މަހުމޫދުގެ މަރު: ޝަރީއަތް ނިމެންދެން ސާލިމް ބަންދުގައި ބަހައްޓަން ނިންމައިފި

މަހުމޫދުގެ މަރުގެ މައްސަލައިގައި ހައްޔަރުކުރި ސާލިމް -- ސަން ފޮޓޯ

އދ. ދަނގެތީގައި މަރައިލައިފައި އޮއްވާ ފެނުނު މަހުމޫދު އަބޫބަކުރު މަރާލިކަމުގެ ތުހުމަތުކުރެވޭ ޝާ އަލޮމް މިއާ (ސާލިމް) ޝަރީއަތް ނިމެންދެން ބަންދުގައި ބަހައްޓަން ނިންމައިފިއެވެ.

މިދިޔަ މަހުގެ 13ވަނަ ދުވަހު އަނިޔާވެރިގޮތަކަށް މަރާލުމަަށްފަހު މަހުމޫދު އެއްލައިލައިފައި އޮއްވާ ފެނުނީ ވަޅެއްގެ ތެރެއިންނެވެ. އަދި ފެނުނުއިރު އޭނާގެ ފަޔަށާއި ބޮލަށް ގޯންޏެއް މަހައިފައިވާއިރު ވަޅަށް ވައްޓައިލައިފައި އޮތީ ބޯކޮޅު ވަތަށެވެ.

މި މައްސަލައިގައި ފުލުހުން މިހާތަނަށް ހައްޔަރު ކޮށްފައިވަނީ ސާލިމް އެކަންޏެވެ. އޭނާއަކީ އެ ރަށުގައި އުމުރުން ދުވަސްވީ މީހަކު ބަލަހައްޓަން ހުންނަ ބިދޭސީއެކެވެ. ފުލުހުން މީގެ ކުރިން ބުނެފައިވަނީ މި މައްސަލައިގައި އެހެން މީހެއްގެ ބައިވެެރިވުން އޮތްކަމަށް ނުބެލެވޭ ކަމަށެވެ.

ފުލުހުން މިއަދު ބުނީ މި މައްސަލައިގެ ތަހުގީގުގައި ފުލުހުން މިހާރު ކުރަމުންދަނީ ތަހުގީގު ފުރިހަމަކުރުމަށްޓަކއި ކުރަން ޖެހޭ ފަހުގެ މަސައްކަތްތައް ކަމަށެވެ. އަދި ތަހުގީގު ފުރިހަމަކޮށް އަންނަ ހަފްތާގައި ޕީޖީއަށް ދައުވާކުރަން ފޮނުވުމަށް މަސައްކަތް ކުރާކަމަށް ވެސް ފުލުހުން ބުނެއެވެ.

މިހާތަނަށް މަހުމޫދުގެ މަރުގެ މައްސަލައާ ގުޅިގެން ފުލުހުން ނެރިފައިވަނީ އެންމެ ނޫސް ބަޔާނެކެވެ. ފުލުހުން ބުނީ ޕީޖީއަށް މައްސަލަ ފޮނުވުމަށްފަހު މި މައްސަލައާ ގުޅޭ އިތުރު މައުލޫމާތު ހިއްސާކުރުމަށް ނޫސްވެރިންގެ ބައްދަލުވުމެއް ބާއްވާނެ ކަމަށެވެ.

މަހުމޫދު މަރާލީ އޭނާގެ އަތުން ފައިސާ ހޯދުމުގެ ބޭނުމުގައެވެ. ސާލިމް، މަހުމޫދު މަރާލީ އޭނާ ދިރިއުޅޭ "ނެދުންގެ"އަށް ގެންދިއުމަށް ފަހުގައެވެ. އޭނާ ވަނީ މަހުމޫދު އެގެއަށް ގެންގޮސް ފައިސާއަށް އެދިފައެވެ. އަދި ފައިސާ ނުދިނުމުން ހިނގި ހަމަނުޖެހުމެއްގައި މަހުމޫދު މަރާލީ ކަމަށް ފުލުހުންގެ ތަހުގީގަށް އެނގިފައިވެއެވެ.

މަހުމޫދުގެ ގައިގެ އެތަން މިތަނަށް ސާލިމް ވަނީ ވަޅި ހަރާފައެވެ. އަދި މަހުމޫދު މަރާލުމަށްފަހު ސާލިމް ވަނީ މަހުމޫދުގެ ބޮލަށާއި ފަޔަށް ގޯންޏެއް އަރުވާފައެވެ. އަދި އޭނާ ދިރިއުޅޭ ނެދުންގޭގެ ބިއްދޮށުގައި ހުންނަ ފަޅުގޭގެ ވަޅުތެރެއަށް މަހުމޫދު ވައްޓާލީ ފާރުމަތިން މަހުމޫދު ބޭރަށް ވައްޓާލުމަށްފަހު ނަގައިގަނެގެން ގެންގޮހެވެ. މި ހުރިހާ ކަމެއްގައި ވެސް ސާލިމް ފިޔަވާ އިތުރު މީހަކު ޝާމިލު ނުވާކަން ތަހުގީގަށް އެނގިފައިވެއެވެ.

މަހުމޫދު ގެއްލުނު ރޭ އޭނާގެ ވޮލެޓުގައި ފަންސަވީސް ހާހާއި ތިރީސްހާހާ ދެމެދުގެ އަދަދެއްގެ ފައިސާ ހުންނާނެކަމަަށް އާއިލާއިން ލަފާ ކުރެއެވެ.

ފުލުހުން ނެރުނު ބަޔާނުގައި ވެސް ބުނެފައިވަނީ މަހުމޫދުގެ ފޯނާއި މަހުމޫދުގެ އައިޑީކާޑު ފުލުހުންގެ ތަހުގީގަށް ހޯދިފައިވާ ކަމަށެވެ. އަދި އެތަކެތި ހުރީ ނެދުންގޭ ތެރޭގައި ވަޅުލައިފައި ކަމަށް ވެސް ފުލުހުންގެ ބަޔާނުގައި ވެއެވެ.

މަހުމޫދުގެ މަރާ ގުޅިގެން ސާލިމާ ދޭތެރޭ ޝައްކު އުފެދުނީ މަހުމޫދު ގެއްލުނު ރޭ އެގޭ ކައިރިން އިވުނު އަޑުތަކުންނާއި މީހަކަށް ފެނުނު މަންޒަރަކުންނެވެ. އެ ގޮތުން އެ ރޭ 9:30ހާއިރު އެގޭ ކައިިރިން ހިނގައިފައި ދިޔަ އަންހެނަކަށް މީހަކު ހަޅޭއް ލަވާ ކަހަލަ އަޑެއް އިވުނެވެ. އަދި އޭނާ ބޯދިއްކޮށް ބަލާލިއިރު މީހެއްގެ ދެފައިގައި ހިފައިގެން ގެންދާ ފަދަ މަންޒަރެއް ވަނީ ސިފަވެފައެވެ.

އެކަންކަމާ ގުޅިގެން މީހަކު ސާލިމަށް ގުޅާ ވަނީ ސުވާލު ވެސް ކޮށްފައެވެ. އޭނާ ބުނީ ބުޅަލެއް މަރާލީ ކަމަށެވެ.

comment ކޮމެންޓް