ބައިނަލް އަގުވާމީ ފުޓުބޯޅަ މެޗަކުން ރާއްޖެ އަތުން މޮޅުނުވާތާ 18 އަހަރު ފަހުން މިއަދު ލަންކާގައި ކުޅުނު މެޗުން ބަންގްލަދޭޝް މޮޅުވެއްޖެއެވެ.
ލަންކާގައި މިހާރު ކުރިއަށްދާ މަހިންދަ ރާޖަޕަކްސަ ޓްރޮފީގައި ރާއްޖެ ކުޅުނު ދެވަނަ މެޗުގައި ބަންގްލަދޭޝް އަތުން ރާއްޖެ ބަލިވީ 1-2 ގެ ނަތީޖާއަކުންނެވެ. މި ބައްޔާއެކު ރާއްޖެއަށް މުބާރާތުގައި ކުރިއަށް ދިއުމުގައި ބޮޑު ހުރަހަކާ ކުރިމަތިލާން ޖެހުނު އިރު، މި މެޗަކީ 2003 ވަނަ އަހަރަށްފަހު ބަންގަލްދޭޝް އަތުން ރާއްޖެ ބަލިވި ފުރަތަމަ ފަހެރެވެ.
މީގެ 18 އަހަރު ކުރިން ސާފް ޗެމްޕިއަންޝިޕުގެ ފައިނަލުގައި ރާއްޖެއާއި ބަންގްލަދޭޝް ކުޅުނު މެޗުގައި ޕެނަލްޓީން މޮޅުވެ އެ މުބާރާތް ބަންގްލަދޭޝްއިން ކާމިޔާބުކުރި އިރު، އޭގެ ފަހުން ބަންގްލަދޭޝްއަށް ރާއްޖެ އަތުން މޮޅެއް ލިބިފައެއް ނުވެއެވެ. އެހެން ނަމަވެސް މިއަދުގެ މެޗުން މޮޅުވެ ބަންގްލަދޭޝްއިން ވަނީ ރާއްޖެ އަތުން މޮޅުނުވެ އައުމުގެ ސިލްސިލާއަށް ނިމުން ގެނެސްފައެވެ.
ހަތަރު ގައުމު ވާދަކުރާ މި މުބާރާތުގައި މި ދެ ޓީމުވެސް ކުޅުނު ފުރަތަމަ މެޗުން ވަނީ އެއްވަރުވެފައެވެ. ރާއްޖެ ކުޅުނު ފުރަތަމަ މެޗުގައި މުބާރާތް ބާއްވާ ލަންކާ އަތުން އެއްވަރުވީ 4-4 ގެ ނަތީޖާއަކުންނެވެ. ބަންގްލަަދޭޝް އެއްވަރުވީ ސީޝެލްސް އަތުން 1-1 ގެ ނަތީޖާއަކުންނެވެ. އެހެންކަމުން މުބާރާތުގައި ކުރިޔަށްދިއުމަށް ދެ ޓީމަށްވެސް މިއީ މުހިއްމު މެޗެކެވެ.
މިއަދުގެ މެޗު ފަށައިގެން ބަންގްލަދޭޝްއިން މޮޅަށް ކުޅުނު އިރު، މެޗުގެ ކުރީކޮޅު ލިބުނު ފުރުސަތެއްގައި އެ ޓީމުން ވަނީ ލީޑު ނަގައިފައެވެ. އެ ޓީމުގެ ކުޅުންތެރިއަކު އެއްލި ބޯޅައެއް ރާއްޖޭގެ ޑިފެންޑަރު ހުސެއިން ޝިފާއު ޔޫސުފް (ކުރޯ)ގެ ބޮލުގައި ޖެހިފައި ގޮސް ލިބުނީ ހުސްކޮށް ހުރި ބަންގްލަދޭޝްގެ ކެޕްޓަން ޖަމާލް ބުޔާންއަށެވެ. އޭނާ އެއްފަހަރުން ގޯލަށް ވަނީ ބޯޅަ ވައްދާލައިފައެވެ.
ބަންގްލަދޭޝް ލީޑެއް ނަގާފައިވަނިކޮށް ރާއްޖެއިން ނަތީޖާ ހަމަހަމަކޮށްފައިވަނީ މެޗުގެ 33 ވަނަ މިނެޓުގައެވެ. މި ލަނޑަކީ އަލީ އަޝްފާގު (ދަގަނޑޭ) ނަގައިދިން ކޯނަރެއްގައި އޭރިއާ ތެރޭގައި ހުރި ކެޕްޓަން އަކްރަމް އަބްދުލްޢަނީ ގޯލު ކުރިމައްޗަށް ހުރަސްކޮށްލި ބޯޅައެއްގައި މުހައްމަދު އުމެއިރު ފަސޭހަކަމާއެކު ކާމިޔާބުކުރި ލަނޑެކެވެ.
މި މެޗުގެ ދެވަނަ ހާފުގައި ދެ ޓީމުގެ ފަރާތުން ހަމަހަމަ ކުޅުމެއް ފެނިގެންދިޔައިރު، ބަންގްލަދޭޝްއިން އަލުން ލީޑު ނަގާފައިވަނީ މެޗު ނިމެން ދެ މިނެޓަށް ވެފައި ވަނިކޮށެވެ. ލިބުނު ޕެނަލްޓީއަކުން މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ޓޯޕޫ ބަރްމަންއެވެ. މިއީ އޭރިއާ ތެރެއިން ބަންގްލަދޭޝްގެ ޖެވެލް ރާބާއަށް ރާއްޖޭގެ ޒުވާން ގޯލްކީޕަރު ނާޖިހު އަލީ (ނާޖީ) ކުރި ފައުލަކަށް ރެފުރީ ދިން ޕެނަލްޓީއެކެވެ.