ނައިންޓީނައިން: ކޮންމެ ނަމާދަކަށް ބަންދުކުރާ ނަމޫނާ ކެފޭއެއް

ނައިންޓީނައިން ކެފޭގެ ދެންނެވުމެއް

ޝަހާދަތުގެ ދެކަލިމައަށް ފަހު އަދާކުރަން ޖެހޭ އެންމެ މުހިންމު ވާޖިބަކީ، ފަރުޟު ފަސް ނަމާދު، އެ ނަމާދުތަކުގެ ވަގުތުގައި އަދާކުރުމެވެ. ނަމާދުތައް ވަގުތަށް އަދާކުރެވޭ ނަމަ، މީހާގެ އެހެން ކަންކަން ރަނގަޅުމަގުން ގެންދަން ފަސޭހަވާނެއެވެ.

ނަމާދު ކުރަންވާނީ ތިމާ ކުރަން ހުރި ހުރިހާ ކަމެއް ނިންމާފައެއް ނޫނެވެ. އަދި ބަންގި ގޮވާއިރު ތިމާ ކުރަން ހުރި ކަންކަން ނިންމާފައެއް ވެސް ނޫނެވެ. އެކަންކަން މެދުކަނޑާލާފައެވެ. ހުއްޓާފައެވެ. ނަމާދު ވަގުތުގައި އަދާކުރުމަކީ އެއީއެވެ.

ކެފޭ ހުޅުވިތާ ހަތަރު މަސް ވި، ނ. ލަންދޫ ނައިންޓީނައިން ކެފޭ އިން މި މަސް ފެށުނު ފަހުން ގަވާއިދެއް ހެދިއެވެ. އެއީ ކޮންމެ ނަމާދު ވަގުތެއް ޖެހުމުން 20 މިނެޓަށް ކެފޭ ބަންދު ކުރުމެވެ. އެއީ ނަމާދު ވަގުތުގައި ގިނަ ޒުވާނުން ކެފޭގައި ތިބޭތީއާއި ކެފޭގެ މުވައްޒަފުންނަށް ވަގުތަށް ނަމާދަށް ދިއުމަށް ޓަކައި ހުޅުވައިދިން ދޮރެއް ކަމަށް ނައިންޓީނައިންގެ ވެރިފަރާތް ކަމަށްވާ ނައުޝާދު އަބްދުއްރަހީމް ބުންޏެވެ.

ނައިންޓީނައިން ކެފޭ-- ފޮޓޯ/ނައުޝާދު އަބްދުއްރަހީމް

އޭނާ ބުނީ، މިގޮތަށް ބަދަލު ކުރުމުން، ނަމާދު ވަގުތު ފާއިތުވާން ވާއިރަށް އަވަސް އަރުވާލައިގެން ނަމާދު ކުރުމުގެ ބަދަލުގައި ހަމަޖެހިގެން ޖަމާއަތުގައި ނަމާދު ކުރެވުމުގެ އުފާ ހާސިލުވާ ކަމަށެވެ.

ފަންސާސް ފޫޓް 60 ފޫޓުގެ ނައިންޓީނައިން ކެފޭއިން ނަމާދު ވަގުތަށް ހިދުމަތް މެދުކަނޑާލާ އުސޫލު ތަންފީޒު ކުރެވޭތީ ނައުޝާދު ހުރީ ވަރަށް ހިތްހަމަ ޖެހިފައެވެ. އޭނާ ބުނާގޮތުން މިކަމާ ގުޅިގެން ރަށުގެ ގިނަ ބައެއްގެ ޕޮޒިޓިވް ކޮމެންޓް ލިބެއެވެ. ދުރުގައި އުޅޭ ރައްޓެހިންނަށް މި ހަބަރު ލިބުމުން ގުޅާފައި ނައުޝާދަށް ހިތްވަރު ދެއެވެ. އެގޮތުގައި ސާބިތުވެ ހުރުމަށް ނަސޭހަތް ދެއެވެ.

ނައުޝާދަށް ލިބޭ ހިތްހަމަޖެހުމަކީ ނަމާދު ވަގުތު، ނަމާދު އަޅާފައި ޒުވާނުން ކެފޭގައި ނުތިބޭކަމެވެ.

"ވަރަށް ގިނަ ފަރާތްތަކުން ގުޅި. ރަށުން ބޭރުގަ ތިބޭ ރައްޓެހިންވެސް ގުޅާފަ ބުނި ވަރަށް ރަނގަޅު ކަމެކޭ، ވަރަށް ހިތްހަމަ ޖެހެއޭ. ރާއްޖޭގަވެސް ވަރަށް ނުފެންނަ މަންޒަރެކޭ ކެފޭ ތަކުގަ މިގޮތަށް ނަމާދު ވަގުތަށް މެދުކަނޑާލުމަކީ،" ނައުޝާދު ބުންޏެވެ.

ތެދެކެވެ. ރާއްޖޭގައި ނަމާދު ވަގުތަށް މެދުކަނޑާލާ ކެފޭ ރެސްޓޯރެންޑް ނިސްބަތުން މަދެވެ. އެހެންކަމުން ނައުޝާދުގެ އެދުމަކީ އެހެން ރަށްރަށުގެ ކެފޭ ތަކުންވެސް ނަމާދު ވަގުތަށް ބަންދުކޮށް، އަޅުކަން ވަގުތުގައި އަދާކުރުމަށް އިސްކަން ދިނުމެވެ.

"ބޭނުންވޭ ހުރިހާ ތަނެއްގަވެސް މިގޮތަށް އަމަލު ކުރަން. އަސްލު ހަގީގަތުގަ ނަމާދު އޭގެ ވަގުތުގަ ކުރީމަ ވިޔަފާރީގަ ބަރަކާތް ވެސް ލައްވާނީ،" ނައުޝާދު ބުންޏެވެ.

ހުރިހާ ކެފޭތަކުން ވެސް މިގޮތަށް އަމަލު ކުރަން ފެށުން އެއީ އޭނާގެ އުންމީދެވެ. ނައިންޓީނައިން ކެފޭ އެކޭ އެއްގޮތަށް ރާއްޖޭގެ ހުރިހާ ކެފޭއަކުންވެސް ނަމާދު ވަގުތު ތަކުގައި ކެފޭ ބަންދުކޮށް ޖަމާއަތިގައި ބައިވެރި ވުމެވެ.

"ގެއްލިގެން ދާނެ އެއްޗެއް ނޫނޭ އެވަގުތުކޮޅަށް ބަންދުކޮށްލިއަސް،" ކެފޭތަކުގެ އޯނަރުންނަށް ނާޝިދުގެ ފަރާތުން އޮތް މެސެޖަކީ އެއީއެވެ.

comment ކޮމެންޓް