އެންމެ ކުޑަ އުޖޫރަ: މުވައްޒަފުންނަށް މި ސަރުކާރުން ދިން ބޮޑު ހަދިޔާއެއް!

ވެލާނާގެއިން މުވައްޒަފުންތަކެއް ނުކުންނަނީ -- ސަން ފޮޓޯ/ މުހައްމަދު ހައްޔާން

މީގެ ފަސް ދުވަސް ކުރިން، ޖުމްހޫރީ ދުވަހުގެ ހާއްސަ ޖަލްސާގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވީ ޖުމްހޫރީ ދުވަހު ސަރުކާރުން ގެނެސްދޭ އެންމެ ބޮޑު ހަދިޔާއަކީ މިނިމަމް ވޭޖް ކަނޑައެޅުން ކަމަށެވެ.

މި މަހު އަށްވަނަ ދުވަހު ކަނޑައެޅި އެންމެ ކުޑަ މުސާރައަކީ ދިވެހި އެތައް ރައްޔިތަކަށް ލިބުނު ބޮޑު ހަދިޔާއެކެވެ. އެއީ އެތައް މުވައްޒަފުންތަކެއްގެ ހިތަށް ލިބުނު ތަސައްލީއެކެވެ. ގެނުވި އުފާވެރިކަމަކާއި ހިތްހަމަޖެހުމެކެވެ.

މިނިމަމް ވޭޖު އިއުލާން ކުރިއިރު ކަނޑައަޅައިފައިވަނީ ތިން ދާއިރާއަކަށެވެ.

- ކުދި ވިޔަފާރިތަކަށް، މަހަކު 4,500 ރުފިޔާ

- މެދު ފަންތީގެ ވިޔަފާރިތަކަށް، މަހަކު 7,000 ރުފިޔާ

- ބޮޑެތި ވިޔަފާރިތަކަށް، މަހަކު 8,000 ރުފިޔާ

- ސިވިލް ސާވިސް (ޕަބްލިކް ސެކްޓަރ) ، މަހަކު 7,000 ރުފިޔާ

މިއީ ރާއްޖޭގައި މިނިމަމް ވޭޖެއް ކަނޑައެޅުނު ފުރަތަމަ ފަހަރެވެ. މިނިމަމްވޭޖެއްގެ ވާހަކަ ދައްކާތާ އެތައް އަހަރެއް ވެއްޖެއެވެެ. ރައްޔިތުން ގިނަ އުއްމީދުތަކެއް ވެސް އެކަމަށް ކުރިއެވެ. ރައްޔިތުންގެ ހުވަފެންތައް ހަގީގަތަކަށް ހަދައިދެވުނީ މި ސަރުކާރަށެވެ. މި ސަރުކާރުން އެ ވައުދު ފުއްދައިފިއެވެ. ރައްޔިތުންނަށް މިނިމަމްވޭޖުގެ ފޮނިރަހަ ލިބޭނޭ ގޮތް މެދުވެރިކޮށްދީފިއެވެ.

މިނިމަމް ވޭޖާ ގުޅޭ ގޮތުން ރައީސް އޮފީހުގެ ތަރުޖަމާނު މަބްރޫކް އަޒީޒް، ކުރިން "ސަން"އަށް ވިދާޅުވީ ރާއްޖެއަކީ ފަތުރުވެރިކަމަށް ބަރޯސާ ވެފައި އޮތް ގައުމަކަށް ވެފައި، ކޮވިޑް-19 ގެ ދުވަސްވަރު އިގްތިސޯދު ވެއްޓުނު އަނދަވަޅުން އަރައިގަތުމުގައި އަދި ވެސް ދަތިތަކެއް ހުރި ކަމަށެވެ.

ރާއްޖޭގެ އިގްތިސޯދު ކުރިން ހުރި ހާލަތަށް އަނބުރާ ދިއުމަށް ދެ އަހަރެއް ހާ ދުވަސް ވާނެ ކަމަށް އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް ވެސް ވިދާޅުވިކަން ފާހަގަކުރައްވާ މަބްރޫކް ވިދާޅުވީ ކަނޑައެޅިގެން ދިޔައީ ނިސްބަތުން ތަނަވަސް ވޭޖެއް ކަމަށެވެ.

