ޓިޕް ޓިޕް ބަރްސާ ޕާނީ ލަވާގައި ބަތަލާއެއްގެ ރޯލު ރަވީނާ ޓަންޑަނަށް ނުލިބެންވީ ކީއްވެ؟

ޓިޕް ޓިޕް ބަރްސާ ޕާނީ މި ލަވައިގެ އޮރިޖިނަލް ވާޝަން އިން ބަތަލާއެއްގެ ރޯލުން ފެނިގެން ދިޔަ ތަރިއަކީ ރަވީނާއެވެ. އަދި ބަތަލެއްގެ ރޯލުން ފެނިގެން ދިޔައީ އަކްޝޭ ކުމާރެވެ. އެ ލަވަ އަނެއްކާވެސް ބެލުންތެރިންނާ ހަމައަށް ގެނެސްދިނީ ހިންދީ ފިލްމް ސޫރްޔާވަންޝީގައި ހިމެނޭ ލަވައެއް ގޮތުގައެވެ.

އަކްޝޭއާއެކު ފަހުގެ ލަވައިގެ ބަތަލާއެއްގެ ރޯލުން ފެނިގެންދިޔައީ ބޮލީވުޑްގެ މަޝްހޫރު ތަރި ކެޓްރީނާއެވެ. އޮރިޖިނަލް ލަވަ ނެރުނުތާ 27 އަހަރު ފަހުން އަނެއްކާވެސް ބަދަލުތަކާއެކު މި ލަވަ ބެލުންތެރިންނާ ހަމައަށް ގެނެވުނުއިރު އަކްޝޭގެ އުމުރުން 54 ވީއިރު އޭނާއަށްވުރެ 7 އަހަރު ހަގު ރަވީނާއަށް އެ ލަވައިގެ ބަތަލާގެ ރޯލު ނުދިނީ ކީއްވެތޯ ސުވާލު އުފެދެއެވެ.

ރޯހިތު ޝެޓީގެ ފިލްމް ސޫރްޔާވަންޝީގައި އެ ލަވަ ހިމެނޭއިރު ލަވައިގެ ލިރިކްސްއާއި ރާގާއި ސްޓެޕްތައް ދާދި އެއްގޮތެވެ. ހަމައެކަނި ތަފާތަކަށް ފެނިގެންދިޔައީ އަކްޝޭއާއެކު ބަތަލާގެ ރޯލު އަދާކުރަމުންދިޔަ ތަރިއެވެ. އެއީ ރަވީނާގެ ބަދަލުގައި ކެޓްރީނާ އެ ލަވައިން ފެނުމެވެ.

ހިންދީ ފިލްމް އިންޑަސްޓްރީގައި ދުވަސްވީ އަންހެން ތަރިންނާ މިހާރުގެ ތަރިންގެ މެދުގައި ތަފާތުކުރުންތައް ގެންގުޅޭކަމަށް ގިނަ ބަޔަކު ގަބޫލުކުރެއެވެ. އަދި ދުވަސްވީ އަންހެން ތަރިންނާއި ފިރިހެން ތަރިންގެ މެދުގައިވެސް ގިނަ ތަފާތުކުރުންތައް ގެންގުޅެއެވެ.

ގިނަ ބަޔަކު ގަބޫލުކުރާ ގޮތުގައި ބޮލީވުޑް އެކްޓްރެސްއިން ކައިވެނިކޮށް ދަރިއަކު ލިބިއްޖެނަމަ އޭނާ އެ ހިމެނުނީ މަންމައިންގެ ލިސްޓްގައެވެ. އަދި އެކްޓްރެސް ކިތަންމެ ހުނަރުވެރިވެފައި މޮޅުނަމަވެސް އެހާ ހިސާބުން އޭނާ ލީޑް ރޯލަކުން ފެނިގެން ދިޔުމަކީ ވަރަށް ނާދިރު ކަމެއް ކަމުގައި ގިނަ ބަޔަކު ގަބޫލު ކުރެއެވެ. ނަމަވެސް ފިރިހެން އެކްޓަރެއް ނަމަ ލީޑްރޯލުން ޖާގަ ދޭކަށް ފަހެއް ނުޖެހެއެވެ.

މިގޮތަށް ރަވީނާ ޓަންޑަނަކީވެސް ހުނަރުވެރި މޮޅު އެކްޓްރެސްއަކަށް ވީ ނަމަވެސް އޭނާ އެންމެ ފަހުން ފެނިގެން ދިޔައީ ކޮން ފިލްމަކުން ކޮން އަހަރަކުތޯ ސުވާލު އުފެދެއެވެ. އޭނާ އެންމެ ފަހުން ފެނިގެން ދިޔައީ 2017 ވަނަ އަހަރު ނުކުތް "މާތުރް" ފިލްމުންނެވެ. ރަވީނާއެކޭ އެއްފަދައިން ހުނަރުވެރި އެތައް މޮޅު އެކްޓްރެސްއިން އިންޑަސްޓްރީގައި ބާކީކޮށްފައިވާކަމަށް ގިނަ ބަޔަކު ބުނެއެވެ. އޭގެ ތެރޭގައި ޝިލްޕާ ޝެޓީ، އައިޝާ ޖުލްކާ، ކަރިޝްމާ ކަޕޫރު އަދި މަމްތާ ކުލްކަރްނީއާއި މިނޫންވެސް އެކްޓްރެސްއިން ހިމެެނެއެވެ.

ޓިޕް ޓިޕް ބަރްސާ ޕާނީ މި ލަވާގައި ފެނިގެންދިޔަ އަކްޝޭ ކުމާރުގެ އުމުރުން 54 އަހަރު ވެފައި ވާއިރު ކެޓްރީނާގެ އުމުރަކީ 38 އަހަރެވެ. އިންޑިއާގެ ހަބަރުތައް ބުނާގޮތުން ލަވައިގެ ބަތަލާގެ ރޯލަށް އުމުރުގެ ގޮތުންނާއި ހުނަރުގެ ގޮތުން އެންމެ އެކަށީގެންވަނީ ރަވީނާއާއެވެ. އެ ލަވާގައި ރަވީނާ ނުފެނި އަކްޝޭ ފެނުމުން ގިނަ ބަޔަކު ވަނީ ބޮލީވުޑުގެ ތަފާތުކުރުންތައް ފެންނާތީ އެކަމަށް ވަރަށް ބޮޑަށް ފާޑު ކިޔާފައެވެ.

comment ކޮމެންޓް