މާލޭގައި ކުއްޔަށް ދޫކޮށްފައިވާ ތަންތަނުގެ ކުލި ހޯދުމުގެ މަސައްކަތް ސިޓީ ކައުންސިލުން ފަށައިފި

އޮގަސްޓް 25، 2021: މާލޭ ސިޓީ ކައުންސިލްގެ ފަރާތުން މޭޔަރު ޑރ. މުހައްމަދު މުއިއްޒު ނޫސްވެރިންނާ ބައްދަލުކުރުން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

މާލޭ ސިޓީ ކައުންސިލްގެ ދަށުން އެކި ފަރާތްތަކަށް ކުއްޔަށް ދޫކޮށްފައިވާ ތަންތަނުގެ ކުލި ހޯދުމުގެ މަސައްކަތް ސިޓީ ކައުންސިލުން ފަށައިފިއެވެ.

ސިޓީ ކައުންސިލުން މި މަސައްކަތް ފަށާފައިވަނީ މޯލްޑިވްސް އިންލޭންޑް ރެވެނިއު އޮތޯރިޓީ (މީރާ)އިން ސިޓީ ކައުންސިލަށް ސިޓީއެއް ފޮނުވުމާ ގުޅިގެންނެވެ. އެއާއެކު ސިޓީ ކައުންސިލުން ވަނީ އިއްޔެ ކައުންސިލްގެ ބައްދަލުވުމެއް ބާއްވައި މަޝްވަރާކޮށްފައެވެ.

މާލޭ ސިޓީ ކައުންސިލްގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު "ސަން"އަށް ވިދާޅުވީ ވޭތުވެ ދިޔަ ހަތަރުވަރަކަށް އަހަރުގެ ތެރޭ މާލޭގެ ބިންތައް ކުއްޔަށް ދޫކޮށްފައިވާކަމަށެވެ. އަދި ލިބެންޖެހޭ ގިނަ އަދަދެއްގެ ފައިސާ ވެސް ވާނެކަމަށެވެ.

"ދެން އެ ފައިސާ ހޯދުމުގެމަސައްކަތް މި ކުރަނީ މީރާއިން. މީރާގެ ބަދަލުގައި އަޅުގަނޑުމެން އެ މަސައްކަތްކުރުމަށް މީރާއިން އެދުނީ. ދެން އަޅުގަނޑުމެން އެ މަސައްކަތްކުރުމަށް މި ނިންމީ،" މުއިއްޒު ވިދާޅުވިއެވެ.

މޭޔަރު ވިދާޅުވީ މިހާރު ވެސް ލިބެންޖެހޭ އެތައް މިލިއަން ރުފިޔާއެއް އަދިވެސް ނުލިބި ހުރިކަމަށެވެ. އަދި އެއީ މާލޭ ސިޓީ ކައުންސިލްގެ ހިދުމަތްތަކަށް ބޭނުންވާ ފައިސާކަމަށް ވިދާޅުވިއެވެ. އަދި އެ ފައިސާ ލިބިއްޖެނަމަ ކައުންސިލަށް މާލޭގެ ރައްޔިތުންނަށް މިހާރަށްވުރެ ގިނަ ހިދުމަތްތައް ދިނުމަށް ފަސޭހަވެގެންދާނެކަަމަށް ވެސް ވިދާޅުވިއެވެ.

"އޭގެ ތެރޭގައި މިހުރީ ކައުންސިލްގެ ބިންތައް. އަމިއްލަ ފަރާތްތަކަށް ދޫކުރި ބިންތަކާއި، ސަރުކާރުގެ މުއައްސަސާތަކަށް ދީފައި ހުރި ބިންތައް. މިސާލަކަށް ސްޓެލްކޯއިން އެބައޮތް ފަސްދޮޅަހަކަށް މިލިއަން ރުފިޔާގެ ކުލި ނުދައްކާ. އެމްޑަބްލިއުއެސްސީން ވެސް އެބަހުރި ދައްކަންޖެހޭ ފައިސާ،" މުއިއްޒު ވިދާޅުވިއެވެ.

އޭނާ އިތުރަށް ވިދާޅުވީ ސިޓީ ކައުންސިލުން ވެސް ބައެއް ފަރާތްތަކަށް ދައްކަން ޖެހޭ ފައިސާ ހުންނާނެކަމަށެވެ. އަދި އެ ފައިސާ ދެއްކުމުގެ މަސައްކަތް ކައުންސިލުން ކުރާނެކަމަށް މުއިއްޒު ވިދާޅުވިއެވެ. އޭނާ ވިދާޅުވީ އެކަށީގެންވާ ރަނގަޅު ހިދުމަތެއް ފޯރުކޮށްދިނުމަށް ޓަކައި ރަނގަޅު ބަޖެޓެއް އޮތުމަކީ މުހިންމުކަމެއްކަމަށެވެ. އަދި އެއީ އެ މަސްއްކަތުގެ ދަށުން ކުރާ ކަމެއްކަމަށް ވެސް މުއިއްޒު ވިދާޅުވިއެވެ.

comment ކޮމެންޓް