"ގާނޫނުގައި ކަނޑައަޅާފައިވާ ގޮތުން މިނިމަމް ވޭޖް ކޮންމެ ދެ އަހަރަކުން މުރާޖައާ ކުރަން ޖެހޭ، އެހެން ކަމަށް ވާނަމަ ދެ އަހަރު ފަހުން އިގްތިސޯދަށް އަންނަ ބަދަލުތަކާއެކު މިނިމަމް ވޭޖަށް ވެސް ހެޔޮ ބަދަލުތަކެއް އަންނާނެ،" މަބްރޫކް ވިދާޅުވިއެވެ.

މިނިމަމްވޭޖު ކަނޑައެޅުމާއެކު އެންމެ ބޮޑު ގިނަ ކަންބޮޑުވުންތަކެއް ފާޅުކުރީ ފަތުރުވެރިކަމުގެ ސިނާއަތުގައި މަސައްކަތްކުރާ މުވައްޒަފުންނެވެ. ގިނައިން ރިސޯޓު މުވައްޒަފުންނެވެ. ނަމަވެސް މިނިމަމް ވޭޖުން ރިސޯޓު މުވައްޒަފުންނަށް ވެސް ކުރާ ފައިދާ ބޮޑެވެ.

މާލެ ކައިރީގައި އޮންނަ ރިސޯޓެއްގައި މަސައްކަތް ކުރާ މުވައްޒަފަކު "ސަން"އަށް ބުނީ މިނިމަމްވޭޖާއެކު ވަރަށް ހިތްހަމަޖެހިފައި ހުރި ކަމަށެވެ. އެގޮތުން، ވޭޖާއެކު ހެޔޮބަދަލެއް އަންނާނެކަމަށް އެ މުވައްޒަފު ގަބޫލުކުރެއެވެ.

"ސާވިސްޗާޖު ނުލައި އަދި އެއީ 8000 އެންމެ ކުޑަކޮށް. އެންމެ ދަށް މަގާމަށް އެވަރު އެންމެ ކުޑަކޮށް ދެންޏާ އެއަށްވުރެ ގިނައިން ދޭންް ޖެހޭނެތާ އެހެން ފަންތިތަކަށް. އެހެންވީމަ ސާވިސް ޗާޖާއެއްކޮށް ވަރަށް ބޮޑު އެއްޗެއް އަސްލު ޖެހޭނެ. 8000 އެއީ އެންމެ ކުޑަތާ. މާނައަކީ އެއަށްވުރެ ބޮޑުވާނޭ އެންމެނަށް ވެސް،" އޭނާ ބުންޏެވެ.

ރިސޯޓެއްގައި މުވައްޒަފަކު މަސައްކަތް ކުރަނީ --

މަބްރޫކް ވިދާޅުވީ ފަތުރުވެރިކަމުގެ ދާއިރާގައި މަސައްކަތް ކުރާ މުވައްޒަފުންނަށް ޓަކައި ގާނޫނަކުން ސާވިސް ޗާޖު ލާޒިމް ކުރީ މި ސަރުކާރުގައި ކަމަށެވެ.

ހަމައެއާއެކު މިހާރު ކަނޑައަޅާފައިވާ މިނިމަމް ވޭޖާއި ސާވިސް ޗާޖު އެކުވުމުން އެވްރެޖުކޮށް ރިސޯޓު މުވައްޒަފަކަށް 12،000 ރުފިޔާ ޖެހޭނެ ކަމަށް މިނިސްޓްރީން އަންދާޒާކޮށްފައިވާ ކަން މަބްރޫކް ފާހަގަކުރެއްވިއެވެ.

"ރާއްޖޭގެ އިގްތިސޯދު މިހާރު މިއޮތް ހާލަތަށް ބަލާއިރު، ވަރަށް ރަނގަޅު ކާމިޔާބީއެއް މި ލިބިގެންދިޔައީ. 13000 އަށް ވުރެ ގިނަ ރިސޯޓު މުވައްޒަފުންނަށް މީގެން ސީދާ މަންފާ ކުރާނެ،" މަބްރޫކް ވިދާޅުވިއެވެ.

