ލާމަރުކަޒީ ނިޒާމާއެކު އަމިއްލަ ކަންކަމުގައި ބަސް ބުނެ، ރައްޔިތުން ގޮތް ނިންމަށް މަގުފަހިވި ނަމަވެސް، އެ ނިޒާމަކީ ބައިބައިވުމަށް ހުޅުވޭ ދޮރަކަށް ވެގެން ނުވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.
ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި މިރޭ ބޭއްވި ރަސްމީ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ސޯލިހު ވިދާޅުވީ، މީގެ ކުރިން ހިފެހެއްޓިފައި ހުރި މަރުކަޒީ ބާރުތަކަކީ ޖުމްހޫރިއްޔަތު ހެދިފޯދުމަށާއި އަތޮޅުތަކުގެ ކުރިއެރުމާ ތަރައްގީއަށް އޮތް އެންމެ ބޮޑު ގޮންޖެހުން ކަމަށެވެ.
"އަމިއްލަ ކަންކަމުގައި ބަސް ބުނެ ރައްޔިތުންނަށް ގޮތް ނިންމަން ޖެހޭ. އެކަމަށް އެޅޭ ކޮންމެ ހުރަހަކީ ޖުމްހޫރިއްޔަތު ފައްކާވުމަށް ކުރިމަތިވާނެ ގޮންޖެހުމެއް. އަދި އަންނާނެ އުނިކަމެއް," ރައީސް ސޯލިހު ވިދާޅުވިއެވެ.
އެއާއެކު ޖުމްހޫރީ ހަޔާތުން ރާއްޖެ ކަޑައްތު ކުރި 54 އަހަރުގެ ތެރެއިން ފާއިތުވެދިޔަ ދެ އަހަރު އެންމެ ބޮޑު އިސްކަމެއްދިން އެއް ކަމަކީ ލާމަރުކަޒީ ނިޒާމު ކަމަށް ރައީސް ސޯލިހު ވިދާޅުވިއެވެ.
މިއަދު ކައުންސިލްތަކަށް ގާނޫނީ ބޮޑެތި ބާރާއި އިހުތިޔާރާއި އިމްތިޔާޒުތައް ދިނުމާއެކު ޖުމްހޫރިއްޔަތުގެ ހަގީގީ ބައިވެރިވުން، ހިންގުމުގެ ތެރެއަށް ފޯރާ ކަމަށް ރައީސް ފާހަގަކުރެއްވިއެވެ.
"ނަމަވެސް ލާމަރުކަޒީ ނިޒާމަކީ ވަކިވަކިވެ ބައިބައިވުމަށް ހުޅުވޭ ދޮރަކަށް ވެގެންނުވާނެ. ލާމަރުކަޒީ މި ފެށުން ކުރިއަށް އޮތީ ފައްކާވެ ފުރިހަމަ ވަމުން ދިއުން," ރައީސް ވިދާޅުވިއެވެ.
ރައީސްގެ ވާހަކަފުޅުގައި ލާމަރުކަޒީ ނިޒާމުގެ ތެރެއިން ގެނެވޭ ސަރަހައްދީ ތަރައްގީއަށް ވެސް އަލިއަޅުވާލެއްވެވިއެވެ.
އެގޮތުން ދިރިއުޅޭ ސަރަހައްދާ ގާތުން ފެންވަރު ރަނގަޅު ޒަމާނީ ސިއްހީ ފަރުވާ ލިބިދިނުމަކީ ސަރަހައްދީ ތަރައްގީގެ ފެށުން ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
"ރާއްޖޭގެ ފަސް ސަރަހައްދަކުން ޓާޝަރީ ފެންވަރުގެ ސިއްހީ
ހިދުމަތް ލިއްބައިދިނުމަށް ކުރެވޭ މަސައްކަތާއި ހޭދައަކަށް ހުއްޓުމެއް ނާދޭ. ބޮޑެތި ބައެއް އޮޕަރޭޝަންތައް ކުރުމާއި ސްޕެޝަލިސްޓް ހިދުމަތްތައް މާލެ ނައިސް ލިބޭނެ އިންތިޒާމް ހަމަޖެއްސިއްޖެ. އަދި މޮބައިލް ލެބޯޓްރީ ހިދުމަތާއި ނަފްސާނީ ދުޅަހެޔޮކަމުގެ މުހިންމުކަން ދެނެގަނެވިއްޖެ. ނަފްސާނީ ބަލިތަކަށް އާސަންދައިން
ފަރުވާ ކުރެވޭނެ ގޮތް ހެދިއްޖެ," ރައީސް ވިދާޅުވިއެވެ.
ހަމައެއާއެކު އަންނަ އަހަރު ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ޕްރައިމަރީ ހެލްތްކެއާގެ ނިޒާމު ހަރުދަނާ ކުރުމުގެ މަސައްކަތް ތަންފީޒުވާން ފަށާނެ ކަމަށް ރައީސް ވިދާޅުވިއެވެ.
އެމަނިކުފާނު ވިދާޅުވީ ސިއްހީ ހިދުމަތުގެ ފެންވަރު މަތިކުރުމުގެ މަސައްކަތް ކުރަމުންދާއިރު، ރަނގަޅު ކުރަން ވަރަށް ގިނަ ކަންކަން އަދިވެސް އެބަހުރި ކަމަށެވެ.