އަލްގީނުގެ މައްޗަށް ހިޔާނާތުގެ ދައުވާ ކޮށްފައި ވަނީ ފުރިހަމަ ނުވާ ތަހުގީގަކަށް: ވަކީލު

ޑިޕާޓްމަންޓް އޮފް މީޓިއޮރޮލޮޖީގެ ކުރީގެ ޑިރެކްޓަ ޖެނެރަލް އަދި ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ކޮއްކޯފުޅު އަބްދުﷲ އަލްގީން އެ ތަނުގެ ފައިސާތަކަކަށް ހިޔާނާތްތެރިވެފައިވާ ކަމަށް ބުނެ ދައުލަތުން އޭނާގެ މައްޗަށް ދައުވާ ކުރަނީ ފުރިހަމަ ނުވާ ތަހުގީގެއްގެ މައްޗަށް މައްޗަށް ބިނާކޮށް ކަމަށް އަލްގީންގެ ގާނޫނީ ވަކީލު ވިދާޅުވެއްޖެ އެވެ.

މި ދައުވާ ކޮށްފައި ވަނީ 2009 ގެ މޭމަހުގެ ތެރޭގަ އެވެ. މި މައްސަލަ ކޯޓްގައި އޮންނަތާ ދެ އަހަރަށް ވުރެ ގިނަ ދުވަސް ވެއްޖެ އެވެ. މިއަދު މި މައްސަލައިގެ ޝަރީއަތެއް ބޭއްވީ އަޑުއެހުން ނިމިފައިވާ ކަމަށް އިއުލާންކޮށްފައި ވަނިކޮށެވެ.

އަލްގީންގެ މައްޗަށް ދައުލަތުން ކުރާ ދައުވާގައި ބުނެފައި ވަނީ 2006 އަދި 2007 ވަނަ އަހަރު ރާއްޖޭގައި މޫސުމާ ބެހޭ ތަހްލީލެއް ކުރުމަށް ޖަޕާނުގެ ޖެމްސްޓެކާއި މީޓިއޮރޮލޮޖީއާ ދެމެދު އެއްބަސްވުމެއްގައި ސޮއިކޮށްފައި ވަނިކޮށް، އެ އެއްބަސްވުމާ ބެހޭ ހުރިހާ މުއާމަލާތްތަކެއް މީޓިއޮރޮލޮޖީއާ ނުބެހޭ ގޮތަށް ސީދާ އޭނާއާއި ކުރުމަށް ޖެމްސްޓެކަށް އަލްގީން އަންގަވާފައިވާ ކަމަށެވެ.

އަދި އެއްބަސްވުމުގެ ދަށުން ޖެމްސްޓެކުން ފޮނުވަން ޖެހޭ ފައިސާ ހޯދުމަށް މީޓިއޮރޮލޮޖީގެ ނަމުގައި ފޮނުވި ރަސްމީ އިންވޮއިސްތަކުގައި ފައިސާ ޖަމާކުރަންޖެހޭ އެކައުންޓަކީ ބޭންކް އޮފް މޯލްޑިވްސްގައި އޭނާ ހުޅުވާފައިވާ އޭނާގެ އަމިއްލަ އެކައުންޓަކަށް ކަމަށް އަލްގީން ލިޔުއްވާފައިވާ ކަމަށް ވެސް ދައުވާގައި ވެއެވެ.

ތަފާތު ހަތަރު ފަހަރެއްގެ މަތިން ޖެމްސްޓެކުން ފޮނުވި 177،460 ޑޮލަރު އަލްގީންގެ އަމިއްލަ އެކައުންޓަށް ޖަމާކުރައްވައި އެ ފައިސާތަކަށް ހިޔާނާތްތެރިވެވަޑައިގެންފައިވާ ކަމަށް ވެސް ދައުވާގައިވެ އެވެ.

އޭނާގެ މައްޗަށް އެ ދައުވާ ކުރަނީ ގާނޫނުލް އުގޫބާތުގެ 131 ވަނަ މާއްދާގެ (ހ) އާއި 132 ވަނަ މާއްދާ އާއި 143 ވަނަ މާއްދާގެ ދަށުން ދައުލަތުގެ 10،000ރ. އަށް ވުރެ ގިނަ އަދަދެއްގެ ފައިސާ އަށް ހިޔާނާތްތެރިވުމުގެ ކުށުގެ ދައުވާއެވެ. އޭނާގެ އަތުން އެ ފައިސާ ހޯދުމަށްވެސް ދައުވާގައި ދައުލަތުން ވަނީ އެދިފައެވެ.

