މަރުހޫމް މުހައްމަދު ރަޝީދު (ކޮޕީ މުހައްމަދު ރަޝީދު)ގެ ހަނދާނުގައި ދިވެހިބަހުގެ އެކެޑަމީގައި ތައުޒިޔާގެ ދަފްތަރެއް ހުޅުވައިފިއެވެ.
ދިވެހިބަހާއި އަދަބިއްޔާތުގެ ދާއިރާއިން ގައުމަށް ގިނަގުނަ ހިދުމަތްތަކެއް ކޮށްދީފައިވާ، ކޮޕީ ރަޝީދު އަވަހާރަވީ ސްޓްރޯކެއް ޖެހިގެން، މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ އޭޑީކޭ ހޮސްޕިޓަލުގައި ފަރުވާ ހޯއްދަވަމުން އަންނަނިކޮށެވެ.
ކޮޕީ ރަޝީދުގެ ހަނދާނުގައި ހުޅުވި އެ ދަފުތަރުގައި ލިޔުމާއި ސޮއި ކުރުން އޮންނާނީ މި މަހުގެ 14 ވާ އާދިއްތަ ދުވަހުން ފެށިގެން 30 ވަނަ ދުވަހުގެ ނިޔަލަށް، ދިވެހިބަހުގެ އެކެޑަމީގައެވެ.
އެކެޑަމީ އިން ބުނީ ދަފްތަރުގައި ސޮއި ކުރުމާއި ލިޔަން ބޭނުންވާ އެންމެހާ ފަރާތްތަކަށް ފުރުސަތު ހުޅުވާލާފައިވާ ކަމަށާއި އެ ދަފްތަރުގައި ލިޔުމާއި ސޮއި ކުރުން ކުރިއަށް ދާނީ ބަންދު ނޫން ކޮންމެ ދުވަހެއްގެ ހެނދުނު 9:00 އިން ފެށިގެން މެންދުރު 13:30ށް ދިވެހިބަހުގެ އެކެޑަމީގައި ކަމަށެވެ.
އުމުރުން 18 އަހަރުގައި ދިވެހި ބަހާއި އަދަބިއްޔާތުގެ ދާއިރާއަށް ވަދެވަޑައިގެންނެވި ރަޝީދު ވަނީ، ދިވެހިބަހާއި އަދަބިއްޔާތުގެ ދާއިރާއިން މިދިޔަ އަހަރު ޝަރަފުވެރިކަމުގެ ގައުމީ އިނާމު ވެސް ހާސިލްކުރައްވައިފައެވެ.
ކޮޕީ ރަޝީދަކީ ދިވެހިބަހާއި އަދަބިއްޔާތަށް، ހާއްސަކޮށް ޅެންވެރިކަމުގެ ރޮނގުން ވަރަށްގިނަ ހިދުމަތްތަކެއް ކޮށްދެއްވައިފައިވާ ބޭފުޅެކެވެ. ދިވެހި ޅެން ހެދުމުގެ ރޮނގުން 2005 ވަނަ އަހަރު މުހައްމަދު ރަޝީދަށް ވަނީ އާންމު ހިދުމަތުގެ ހިތްވަރު ދިނުމުގެ އިނާމު ލިބިވަޑައިގެންފައެވެ.
ނޫސްވެރިކަމުގައި ގިނަ މަސައްކަތްތަކެއް ކުރައްވައިފައިވާ ކޮޕީ ރަޝީދު ވަނީ މޯލްޑިވްސް މީޑިއާ ކައުންސިލުން ދޭ ނޫސްވެރިކަމުގެ ލައިފްޓައިމް އެޗީވްމެންޓް އެވޯޑު 2018 ވަނަ އަހަރު ކާމިޔާބުކުރައްވައިފައެވެ.
މުހައްމަދު ރަޝީދު، ތައުލީމީ ދާއިރާއަށް ކޮށްދެއްވައިފައިވާ ހިދުމަތްތަކަކީ ވެސް ފާހަގަކޮށްލެވޭ ހިދުމަތްތަކެކެވެ. މިގޮތުން، މާލޭގެ ވަރަށްގިނަ ސްކޫލް މަދަރުސާތަކުގައި މުދައްރިސެއްގެ ގޮތުން ހިދުމަތް ކުރެއްވިއިރު، މާއްދާއެއްގެ ގޮތުގައި ދިވެހިބަސް ކިޔަވައިދެއްވައިފައި ވެއެވެ.
އޭނާއަކީ ތާނަ އަރަބި ލިޔުމުގެ ރޮނގުންވެސް ވަރަށް މަޝްހޫރު ބޭފުޅެކެވެ. ހާއްސަކޮށް، ބޮޑުއަކުރު ލިޔުއްވުމަކީ، މުހައްމަދު ރަޝީދުގެ ހާއްސަ ފަންނެކެވެ. ދިވެހި ބޮޑު އަކުރު ލިޔަން ދަސްކޮށްދޭ ގިނަ ކޯސްތަކެއް ރަޝީދުވަނީ ހިންގަވައިދެއްވައިފައެވެ.
ތާނަ އަރަބި ލިޔުމުގެ ރޮނގުން 1988 ވަނަ އަހަރު މުހައްމަދު ރަޝީދަށް ވަނީ އާންމު ހިދުމަތުގެ ހިތްވަރު ދިނުމުގެ އިނާމު ލިބިވަޑައިގެންފައެވެ.
މުހައްމަދު ރަޝީދަކީ، 32 އަހަރަށްވުރެ ދިގު މުއްދަތެއްގައި ސަރުކާރަށްވެސް ހިދުމަތް ކުރައްވައިފައިވާ އަދި ތަފާތު މަގާމުތައް ފުރުއްވައިފައިވާ ބޭފުޅެކެވެ.
އެ މަގާމުތަކުގެ ތެރޭގައި، ބ.އަތޮޅު އަތޮޅުވެރިކަމާއި، ދިވެހިބަހާއި ތާރީހަށް ހިދުމަތްކުރާ ގައުމީ މަރުކަޒުގެ އެސިސްޓެންޓް ޓު ދަ ޑިރެކްޓަރުކަމާއި، އެސިސްޓެންޓް ޑިރެކްޓަރުކަން ހިމެނެއެވެ.
މީގެ އިތުރުން މިނިސްޓްރީ އޮފް އެޑިޔުކޭޝަންގެ ފޮތް ޗާޕްކުރާ ބައިގެ ޑެޕިއުޓީ ޑިރެކްޓަރުކަމާއި، ޑިރެކްޓަރުކަމާއި، މިނިސްޓްރީ އޮފް އެޑިޔުކޭޝަންގެ ޑިރެކްޓަރުކަމާއި، ޖުޑީޝަލް ސަރވިސް ކޮމިޝަންގެ އެސިސްޓެންޓް ޑިރެކްޓަރ ޖެނެރަލް ކަމާއި، ޑެޕިއުޓީ ޑިރެކްޓަރ ޖެނެރަލްކަމުގެ މަގާމު ވެސް ވަނީ ފުރުއްވައިފައެވެ.