އެންމެ ފާހަގަކޮށްލެވޭ މަސައްކަތްތައް ކުރާ ކުންފުނިތަކަށް ކޯޕަރޭޓް މޯލްޑިވްސް އިން ދޭ "ގޯލްޑް 100" އެވޯޑް އެލައިޑް އިންޝުއަރެންސް ކޮމްޕެނީ އިން ރޭ ހޯދައިފިއެވެ.
ގޯލްޑް 100ގެ ނަމުގައި ރޭ ކްރޮސްރޯޑުގައި ބޭއްވި ރަސްމިއްޔާތުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ބައިވެރިވަޑައިގެންނެވިއެވެ.
މި ރަސްމިއްޔާތުގައި ދިން އެވޯޑާ އެލައިޑް އިންޝުއަރެންސް ކޮމްޕެނީގެ ފަރާތުން ހަވާލުވެވަޑައިގަތީ އެކުންފުނީގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ޝަފާޒެވެ.
މީގެ ކުރިންވެސް އެލައިޑުން ގޯލްޑް 100ގެ އެވޯޑް ހާސިލުކޮށްފައިވެއެވެ. އެގޮތުން އެލައިޑުން ވަނީ ޖުމުލަ ފަސް ފަހަރު މި އެވޯޑް ހާސިލުކޮށްފައެވެ.
މީގެ އިތުރުން އެލައިޑުން ވަނީ ކޯޕަރޭޓް ގަވަނަންސް އިން އެންމެ ފާހަގަކޮށްލެވޭ މަސައްކަތްތަކެއް ކުރި ކުންފުނިތަކަށް ދޭ "ސީޖީ އެފަޓްސް އެވޯޑް" މިދިޔަ އަހަރު ހާސިލުކޮށްފައެވެ.
ގޯލްޑް 100 އަކީ ރާއްޖޭގެ ވިޔަފާރީގެ ދާއިރާގައި މަސައްކަތްކުރާ ކުންފުނިތަކުގެ ތެރެއިން އެންމެ ކުރިއަރާފައިވާ ކުންފުނިތައް ހޮވުމަށް އަހަރަކު އެއްފަހަރު ބާއްވާ އިވެންޓެކެވެ. ރޭގެ ހަފްލާގައި އެވޯޑު ދިނުމުގެ އިތުރުން ގޯލްޑް 100 މެގަޒިން ލޯންޗްކޮށްފައިވެއެވެ.
އެ ލިސްޓަށް ކުންފުނިތައް ހޮވަނީ ހާއްސަ ކޮންސަލްޓަންޓް ކޮމިޓީއަކުން ބެލުމަށްފަހުގައެވެ. އަދި އެ ލިސްޓު އާންމުކުރަނީ ވިޔަފާރިތައް ރޭންކުކުރުމުގެ ބަދަލުގައި އަލްފަބެޓިކް އޯޑަރުންނެވެ.
ރާއްޖޭގައި އެންމެ ފުޅާދާއިރާއެއްގައި ވިޔަފާރިކުރާ 100 ކުންފުނި ހޮވުމަށް އެންމެ ފުރަތަމަ "ގޯލްޑް 100" ގެ ނަމުގައި އެވޯޑެއް ދޭންފެށީ 2017 ވަނަ އަހަރުގައެވެ.
އެންމެ ރަނގަޅު 100 ކުންފުނި ހޮވުމުގެ އިތުރުން ކޯޕަރޭޓް މޯލްޑިވްސްއިން ދަނީ ކޮންމެ އަހަރަކުވެސް ވިޔަފާރީގެ ދާއިރާއިން "ލައިފް ޓައިމް އެޗީވްމަންޓް އެވޯޑް" ވެސް ދެމުންނެވެ.