ވީއައިއޭ ޕޯސްޓް ޝޮޕުން ބަސް ކާޑު ދޫކުރަން ފަށައިފި

އެމްޓީސީސީ ބަސް: ސަން ފޮޓޯ/ ފަޔާޒު މޫސާ

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ)ގައި ހުންނަ ޕޯސްޓް ޝޮޕުން ބަސް ކާޑު ދޫކުރަން ފަށައިފިއެވެ.

މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ)އިން ބުނީ، މިއަދުން ފެށިގެން ކޮންމެ ދުވަހެއްގެ ހެނދުނު 10:00ން ރޭގަނޑު 11:00ށް ޕޯސްޓު ޝޮޕުން ބަސް ކާޑުގެ ހިދުމަތް ދޭނެ ކަމަށެވެ.

އެގޮތުން ޕޯސްޓް ޝޮޕުން "އެމްޓީސީސީ ބަސް ދަތުރު ކާޑު" ވިއްކުމާއި ބަސް ދަތުރު ކާޑު ރީލޯޑު ކޮށްދިނުމުގެ އިތުރުން ސިންގަލް ޖާނީ ޓިކެޓް ލިބޭނެ އިންތިޒާމު ހަމަޖައްސާފައިވާ ކަމަށް އެ ކުންފުނިން ބުންޏެވެ.

މީގެ އިތުރުން، އެކަމާ ގުޅޭ އިތުރު މައުލޫމާތު ހޯދަން ބޭނުންވާ މީހުންނަށް، އެމްޓީސީސީގެ ވެބްސައިޓުންނާއި އެމްޓީސީސީގެ ބަސް އެޕްލިކޭޝަނުން ނުވަތަ ކޯލް ސެންޓަރު ނަންބަރު 1650ށް ގުޅައިގެން މައުލޫމާތު ލިބޭނެކަމަށް އެ ކުންފުނީގެ އިއުލާނުގައިވެއެވެ.

ބަސް ކާޑު ހޯދުމަށާއި ކާޑަށް ރުފިޔާ އެޅުމުގެ ހިދުމަތް މިހާރު މާލެއިން ދެނީ ހެންވޭރު ފެރީ ޓާމިނަލާއި މާފަންނު ފެރީ ޓާމިނަލާއި ވިލިނގިލި ފެރީ ޓާމިނަލާއި މާފަންނު ބަސް ޓާމިނަލުންނެވެ. އަދި ހުޅުމާލެއިން ބަސް ކާޑުގެ ހިދުމަތް ދެނީ ހުޅުމާލެ ފެރީ ޓާމިނަލާއި ފަހި ޕްލާޒާ ފިހާރައިންނެވެ.

މީގެ އިތުރުން ހުޅުމާލޭ ދެވަނަ ފިޔަވަހީގެ ހިޔާ ސްޓޮޕް ވަން ކައުންޓަރުންވެސް ބަސް ކާޑު ލިބެން ހުންނާނެއެވެ.

comment ކޮމެންޓް