ކޯޕަރޭޓް މޯލްޑިވްސް ބިޒްނަސް އެކްސްޕޯ އަންނަ އަހަރުގެ ޖޫން މަހު ބާއްވަނީ

ރާއްޖޭގެ ވިޔަފާރީގެ ހުރިހާ ދާއިރާތަކެއްގައި ހަރަކާތްތެރިވާ ފަރާތްތަކަށް އަމާޒުކޮށްގެން ބޭއްވި ކޯޕަރޭޓް މޯލްޑިވްސް ބިޒްނަސް އެކްސްޕޯ 2020ގެ ތެރެއިން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ރާއްޖޭގެ ވިޔަފާރީގެ ދާއިރާގައި މަސައްކަތް ކުރާ ހުރިހާ ފަރާތްތަކަށް އަމާޒުކޮށް ބާއްވާ ކޯޕަރޭޓް މޯލްޑިވްސް ބިޒްނަސް އެކްސްޕޯ 2022 އަންނަ އަހަރުގެ ޖޫން މަހުގެ ހަތަކުން އަށަކަށް ބޭއްވުމަށް ނިންމައިފި އެވެ.

މި އަންނަ އަހަރުގެ އެކްސްޕޯގައި ކޯޕަރޭޓް މޯލްޑިވްސްއިން ރާއްޖޭގެ ވިޔަފާރިވެރިންނަށް ހާއްސަކޮށް އޮންލައިން ބީ2ބީ ޕޯޓަލްއެއް ގާއިމް ކުރާނެއެވެ. މި ޕޯޓަލްގައި 100 ގޯލްޑް ކޮމްޕެނީގެ އިތުރުން ފައިދާ ހުރި ނެޓްވޯކިންއަކަށް ބޭނުންވާނެ ހުރިހާ ކަމެއް ފޯރު ކޮށްދެވޭނެއެވެ. މީގެ އިތުރުން، ހައިބްރިޑް މީޓިންގްސް ތަކުގައި ވާޗުއަލް ޕްރޮފައިލް އަދި ވީޑިއޯ ކޯލްގެ ހިދުމަތް މީޓިންތައް ކުރިއަށް ދާއިރު ބޭނުން ކުރެވޭނެއެވެ.

ހަމައެހެންމެ، މި ނެޓްވޯކްގެ ސަބަބުން ޕާޓްނަރުންނަށް އެންމެ ފަހުގެ ހަބަރުތަކާއި ކުރިއަށް އޮތް ހަރަކާތްތަކުގެ ތަފްސީލު ލިބިގެންދާނެއެވެ.

މި އެކްސްޕޯ ކުރިއަށް ދާނީ ދެ ދުވަހުގެ މުއްދަތައް 3،000 އަށް ވުރެ ގިނަ މީޓިން ވިޔަފާރިވެރިންގެ މެދުގައި ތަވާލު ކުރެވިގެންނެވެ.

ކޯޕަރޭޓް ބިޒްނަސް އެކްސްޕޯ 2022ގައި ވިޔަފާރިއާ ގުޅުންހުރި ހަތަރު ސަމިޓެއް ބޭއްވުމަށްވެސް ވަނީ ހަމަޖެހިފައެވެ. އެގޮތުން، އަންހެނުންނަށް ހާއްސަ ސަމިޓަކާއި މޯލްޑިވްސް ޓޫރިޒަމް ޕްރޮފެޝަނަލް ސަމިޓެއްގެ އިތުރުން ވިޔަފާރިވެރިންނަށް ވެސް ހާއްސަ ސަމިޓެއްވެސް ކުރިއަށް ގެންދާނެއެވެ. މީގެ އިތުރުން މޯލްޑިވްސް ފައިނޭންސް ޕްރޮފެޝަނަލް ސަމިޓެއްވެސް ކުރިއަށް ގެންދާނެއެވެ.

މި އެކްސްޕޯގައި 150އަށް ވުރެ ގިނަ ވިޔާފާރިވެރިން ބައިވެރިވެ އައު ވިޔަފާރިތައް އުފަންވުމުގެ ގިނަ ފުރުސަތުތަކެއްވެސް ހުޅުވިގެންދާނެއެވެ. މީގެ އިތުރުން، ބިޒްނަސް ޕްރޮފައިލްތަކާއި އައު އުފެއްދުންތަކާއި ހިދުމަތްތައްވެސް އިތުރު ވިޔަފާރިތަކަށާއި އެކްސްޕޯގައި ބައިވެރިވާ އެހެނިހެން ފަރާތްތަކަށް އިފްތިތާހު ކުރެވޭނެއެވެ.

އޯކާ މީޑިއާ ގްރޫޕުން ބުނެފައިވަނީ މިދިޔަ އަހަރުގެ އެކްސްޕޯގައި 2،000 އަށް ވުރެ ގިނަ ތަޖުރިބާކާރުން ބައިވެރިވިއިރު 60 އަށް ވުރެ ގިނަ ބިޒްނަސް އެކްޒިބިޓަރުން ބައިވެރިވެފައިވާ ކަމަށެވެ.

comment ކޮމެންޓް