސްޓު އާންމުކުރަނީ ވިޔަފާރިތައް ރޭންކުކުރުމުގެ ބަދަލުގައި އަލްފަބެޓިކް އޯޑަރުންނެވެ.
ރާއްޖޭގެ ވިޔަފާރިކުރާ ފަރާތްތައް ކްރައިޓީރިއާކޮށް މާކެޓްގައި އެންމެ ފުޅާދާއިރާއެއްގައި ވިޔަފާރިކުރާ 100 ކުންފުނި ހޮވުމަށް އެންމެ ފުރަތަމަ "ގޯލްޑް 100" ގެ ނަމުގައި އެވޯޑެއް ދޭންފެށީ 2017 ވަނަ އަހަރުގައެވެ.
އެންމެ ރަނގަޅު 100 ކުންފުނި ހޮވުމުގެ އިތުރުން ކޯޕަރޭޓް މޯލްޑިވްސްއިން ދަނީ ކޮންމެ އަހަރަކުވެސް ވިޔަފާރީގެ ދާއިރާއިން "ލައިފް ޓައިމް އެޗީވްމަންޓް އެވޯޑް" ވެސް ދެމުންނެވެ.