މިނިމަމްވޭޖުގެ ސަބަބުން ސިވިލް ސާވިސް މުވައްޒަފުންނަށް ވެސް އެތައް ފައިދާއެއް ކުރެއެވެ. އެގޮތުން މަސައްކަތު މީހަކަށް މިހާރު ސަރުކާރު ވަޒީފާތަކުގައި ލިބެނީ ޖުމުލަ 5000އެއްހާ ރުފިޔާއެވެ. ނަމަވެސް މިނިމަމްވޭޖާއެކު ސިވިލްސާވިސްގެ އެންމެ ކުޑަ މުސާރަ ވެސް ވަނީ 7000އަށް ކަނޑައެޅިފައެވެ.

އެންމެ ކުޑަ މުސާރަ ދޭ މުވައްޒަފަކަށް އެ ވަރު ދޭން ޖެހޭނަމަ، އޭނާއަށްވުރެ މަތީ ފަންތީގެ މުވައްޒަފަކަށް އެއަށްވުރެ ބޮޑު މުސާރައެއް ދޭން ޖެހޭނެއެވެ. ނަތީޖާއެއްގެ ގޮތުން، ހުރިހާ ފަންތިއެއްގެ މުވައްޒަފުންނަށް ވެސް މިނިމަމްވޭޖާއެކު ފައިދާ ކުރާނެއެވެ.

"ސަން"އާ ވާހަކަ ދެއްކި ސިވިލް ސާވިސް މުވައްޒަފަކު ބުނީ މިނިމަމް ވޭޖަކަށް ކޮށްގެން ތިބި އިންތިޒާރަށް ނިމުމެއް އައިސްފިކަމަށެވެ. އަދި މިހާރު ވަރަށް ހިތްހަމަޖެހޭ ކަމަށް ވެސް އޭނާ ބުންޏެވެ.

"މަސައްކަތު މީހުންގެ މުސާރަ ވެސް މިސާލަކަށް މިހާރު 7000އަށް ހަދަން ޖެހޭނެ. އެއީ އެންމެ ދަށް މުސާރަ މިހާރު ލިބޭ މީހުން. އެ މީހުންނަށް އެ ވަރު ދެންޏާ އެޑްމިން ކުއްޖަކަށް ކޮންމެ ގޮތެއް ވިޔަސް ބޮޑުކުރަން ޖެހޭނެ. އެޑްމިން ކުދިންނަށް ބޮޑުކުރަންޏާ އެސިސްޓެންޓް ޑިރެކްޓަރުންނަށާއި ޑިރެކްޓަރުންނަށް ބޮޑުކުރަން ޖެހޭނެ،" އޭނާ ބުންޏެވެ.

ސިވިލް ސާވަންޓުން -- ސަން ފޮޓޯ/ މުހައްމަދު ހައްޔާން

މިނިމަމްވޭޖާމެދު ހިތްހަމަ ނުޖެހޭ ބައެއް މުވައްޒަފުން ވެސް އެބަތިއްބެވެ. އެހެން ނަމަވެސް، މިނިމަމްވޭޖަށް އަމަލުކުރަން ފެށުމުން އެ މުވައްޒަފުންނަށް ވެސް އުއްމީދު އާވެ، އުފާވެރިކަން އިހުސާސްކުރެވޭނެކަމަށް ބެލެވެއެވެ.

ޖުމްހޫރީ ދުވަހުގެ ޖަލްސާގައި ރައީސް ސޯލިހު ވިދާޅުވި ވާހަކަފުޅު ވަރަށް ވެސް ރަނގަޅެވެ. މިއީ ދިވެހި ތާރީހުގައި މަސައްކަތްތެރިންނަށް ޓަކައި މިހާތަނަށް އެޅުނު އެންމެ ހަރުދަނާ ބިންގަލެވެ. ދެވުނު އެންމެ ބޮޑު ހަދިޔާއެވެ.

comment ކޮމެންޓް