ކުއްޖަކު ރަހީނުކޮށް މަރާލި މައްސަލަ: ދައުވާ ލިބޭ 17 އަހަރުގެ ކުއްޖާ ގޭ ބަންދަށް

13 އަހަރުގެ ކުއްޖާގެ ހަށިގަނޑު ފެނުނު ސަރަހައްދު ފުލުހުން ބަންދުކޮށްފައި ----

މިދިޔަ ޖޫން މަހު ހުޅުމާލެ ފޭސް ދޭއްގައި މަރާލައިފައި، ފޮއްޓަކަށްލުމަށްފަހު އެއްލާލައިފައި އޮއްވާ ފެނުނު 13 އަހަރުގެ ކުޑަކުއްޖާގެ މައްސަލައިގައި ދައުވާލިބޭ 17 އަހަރުގެ ކުއްޖާ ގޭ ބަންދަށް ބަދަލުކޮށްފިއެވެ.

އެ މައްސަލައިގައި ހައްޔަރުކުރި 17 އަހަރުގެ ކުއްޖާއަށް ކޮށްފައިވަނީ ގަސްތުގައި މީހަކު މެރުމުގެ ދައުވާއެވެ. ޖުވެނައިލް ކޯޓުން ބަލަމުންދާ އެ މައްސަލަ ނިމެންދެން އެ ކުއްޖާ ބަންދުކުރުމަށް މީގެ ކުރިން އޮތީ އަމުރެއްކޮށްފައެވެ.

ދައުވާ ލިބޭ 17 އަހަރުގެ ކުއްޖާ ގޭ ބަންދަށް ބަދަލު ކުރުމަށް ޖުވެނައިލް ކޯޓުން ނިންމާފައިވަނީ ކުރީގެ އަމުރު މުރާޖައާ ކުރުމަށްފަހުއެވެ.

އެގޮތަށް ޖުވަނައިލް ކޯޓުން ނިންމީ, އެޗްއާރްސީއެމްއިން ދާދި ފަހުން ނެރުނު ރިޕޯޓަކަށް ރިއާޔަތް ކުރުމަށްފަހުއެވެ. އެ ރިޕޯޓްގައި ބުނެފައިވަނީ, ކުޑަކުދިން ބަންދުކޮށްފައި ބައިތިއްބަން އެކަށީގެންވާ ޖަލެއް މި ވަގުތު ރާއްޖޭގައި ނެތްކަމަށެވެ. އެހެންކަމުން އެކަމަށް ރިއާޔަތްކޮށް ޖުވެނައިލް ކޯޓުން ވަނީ ދައުވާ ލިބޭ ކުއްޖާ ގޭ ބަންދަށް ބަދަލު ކުރުމަށް އަމުރު ކޮށްފައެވެ.

އެޗްއާރުސީއެމްއިން ބުނެފައިވަނީ، އައްސޭރި ޖަލުގައި ހުންނަ ކުޑަކުދިންގެ ޖަލަކީ، ގާނޫނު އަސާސީއާއި ބައިނަލްއަގުވާމީ ގާނޫނުތަކުން ކުދިންނަށް ލިބެންޖެހޭ ހައްގުތަކާއި ރައްކާތެރިކަން ނުލިބޭ ތަނެއްކަން އެ ކޮމިޝަނުން ކުރިއަށްގެންދިޔަ ތަހުގީގަކަށް ފާހަގަކުރެވިފައިވާ ކަމަށެވެ.

އެހެންކަމުން އައްސޭރި ޖަލުގައި އެއްވެސް މައްސަލައަކާ ގުޅިގެން ކުޑަކުދިން ބަންދު ނުކުރުމަށް އެޗްއާރްސީއެމް އިން ވަނީ މޯލްޑިވްސް ކަރެކްޝަނަލް ސާވިސްއަށް އަންގާފައެވެ.

ގއ. މާމެންދޫގައި ހިނގި މާރާމާރީއެއްގައި ވަޅިން ހަމަލާދިނުމުގެ ސަބަބުން މަރުވި އަހުމަދު އުދައްޔުގެ މަރުގެ ދައުވާ ލިބޭ ކުޑަ ކުއްޖާވެސް ވަނީ ކުރިން މީގެ ގޭ ބަންދަށް ބަދަލުކޮށްފައެވެ. އެހެން ކަމުން މިހާރު އައްސޭރި ޖަލުގައި އެއްވެސް ކުޑަ ކުއްޖަކު ނުހުންނާނެއެވެ.

comment ކޮމެންޓް