ގިނަ ދުވަސްތަކަކަށް ފަހު މިއަދު ބޭއްވި ޝަރީއަތުގެ މަޖިލީހުގައި އަލްގީން ގެ ވަކީލު ޝަހީމް އަހުމަދު ވިދާޅުވީ އަލްގީންގެ މައްޗަށް ދައުލަތުން ދައުވާކުރަނީ ފުރިހަމަ ނުވާ ތަހުގީގެއްގެ މައްޗަށް ބިނާކޮށް ކަމަށާއި، އަލްގީންގެ އެކައުންޓަށް އެ ފައިސާ ޖަމާކުރީ ކީއްވެތޯ ޖެމްސްޓެކާއި ސުވާލު ކުރަންޖެހޭ ކަމަށެވެ. އަދި ވިދާޅުވީ އެ މައްސަލައަކީ އޮޅުން ބޮޅުން އަރާފައި ހުރި މައްސަލައެއް ކަމަށެވެ.

"ތަހުގީގަކީ ފުރިހަމަ ނުވާ ތަހުގީގެއް. ޖެމްސްޓެކް ކުންފުންޏާއި ސުވާލުކުރަން ޖެހޭނެ ކީއްވެގެންތޯ އަލްގީންގެ އެކައުންޓަށް އެ ފައިސާ ޖަމާކުރީ.،" ޝަހީމް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އެ ފައިސާ އަލްގީން ޚިޔާނާތުގެ ގޮތުގައި ބޭނުންކޮށްފައި ނުވާކަމަށާއި ޖެމްސްޓެކުން ޖަމާކުރި ފައިސާއަކީ އެމީހުން ރާއްޖެއައިސް ކުރަންޖެހޭ މަސައްކަތްތަކަށް ޖަމާކުރި ފައިސާއެއް ކަމަށެވެ. ސަރުކާރުން ޚަރަދު ކުރާގޮތަށް ޖެމްސްޓެކުން އަލްގީންގެ އެކައުންޓަށް ފައިސާ ޖަމާކޮށްފައި ނުވާކަމަށް ވެސް ޝަހީމް ވިދާޅުވި އެވެ.

އަލްގީނާއި ޖެމްސްޓެކާއި ދެމެދު ބަދަލުކޮށްފައިވާ އީމެއިލްތަކުން އެއީ މޫސުމާ ބެހޭ ތަހުލީލު ކުރުމުގެ ޕްރޮޖެކްޓުގެ ފައިސާކަން އެނގޭ ކަމަށް ކުރީގެ ޝަރީއަތުގެ މަޖިލީހެއްގައި ދައުލަތުގެ ވަކީލު ވަނީ ވިދާޅުވެފައެވެ.

ނަމަވެސް ޝަހީމް ވިދާޅުވީ ދައުލަތުން އެ ވިދާޅުވާ މެއިލްތަކަކީ އެއްވެސްގޮތަކަށް ކޮށްފައިވާ މެއިލްތަކެއް ނޫން ކަމަށެވެ. އަދި ވިދާޅުވީ އެ މެއިލްއަކީ ސައްޚަ މެއިލްއެއްތޯ ވެސް ދައުލަތުން ބަލާފައި ނުވާ ކަމަށެވެ.

މިއަދުގެ ޝަރީއަތުގެ މަޖިލީސް ނިންމަވާލައްވަމުން ކްރިމިނަލް ކޯޓުގެ ގާޒީ ވަނީ ދެން އޮންނަ ޝަރީއަތުގެ މަޖިލީހަކަށް ބައެއްކަންކަން ސާފުކުރުމަށް ދައުލަތުގެ ވަކީލަށް އަންގާފަ އެވެ.
ޖެމްސްޓެކްގެ ފައިސާއަށް އަލްގީން ޚިޔާނާތްތެރިވެގެން އެކުންފުނިން ޝަކުވާ ކުރިތޯ އާއި އޭނާގެ އެކައުންޓަށް ޖަމާކުރި ފައިސާ އަކީ ސަރުކާރަށް ލިބެންޖެހޭ ފައިސާއެއްތޯ ދެން އޮންނަ ޝަރީއަތުގެ މަޖިލީހަކަށް ދައުލަތުން ސާފުކޮށްދެއްވުމަށް ގާޒީ އެދިވަޑައިގެންނެވި އެވެ.








ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު