ޕެންޑެމިކްގެ ފަހުން ފުރަތަމަ ފަހަރަށް އިމްޕޯޓު ކުރި އަދަދު 3.7 ބިލިއަން ހުރަސްކޮށްފި

މާލޭ ވިޔަފާރި ބަނދަރު -- ފޮޓޯ: ކަސްޓަމްސް

ކޮވިޑް-19 ޕެންޑެމިކްގެ ފަހުން ފުރަތަމަ ފަހަރަށް ރާއްޖެއަށް އެތެރެ ކުރި މުދަލުގެ އަގު 3.7 ބިލިއަން ރުފިޔާ ހުރަސްކޮށްފިއެވެ.

ޕެންޑެމިކްއާ ގުޅިގެން މިދިޔަ އަހަރުގެ އޭޕްރީލް މަހު މާލެ ސަރަހައްދު ލޮކްޑައުން ކުރުމާއެކު ރާއްޖޭގެ އިމްޕޯޓަށް ބޮޑު ހީނަރުކަމެއް ކުރިމަތިވިއެވެ.

ލޮކްޑައުން ކުރުމުގެ ކުރިން މިދިޔަ އަހަރުގެ ފުރަތަމަ ތިން މަހު ރާއްޖެއަށް އެތެރެ ކުރި މުދަލުގެ އަގު ހުރީ ކޮންމެ މަހަކު ވެސް ތިން ބިލިއަނުން މަތީގައެވެ.

  • ޖެނުއަރީ: 3.7 ބިލިއަން ރުފިޔާ
  • ފެބްރުއަރީ: 3.5 ބިލިއަން ރުފިޔާ
  • މާޗު: 3.1 ބިލިއަން ރުފިޔާ

ކަސްޓަމްސްގެ އެންމެ ފަހުގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި ހުސްވި އޮކްޓޫބަރު މަހު ރާއްޖެއަށް އެތެރެ ކުރި މުދަލުގެ ސީއައިއެފް އަގު 3.8 ބިލިއަން ރުފިޔާއަށް އަރައެވެ. މިދިޔަ އަހަރުގެ އޮކްޓޫބަރު މަހު އެތެރެކުރީ ދެ ބިލިއަން ރުފިޔާގެ މުދަލެވެ. އެހެން ކަމުން މިއީ 89 ޕަސެންޓުގެ އިތުރުވުމެކެވެ.

މިއީ ފާއިތުވެދިޔަ 22 މަސް ދުވަހުގެ ތެރޭގައި ރާއްޖެއަށް އެންމެ ގިނައިން މުދާ އެތެރެ ކުރި މަހެވެ.

އިމްޕޯޓު އިތުރުވި ނަމަވެސް، މިދިޔަ އަހަރުގެ އޮކްޓޫބަރު މަހާ އަޅާބަލާއިރު މިއަހަރުގެ އެ މުއްދަތުގައި ކަސްޓަމްސްއިން ދައުލަތަށް ލިބުނު އާމްދަނީ 31 ޕަސެންޓު ވަނީ ދަށްވެފައެވެ.

  • އޮކްޓޫބަރު 2020ގެ އާމްދަނީ: 424 މިލިއަން ރުފިޔާ
  • އޮކްޓޫބަރު 2021ގެ އާމްދަނީ: 294 މިލިއަން ރުފިޔާ

މިދިޔަ މަހު ރާއްޖެއަށް އެންމެ ގިނައިން މުދާ އެތެރެކުރީ؛

  • އޮމާން (512 މިލިއަން ރުފިޔާ)
  • އިންޑިއާ (490 މިލިއަން ރުފިޔާ)
  • ޔޫއޭއީ (438 މިލިއަން ރުފިޔާ)
  • ޗައިނާ (437 މިލިއަން ރުފިޔާ)
  • ސިންގަޕޫރު (385 މިލިއަން ރުފިޔާ)

ކަސްޓަމްސްއަށް ލިބުނު އާމްދަނީގެ އިތުރުން މިދިޔަ މަހު ރާއްޖޭގެ އެކްސްޕޯޓު ވެސް ވަނީ މިދިޔަ އަހަރުގެ އެ މުއްދަތާ އަޅާބަލާއިރު ދަށްވެފައެވެ.

މިދިޔަ އަހަރު ރާއްޖެއިން އެކްސްޕޯޓު ކުރި މުދަލުގެ އެފްއޯބީ އަގަކީ 309 މިލިއަން ރުފިޔާއެވެ. މިއަހަރުގެ އެ މުއްދަތުގައި އެކްސްޕޯޓު ކުރި މުދަލުގެ އަގު 252 މިލިއަން ރުފިޔާއަށް ވަނީ ދަށްވެފައެވެ. މިއީ 18 ޕަސެންޓުގެ ހީނަރުކަމެކެވެ.

މިދިޔަ މަހު ރާއްޖެއިން އެންމެ ގިނައިން މުދާ އެކްސްޕޯޓު ކޮށްފައިވަނީ ތައިލެންޑު، ޖަރުމަންވިލާތް، ފަރަންސޭސިވިލާތް، އިނގިރޭސިވިލާތް އަދި ނެދަލެންޑްސްއަށެވެ.

comment ކޮމެންޓް