ވަގުތުން ބިލު ލިބޭ ހިދުމަތް ފެނަކައިން ތައާރަފް ކޮށްފި

ވަގުތުން ބިލް ޕްރިންޓް ކުރާ ހިދުމަތް ތައާރަފްކޮށްދެއްވަނީ ----

މީޓަރުން ރީޑިންގ ނަގާލުމަށްފަހު ވަގުތުން ބިލު ހަވާލުކުރާނެ ހިދުމަތެއް ފެނަކަ ކޯޕަރޭޝަނުން ތައާރަފްކޮށްފިއެވެ.

އެ ހިދުމަތް މުޅި ރާއްޖެއަށް ތައާރަފްކޮށްފައިވަނީ, ގދ. ފަރެސްމާތޮޑާގައި އިއްޔެ ބޭއްވި ރަސްމިއްޔާތެއްގައެވެ. ހިދުމަތް އިފްތިތާހްކޮށްދެއްވީ, ހެލްތު މިނިސްޓަރު އަހްމަދު ނަސީމާއި ހައުސިންގ މިނިސްޓަރު މުހައްމަދު އަސްލަމެވެ.

ވަގުތުން ބިލް ޕްރިންޓް ކުރާ ހިދުމަތް އިފްތިތާހްކޮށްދެއްވައި ވާހަކަ ދައްކަވަމުން, ފެނަކަ ކޯޕަރޭޝަންގެ މެނޭޖިންގ ޑިރެކްޓަރު އަހްމަދު ސައީދު މުހައްމަދު ވިދާޅުވީ, އެ ހިދުމަތުގެ ސަބަބުން މަސައްކަތްތަކަށް ހަލުވި ކަމެއް ގެނެސްދީ ރައްޔިތުންގެ އިތުބާރާއި ޔަގީންކަން ކަށަވަރު ވެގެންދާނެ ކަމަށެވެ.

"ފެނަކައިގެ ހަޔާތުގައި އުފާވެރި ތާރީހީ ދުވަހެއް މިއަދު މިއީ އަދި އަޅުގަނޑަށް އުފާވެރިކަން ގެނުވި ދުވަހެއް," ސައީދު ވިދާޅުވިއެވެ.

ވަގުތުން ބިލް ޕްރިންޓްކުރާ ހިދުމަތާ އެކު, ބިލުތަކުގައި ދިމާވާ މައްސަލަތައް ދެނެގަނެ އެކަމަށް ހައްލެއް ލިބިގެންދާނެ ކަމަށް ފެނަކައިން ވަނީ ބުނެފައެވެ.

ފެނަކައިން ތައާރަފް ކުރި ހިދުމަތާ އެކު ގެތަކުގައި ބަހައްޓާފައި ހުންނަ މީޓަރުން ރީޑިންގ ނެގުމަށްފަހު, ވެރިފަރާތައް ވަގުތުން ބިލު ހަވާލުކުރެވޭނެއެވެ. އަދި ފެނަކަ ބިލް ޕޭ އެޕްލިކޭޝަން މެދުވެރިކޮށް ބިލަށް ވަގުތުން ފައިސާ ދައްކާލެވޭނެ ކަމަށް ވެސް އެ ކުންފުނިން ވަނީ ބުނެފައެވެ.

comment ކޮމެންޓް